ޑރ. ޒިޔާދުގެ މައްސަލަ ބެލޭނެކަމަށް ކަނޑައަޅައިފި

Loading

Facebook
Twitter
WhatsApp

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި  މަދަނީ މިންގަޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑއަޅައިފިއެވެ.

މި މައްސަލައަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ކުރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ނަމަވެސް، މިހާތަނަށް ޝަރީއަތުގެ މަރުހަލާ ވެސް ފެށިފައިނުވެ އެވެ. އަދި، މައްސަލަ ބެއްލެވުމާ މިހާތަނަށް ތިން ގާޒީއަކު ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ މިސްބާހު ވަނީ ޒިޔާދުގެ މައްސަލައަކީ މައުޟޫއީ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާފަ އެވެ.

 

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފައެވެ.

ޑރ. ޒިޔާދުގެ ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދު ވިދާޅުވީ، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ނުނިމި އެއްއަހަރު ދުވަސް ފާއިތުވެފައިވާ ކަމަށެވެ. އަދި ކުށުގެ ވެށީގައި ނުހިމެނޭ ބަޔަކު އަދުލުގެ ނިޒާމްގެ ތެރެއަށް ވައްދައިގެން ދިގުދަންމަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އަދި މިއީ ޑރ. ޒިޔާދަށް ލިބޭ އެތައް ހައްގުތަކަކުން އޭނާ މަހްރޫމްވާ ކަމަކަށްކަމަށާ އޭނާގެ އަބުރަށް ވެސް އަސަރު ކުރާ ކަމަށެވެ. އަދި، މުޖުތަމައުގައި އޭނާގެ މަގާމަށް ވެސް އުނިކަން ލިބިމުންދާ ކަމެއްކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.
އަދި މި މައްސަލަ އަވަހަށް ގެންގޮސްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. ދަޢުލަތުންވެސް އެދިފައިވަނީ މި މައްސަލާގައި ތާވަލެއް އެކުލަވާލައިގެން ވީއެންމެ އަވަހަކަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށެވެ.

ޒިޔާދަށް ކުރާ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ފަސް ޝަފަވީ ހެއްކާއި ކިތާބީ ހެކިތަކެވެ. އެހެންކަމުން އެ މައްސަލާގެ ޝަރީއަތަކީ އަވަހަށް ހިންގާ ނިންމަލެވޭނެ ޝަރީއަތެއްކަން ޒިޔާދުގެ ވަކީލް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވިއެވެ.

 

ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ވަނީ، ދައުލަތަށް ގެއްލުންވާ ގޮތަށް ޒިކުރާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުން ހެދުމާއި އޭގެ ސަބަބުން އިކުއިޓީގެ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ.

 

އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް އަބްދުﷲ ސައީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ. އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް