ފަރަށް އެރި އާގުބޯޓް ފުންކުރަން ލަންކާއިން ޓަގްބޯޓެއް ގެންނަނީ

Loading

Facebook
Twitter
WhatsApp

 

ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރި އާގުބޯޓު ފުންކުރުމަށް ސްރީލަންކާ އިން ޓަގުބޯޓެއް ގެނައުމުގެ މަސއްކަތް ކުރަމުން އަންނަ ކަމަށް އެމް.އެން.ޑީ.އެފުން ބުނެފި އެވެ.

އެމް.އެން.ޑީ.އެފުން ބުނީ ބުރާސްފަތި ދުވަހު ފަރަށް އެރި އެ ބޯޓު ފުންކުރުމަށްޓަކާ ސްރިލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ރާއްޖެ ގެނައުމަށް މަސައްކަތްކުރާ ޓަގު ބޯޓު ހޯމަ ދުވަހު ރާއްޖެއަށް އައުމަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި އާގު ބޯޓަކީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެކެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 12:48 ހާއިރުކަމަށް އެމްއެންޑިއެފްން ބުނެއެވެ.

މި ބޯޓް އިންޖީނު ހުއްޓުމުގެ ސަބަބުން ރަސްފަރި ފަރަށް އެރިއިރު އޭގައި 19 ފަޅުވެރިން ތިބިކަމަށްވެއެވެ. މި އެންމެންނަކީ ވެސް ފިލިޕީންސް މީހުންނެވެ.

އާގު ބޯޓު އަރާފައިވަނީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ފަރަކަށެވެ. މި ބޯޓް ފަރަށް އެރުމުގެ ސަބަބުން ތިމާވެއްޓަށް ލިބިފައވާ ގެއްލުންތައްވެސް އީޕީއޭ އިން ދަނީ ބަލަމުންނެވެ.

އެމްއެންޑީއެފުން ބުނީ އާގުބޯޓު ނިސްބަތްވާ ގްރީސްގެ ކުންފުނިން އެމީހުންގެ އޭޖެންޓަކަށް ”އަންޓާކް މޯލްޑިވްސް“ ނަމަކަށްކިޔާ ދިވެހި ކުންފުންޏެއް ހަމަޖައްސާފައިވާކަމަށެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ”ނެވިއޮސް އަމަރީލިސް“ އާގުބޯޓަކީ 58735 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުޅާމިނުގައި 32.26 މީޓަރު އަދި ދިގުމިނުގައި 189.99 މީޓަރު  މި ބޯޓުގައި ހުރެ އެވެ.

ފަރަށް އަރާ އުޅަނދުތަކާ މެދު އީޕީއޭ އިން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، ހިމާޔަތްކޮށްފައިވާ ފަރަކަށް ބޯޓެއް އަރައިފި ނަމަ ޖޫރިމަނާ ކުރާނެ އެވެ.އެއީ ފުރަތަމަ ފަހަރު ކަމުގައި ވީ ނަމަވެސް ޖޫރިމަނާ ކުރާނެއެވެ. ނަމަވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދު ނޫން ސަރަހައްދަކަށް އަރައިފިނަމަ ފުރަތަމަ ދޭނީ އިންޒާރެކެވެ. ދެވަނަ ފަހަރަށް އެ ބޯޓެއް އެރި ނަމަ ޖޫރިމަނާ ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް