ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ތަފާސްހިސާބުގެ ގާނޫނުގެ ދަށުން އުފެއްދި މިނިވަން މުއައްސަސާއެއް ކަމަށްވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މި މަގާމަށް އައްޔަންކުރެއްވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ އައިޝަތު ހަސަން އެވެ. އައިޝަތު ހަސަނަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

މިމަގާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.އެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ އެ މަގާމަށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

ތަފާސްހިސާބުގެ ގާނޫނުގައިވާގޮތުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، ޕްލޭނިންގ މިނިސްޓަރުގެ ލަފާގެމަތިން ޗީފް ސްޓެޓިސްޓީޝަނެވެ. ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ޕްލޭނިން މިނިސްޓަރެވެ.

މިދިޔަ މަހު 20 ގައި އަމަލުކުރަންފެށި ތަފާސްހިސާބުގެ ގާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ގައުމީ ނިޒާމެއް ގާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި އާންމުކުރުމާއި ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނަށް އާމަލުކުރަން ފެށުމާ އެކު، ރާއްޖޭގެ ތަފާސްހިސާބާގުޅޭ އެންމެހައި ކަންކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައެޅުމަށާއި މި ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި ”މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް“ ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދި އެވެ. އަދި، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުން އައި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހުރިހާ ކަމެއް މި އިދާރާގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްގީ ކުރުމާއި ގައުމުގެ އިގުތިސާދީ އިޖްތިމާއީ އަދި ތިމާވެށީގެ ހާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ގައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިން ކަމަށް ބުނެފައިވެ އެވެ.

މި ގާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް އަދި ތަފާސްހިސާބުގެ ގައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭން 10 މެންބަރުންގެ މަށްޗަށް އެކުލެވިގެންވާ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް