ތިލަފުށީގައި ކުނި މެނޭޖް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މި ދުވަސްކޮޅު ކުރަމުން އަންނައިރު އެކާމާއިގުޅިގެން އެ ރަށުން ގިނައިން ދުން އަރާނެތީ އެކަމާ ސަމާލުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެދެފިއެވެ.
ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފަށާފައެވެ.
އެގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ދުން އެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި ބެލެވޭ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ވީހާވެސް ދުން އެރުން މަދުކޮށް މަސްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށާ ނަމަވެސް އެ ގޮނޑަކީ އެތަކެއް އަހަރު ވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން އެތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އަދި މިކަމުގެ ސަބަބުން ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ކުރިމަތި ވެދާނެ އުނދަގުލެއްކަމުން އެކަމަށް ސަމާލުވާން އެދޭ ކަމަށް ވެސް އެމިނިސްތްރީން ބުނެއެވެ.
އެންވަޔަރްމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަފުށީގައި ކުނި އަންދާ ސަރަހައްދުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަން ކުރަމުން އަންނާތީ ދުމުގެ އަސަރު ކުރިއަށް ވުރެ ބޮޑަށް ކޮށްފާނެ ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމުމަށް ކަމަށެވެ.
ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޑީބީ އާއި އޭއައިއައިބީ އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީގައި ފަށާފައިވާ ކަމަށް ވެސް އެމިނސްޓްރީން ބުނެއެވެ.
އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީ އާއެކު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.
One Response
ދުން އަރަނީތަ ނުވަތަ ދުން އަރުވަނީތަ؟ ހައްދެއްނެތި ކުނި އަންދަންޔާމު ދުންއަރާނެއެވެ. ކޮބާ އެންވަޔަރމެންޓް މިނިސްޓަރު؟ ކޮންޓުރޯލް ކުރެއްވުން އެދެމެވެ.