އަފުޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ޠާލިބާންގެ ހަނގުރާމަވެރިން އެރުމާއެކު ރައީސް އަޝްރަފް ޣަނީ ރައްޔިތުންނަށް ވާނުވާއެއް ގައުމަށް ވާނުވާއެއް ބެއްލެވުމެއް ނެތި ގައުމުން ފިއްލަވައި ވަޑައިގަތެވެ.
ރަޝިޔާއިން ބުނި ގޮތުގައި ރައީސް އަޝްރަފް ޣަނީ ފިއްލަވައިގެން ވަޑައިގަތީ ގިނައަދަދެއްގެ ފައިސާ ހިއްޕަވައިގެންނެވެ. ހަތަރު ކާރާއި ހެލިކޮޕްޓަރެއްގައެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަވަހަށް ވަޑައިގަންނަވަން ހައްދަވައިގެން ގެންދަވަން ބޭފުޅުވި ހުރިހާ ފައިސާއެއް ނުވެސް ގެންދެވުނެވެ. ފައިސާ އަޅައި ފުރާލައިގެން ގެންދާނެ ތަކެތިވެސް ވަގުތުގެ ދަތިކަމާ ހެދި ނުލިބުނީއެވެ.
އަފްޣާނިސްތާނުން ތަޖަކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ މުޙައްމަދު ޒާހިރު ވިދާޅުވި ގޮތުގައި ރައީސް އަޝްރަފް ޣަނީ ގެންދެވީ 169 މިލިއަން ޑޮލަރެވެ.
ފުރަތަމަ އަޑު އެރީ ރައީސް އަޝްރަފް ޣަނީ ފިއްލަވައިގެން ވަޑައިގަތީ ތަޖަކިސްތާނަނަށް ކަމަށެވެ. އަދި އޭނާ އޮމާނުގައި ހުންނެވިކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ޔޫއޭއީގައި ކަމަށް އެ ގައުމުގެ ސަރުކާރުން ރަސްމީގޮތުން ވަނީ ބުނެފައެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުން ރައީސް އަޝްރަފް ޣަނީއަށް ޔޫއޭއީން ސިޔާސީ ހިމާޔަތް ދެއްވީ އެމެރިކާގެ އެދުމުގެ މަތީންނެވެ. ޔޫއޭއީއަކީ އެމެރިކާގެ ބެރަށް ނަށާ ގައުމެކެވެ.
ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެއްލެވުމެއްނެތި އަމިއްލަފުޅު ފުރާނަ ސަލާމަތްކުރެއްވުމުގެ ގޮތުން ރައީސް އަޝްރަފް ޣަނީ ފިއްލަވައި ވަޑައިގަތީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަރިހުގައި އާއިލާގެ ބޭފުޅުންނާއި އެކުވެރިންގެތެރެއިން ބައެއް ބޭފުޅުން ގެންދެވިއެވެ. އެންމެ އަރިސް ބައެއް ބޭފުޅުންނަށާއި ސިފައިންގެ އިސްބޭފުޅުންނަށް ވެސް އަޝްރަފް ކުޅުއްވި ގޭމެއް އެނގިވަޑައެއް ނުގެންނެވިއެވެ.

ޠާލިބާނުން ކާބުލް ހިފައި އަފްޣާނިސްތާނު، ޠާލިބާންގެ ބާރުގެ ދަށަށް ގެންދިޔަފަހުން އެމެރިކާއިން ވަނީ އަފުޣާނިސްތާނުގެ 9.5 ބިލިއަން ޑޮލަރު ހިފަހައްޓާފައެވެ. އީރާނުގެ އެތައް ސަކޭކަ މިލިއަން ޑޮލަރެއްވެސް އެމެރިކާއިން ހިފަހައްޓާފައިވެއެވެ. އަދި އެމެރިކާއިން އަފްޣާނިސްތާނަށް ދެމުން އައި އެހީތައް ވެސް ވަނީ ހުއްޓާލާފައެވެ. އެއީ އެއިން ލާރިއެއް ޠާލިބާނުންގެ އަތުގައި ހޭކިދާނެކަމަށް ބުނެއެވެ. އެކަމަކު އެމެރިކާއިން ބުނަމުން ދަނީ އެމީހުން މަސައްކަތްކުރަމުން ދަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަމަށެވެ. އިންސާނީ ހައްގުތަކަށްޓަކައި ކަމަށެވެ.
ޠާލިބާނުންނާ ދެކޮޅަށް 20 އަހަރު ކުރިން އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން ފެށި ހަނގުރާމައިން އެމެރިކާ ވަނީ ބަލިވެ އަފުޣާނިސްތާނުން ފައިބަން ފަށާފައެވެ.
ރައީސް އަޝްރަފް ޣަނީ ގައުމުގެ ޚަޒާނާއިން ގިނައަދަދެއްގެ ފައިސާ ގެންދެވިކަމަށް ގިނަބަޔަކު ދައްކަމުންދާ ވާހަކައަށް ޖަވާބު ދެއްވަމުން އަޝްރަފް ވިދާޅުވީ އޭނާ ފައިސާ ނުގެންދަވާކަމަށެވެ. ނަމަވެސް ރައްޔިތުން ހޮވާފައިވާ ވެރިޔަކު ގައުމާއި ރައްޔިތުންނަށް ފިއްލަވައިގެން ވަޑައިގަތުމުން ދެން އޭނާ ދައްކަވާ ވާހަކަ ގަބޫލު ކުރާނީ ރައްޔިތުންގެ ތެރެއިން ކިތައް މީހުން ބާވައެވެ!