ހިންދީ ފިލްމީ ދުނިޔޭގެ އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ޝާހު ރުޚު ޚާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހުރީ ފިލްމު ކުޅެން ތައްޔާރުވެގެން ކަމަށް ޚަބަރު ލިބިއްޖެއެވެ.
މޮޅު ފިލްމުތަކެއް ކުޅެ މޮޅަށް ތަމްސީލު ކުރަމުންދާ ޝާހު ވަނީ އޭނާގެ ދަރިފުޅު ފިލްމު ކުޅެން ބޭނުން ވެގެން އުޅޭ ވާހަކަ އެތައް ފަހަރެއްގެ މަތީން ދައްކާފައެވެ.
ސުހާނާ ފިލްމު ކުޅެން ދެކެމުންދާ ހުވަފެން ވަރަށް އަވަހަށް ހަގީގަތަކަށް ވާން އުޅޭކަމުގެ ހެކިތައް މިހާރު ވަނީ ފެންނަން ފަށާފައެވެ.
މަގުބޫލު ޑިރެކްޓަރ ޒޯޔާ އަޚުތަރު ދެން އެންމެ އަވަހަށް އުފައްދާ ފިލްމުގައި ސުހާނާ ބައިވެރިކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
އިންޑިއާގެ މީޑިއާއިން މައުލޫމާތު ދީފައިވާ ގޮތުގައި ޒޯޔާގެ ފިލްމުގެ ބޮޑުބައި ކުޅޭނީ ސުހާނާއެވެ.
ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވަނީ ބައެއް ކުރު ފިލްމުތައް ކުޅެފައެވެ. ނަމަވެސް ހިންދީ ފިލްމީ ދުނިޔެއަށް އައުމަށް ސުހާނާ ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކަށް ވާނީ ޒޯޔާގެ ފިލްމުގައި ހަރަކާތްތެރިވުމެވެ.
ހިންދީ ފިލްމީ ދުނިޔޭގެ ކަންތައްތަކަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ސުހާނާއަކީ ޝާހު ރުޚު ޚާންގެ ދަރިއަކަށް ވިޔަސް ފިލްމީ ދުނިޔެއިން ކާމިޔާބު ހޯދަން އޭނާއަށް ވަރަށް ގިނަ ހުރަސްތަކާ ކުރިމަތިވާނެއެވެ.