ކުނި ބައި ބަޔަށް ވަކިކުރުމަށްފަހު ނެރެންޖެހޭގޮތަށް ބަދަލުގެނެސް އެގޮތަށް އެކަން ނުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން އިސްލާހެއް ގެނެސްފިއެވެ.
މި އިސްލާހުގައިވާ ގޮތުން ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ކުނި ނެރޭއިރު ނެރެން ޖެހޭނީ ވަކި ބައިތަކަށް ކުނި ބައިކުރުމަށްފަހު އެވެ.
މި އިސްލާހުގައި ވާގޮތުން ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ހުންނަން ޖެހޭނީ ވަކިވަކިން ބައިކޮށްފައެވެ.
އެގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ ހަތަރު ބަޔަކަށް ވަކިކޮށްފައެވެ. އަދި މާލޭ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ ތިން ބަޔަކަށް ވަކިކޮށްފައެވެ.
މާލޭ ސިޓީ ފިޔަވާ އެހެން ތަންތަނުގައި ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ގޮތް:
- ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މައުދަނާއި ބިއްލޫރީގެ ބާވަތްތައް
- މަތީގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި
މާލޭ ސިޓީގައި ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ގޮތް:
- ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މަތީގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި
އިސްލާހުގައިވާގޮތުން ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހުއްދަ ދީފައިވާ އެއްގަމު އަދި ކަނޑުގެ އުޅަނދުތަކުގައިވެސް ކުނި އުފުލަން ވާނީ ބައިބަޔަށް ވަކިކޮށްގެން، އެކަތި އަނެކައްޗާއި އެއްނުވާނެހެން ވަކިންނެވެ.
ކުނި ވަކި ނުކުރާ ފަރާތްތައް ޖޫރިމަނާކުރަން އިސްލާހުގައި ވާއިރު ޖޫރިމަނާ ކުރަން ހަމަޖައްސާފައިވަނީ ގޭބިސީތަކުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އަދި އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށެވެ.
ކައުންސިލުތަކުންނާއި ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތަކުން، ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާ ކުރަންނިންމާފައިވާއިރު ދެވަނަ ފަހަރު 700 ރުފިޔާއިން، އަދި ތިންވަނަ ފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ސިނާއީ ރަށްތަކުގައާއި ޓޫރިސްޓު ރިޒޯޓުތަކުގައި ކުނި އުފައްދާ ފަރާތްތަކުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރު 1،500 ރުފިޔާއިން، އަދި ތިންވަނަ ފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
މި އިޞްލާޙުގައިވާގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ވަކި ކުރުމުގެ މާއްދާއަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ވަކިކުރުމުގެ މާއްދާއަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2022 އިން ފެށިގެންނެވެ.
މި އިސްލާހުގެ ދަށުން ހުރިހާ ރަށެއްގައިވެސ ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ހަރަދަށް ގާނޫނީގޮތުން ޒިންމާ ވާން ޖެހޭނެއެވެ.