މިދިޔަ ހޯމަދުވަހު މެލޭޝިޔާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމާ އަލަށް ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު އައްޔަނު ކުރުމުގެ މަސައްކަތުގައި އެ ގައުމުގެ އިސްވެރިން ދަނީ އަވަދިނެތި މަސައްކަތް ކުރައްވަމުންނެވެ.
ޑަޓުކް އަޒީޒް ޖަމާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ މެލޭޝިޔާގެ ޔޫތު ޗީފް، ޕަރްތީ ވަރިސާން ވަނީ ޑަޓުކް ސެރީ އަންވަރް އިބްރާހީމް ބޮޑުވަޒީރުކަމުގެ މަގާމަށް ހޮވުމަށް އެހީތެރިވެ ވަޑައިގަންނަވާނީ ވަކި ޝަރުޠެއް ފުރިހަމަވެގެން ކަމުގައި ވިދާޅުވެފައެވެ.
އެ ޝަރުތަކީ ޕަކަޓާން ހަރުޕާން (ޕީ.އެޗް)ގެ ތާއީދާ އެކު ސަރުކާރެއް ހިންގޭވަރުގެ އަދަދެއްގެ ބަޔެއްގެ ތާއީދު އޭނާއަށް ލިބިވަޑައިގަތުމެވެ. އެ އަދަދުގެ ތަފްސީލު ދެއްވުމަށް ކުރެވުނު ސުވާލުގެ ޖަވާބުގައި އޭނާ ފާހަގަކުރެއްވީ މިވަގުތު އަންވަރަށް ތާއީދުކުރައްވަނީ އެމް.ޕީންގެ 220 ބޭފުޅުންގެ ތެރެއިން 105 ބޭފުޅުންނެވެ. އަދި އެ އަދަދު 111 އަށް އަރައިފިނަމަ އޭނާ އަންވަރް އިބްރާހީމް ބޮޑުވަޒީރުގެ މަގާމަށް ހޮވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމާމެދު ވިސްނާވަޑައިގަންނަވާނެކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ހާމަކޮށްފައިވެއެވެ.
އެ އަދަދު ހަމަކުރަން ބޭނުންވަނީ އެންމެ ހަތް މެމްބަރުން ކަމަށް ވުމާއެކު އަންވަރް އިބްރާހީމް މަޖިލީހުގެ ތެރެއިން ކޮންމެވެސް ހަތް މެމްބަރެއްގެ ތާއީދު ހޯއްދަވައިފި ނަމަ ޔޫތު މިނިސްޓަރުގެ ތާއީދު އޭނާއަށް ލިބިވަޑައިގަތުމަކީ އެކަށީގެންވެއެވެ.
އަންގާރަދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ބޮޑުވަޒީރުގެ މަގާމަށް ކުރިމަތި ލައްވަން ބޭނުންފުޅު މެމްބަރުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.