ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިހާބު 2021 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑި ޑޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ.
އެމްޑީޕީން ބުނީ މި ލިސްޓަކީ އެޕާޓީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް 24 އެޕްރިލް 2021 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ކަމަށެވެ.
އެމްޑީޕީން ބުނީ އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެކަމަށާ އެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާއި ހަމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ ޝަކުވާ ސިޓީގެ ހާޑްކޮޕީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް ސެކްރެޓޭރިއެޓް ދެ ވަނަ ފަންގިފިލާއިންކަމަށެވެ އަދި އީމެއިލުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމުން ބަލައިގަނެވޭނެ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ކުރިން ބާއްވަން ނިންމީ މެއިމަހުގެ 29 ވަނަ ދުވަހުގައެވެ.
ނަމަވެސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެޕާޓީގެ ދާއިރާތަކުގެ އިންތިހާބު ވަނީ ލަސްކޮށްފައެވެ.