އެމްޑީޕީގެ ނިންމުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ނިންމުމެއް، ހައްގުހޯދުމަށް މަސައްކަތްކުރާނަން: މަހްލޫފް

Loading

Facebook
Twitter
WhatsApp

 

 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭނެ ގޮތަށް ނިންމުމަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ނިންމުމެއްކަމަށާ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މަހުލޫފަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އަދި  އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021 ގައި ވާދަކުރުމަށް އޭޕްރީލް 24 ގައި ހުޅުވާލުމާއި ގުޅިގެން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ކެންޑިޑޭޓުން ބެލުމަށް ފަހު ކަމާއިގުޅޭ މުއައްސަސާތަކަށް ފޮނުވުމުން އޭގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަހުމަދު މަހުލޫފްގެ މައްސަލައެއް ބަލަމުންދާ ކަމަށް އަންގާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މަހުލޫފް ވާދަކުރައްވަން ނިންމެވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

މަހުލޫފު ވިދާޅުވީ އޭނާ އަށް އިންތިހާބުގައި ބައިވެރި ނުވެވޭނެކަމަށް އެންގި އެންގުމުގެ ފަހަތުގައި އޮތީ ސިޔާސީ ކަންތައްތަކެއްކަމަށެވެ.

 

އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނަވާފައި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެއްވުމުން ހަމައެއްނުޖެހޭކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

އަދި ޖިނާއީ ކުށެއް ސާބިތުނުވާހާ ހިނދަކު އިންތިހާބުގައި ވާދަކުރެވެންވާނެކަމަށާއި އެހައްގު ހޯދަން މަސައްކަތް ކުރާނެކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެމްޑީޕީގެ އެނިންމުމަކީ އެ ޕާޓީން އަބަދު ވަކާލާތުކުރާ އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއްކަމަށެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ.

އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމެއެވެ.

މަހްލޫފްގެ އިތުރުން، ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެކަން އަންގާފައެވެ. މި މައްސަލައިގައި އަކްރަމްވެސް ވިދާޅުވަނީ ޑިމޮކްރަސީ ކުރިއަރުވާ ޕާޓީގެ ނިންމުން ޑިމޮކްރަސީގެ ރޫހާ ހިލާފު ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް