ޗައިނާއިން މާސްކުއެޅުމާބެހޭ އާ އުސޫލުތަކެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

ޗައިނާއިން މާސްކުއެޅުމާބެހޭ އައު އުސޫލުތަކެއް އާންމުކޮށްފިއެވެ.

ޗައިނާގެ ސިއްހީ އިދާރާތަކުން މި އުސޫލުތައް އާންމުކޮށްފައި ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް ވައިރަހުގެ ޑެލްޓާ ވެރިއަންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓުގެ ބިރު ޗައިނާ ޕްރޮވިންސުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރަށް ފޯރާފައިވާއިރު އެއިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއްވެސް ދަނީ އަޅަމުންނެވެ. އޭގެ ތެރޭގައި ފުރަބަންދު ކުރުމާއި ކޮވިޑް-19 އަށް ޓެސްޓުކުރާ މިންވަރު އިތުރު ކުރުމުގެ އިތުރަށް ދަތުރުފަތުރު ކުރުމާ ބެހޭ ގަވާއިދުތައް ހަރުކަށިކުރުން ހިމެނެއެވެ.

ޑެލްޓާ ވެރިއަންޓުގެ ރާޅު އަރާފައިވަނީ، މަދުމަދުން ކޮރޯނާ ވައިރަހުގެ ކޭސްތައް ފެނުނު ނަމަވެސް އާންމު ހާލަތަށް ޤައުމު ރުޖޫއަ ވެފައި ވަނިކޮށެވެ. އަދި ހަމައެއާއެކު ގިނަ ސިޓީ ތަކުގައި މަސައްކަތް ކުރާ މީހުން މާސްކު ނާޅައި އުޅުމާއި، ފަތުރުވެރިން ޒިޔާރާތްކުރާ ތަންތަނުގައިވެސް މާސްކު ނާޅައި އުޅުމާއި އަދި މިޔުޒިކު ޝޯތައް ބޭއްވުން ފަދަ ކަންކަން އިތުރު ވެފައި ވަނިކޮށެވެ.

ކޮރޯނާ ވައިރަހުގެ ވެކްސިން ފުރިހަމަ ކުރުމަށްފަހު މާސްކު ނާޅާ އުޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ.

ޗައިނާގެ ސިއްހަތާބެހޭ ޤައުމީ އިދާރާއިން މިދިޔަ ހުކުރު ދުވަހު ނެރުނު އާ އުސޫލުތަކުގައި ވާގޮތުން ފިހާރަ، ސުޕަމާރކެޓް، ސިނަމާ، އެއާޕޯޓް އަދި ޕާކު ފަދަ އެކަކަށް ވުރެ ގިނަމީހުން ތިބޭ ތަންތަނުގައި މާސްކުއަޅަން ޖެހޭނެއެވެ.

މި ގަވާއިދުތަކުގައި އިސް ސަފުގައި ހަރަކާތްތެރިވާ، ފަސޭހައިން ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މީހުންނަށް އިސްކަންދީފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ އެހީތެރިންނާއި ސެކިއުރިޓީ ގާޑުން، ޑުރައިވަރުން އަދި އެއާރޕޯޓުތަކުގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

ޗައިނާގެ ސިއްހަތާ ބެހޭ އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ވާގޮތުން އެ ގައުމުން މިހާތަނަށް 770 މިލިޔަން މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. އެއީ އެޤައުމުގެ 1.4 ބިލިޔަން އާބާދީގެ 55 އިންސައްތައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް