އެމްޑީޕީ ތެރޭގައި އުފެދިގެން އުޅޭ ފިތުނައިން ސަލާމަތް ވުމަށް ބުރަމަސައްކަތް ތަކެއް ކުރަން ޖެހޭ

271

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭ ކަމަށާއި މިހާރު އެކަން ޙާޞިލު ކުރެއްވިފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް އެމްޑީޕީގެ އިސްލީޑަރެއްގެ ހައިޘިއްޔަތުން އެމަނިކުފާނު ކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ޕީޕީއެމާއި ގުޅިގެން އެމްޑީޕީ ސިޔާސީ މަސައްކަތް ކުރަން އުޅޭ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ޕީޕީއެމާއެކު އެމްޑީޕީން ސިޔާސީ މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީން ޕީޕީއެމާއެކު ސިޔާސީ މަސައްކަތް ކުރަން ނިންމާފައި ނުވާނޭ ކަމަށާއި އެމްޑީޕީން ކަންކަން ކުރާނޭގޮތް ޕާޓީގެ ގަވާދުދުގައި ބަޔާން ކުރެވިފައިވާނޭކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ޕީޕީއެމާއެކު މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާނަމަ އެކަން ކުރެއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ބޮޑު ޕާޓީއެއް ކަމަށް ވީހިނދު ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އޮންނާނޭ ކަމަށާއި އޭގެތެރެއަށް ވަންނަވައި އެކަންކަމަށް ރައްދު ދެއްވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ދެން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާ ބެހޭގޮތުން ރައީސް ޞާލިޙު ވިދާޅުވީ މިހާރު މިއޮތްގޮތުން 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އެމަނިކުފާނަށް އެބައޮތް ކަމަށާއި އަދި އެކަން ބަންދު ނުވާކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިވަގުތު އެމަނިކުފާނު އިސްކަން ދެއްވަނީ ވެފައިވާ ވަޢުދުތައް ފުއްދަވާށެވެ.

ރައީސް ރައީސް ޞާލިޙުގެ ވާހަކަފުޅުތަކާ މެދު ވިސްނާލުމުން ދެފަށް ދަންމާނު ލާފައި ވާކަން ފާހަގަ ކުރެވެއެވެ.

ނަޝީދު: ޕާޓީގެ ރައީސް ޕާޓީގެ ސިޔާސަތާ ދެކޮޅު ވާހަކަ ދައްކަވާ

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި އެމަނިކުފާނު އެމްޑީޕީ ދޫކުރައްވައި ވަޑައިނުގަންނަވާނޭކަމަށް ވެސް ވިދާޅުވިއެވެ. ދަންމާނުގެ ފުރަތަމަފަށަށް ދަމާލުމުން ދޭހަވާ އެއްކަމަކީ ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވައިގެން ޕީޕީއެމްއާއެކު ސިޔާސީ މަސައްކަތްޕުޅެއް ނުކުރެއްވޭނެ ކަމެވެ. އެމަނިކުފާނު ޕީޕީއެމާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުނަމަ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންކޮޅާއެކު އެމްޑީޕީ ދޫކުރައްވައި ވަޑައިގެން މަސައްކަތް ކުރެއްވޭނެ ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއާ ބެހޭ ގޮތުން ވިދާޅުވި ވިދާޅުވުމަށް ބަލާއިރު ދެގޮތެއް ފާހަގަ ކުރެވެއެވެ.

އެއްގޮތަކީ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އެކަން ޙާޞިލު ކުރެއްވިފައި ވާކަމެވެ. އަނެއްގޮތަކީ ރައީސް ޞާލިޙު ނެރުއްވާ ވިޕްލައިންތަކާ އެއްގޮތަށް ސީދާ އެމަނިކުފާނުގެ ބާރުގެ ދަށަށް މަޖިލީހުގެ މެޖޯރިޓީ ގެނެސްފައިވާކަމެވެ. އަނެއްކޮޅުން އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވަން އަދި ނިންމަވާފައި ނުވާކަން ފާހަގަކުރެވެއެވެ. އެއީ ރައީސް ނަޝީދާއެކު ދެކެވިފައިވާ ވާހަކަ ތަކާމެދު އަދި ގޮތެއްނިންމަން ދަތިފުޅު ވީމައެވެ. އެހެނަސް ރައީސް ނަޝީދުގެ ޚިޔާލުފުޅު ބަދަލުވެ ޕީޕީއެމާއެކު ސިޔާސީ މަސައްކަތްކަތްޕުޅު ކުރައްވަން ނިންމަވައިފިނަމަ ރައީސް އިބޫ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެއެވެ. އެހިސާބުން ރައީސް ނަޝީދަށް ޖެހިވަޑައިގަންނަވާނީ މައުމޫނަށް ޕީޕީއެމް ގެއްލިގެންދިޔަ ދަތުރެވެ.

ރައީސް ޞާލިޙުގެ ސިޔާސީ ބައިވެރިންނަކީ ކޯލިޝަންގެ ތެރެއިން ކޮންމެވެސް ބައެއްކަން ދޭހަވެއެވެ. ދަންމާނުގެ އަނެއް ފަށަށް ވާންކޮށްލުމުން ފެންނަނީ ރައީސް ނަޝީދުއަށް ކުތިމަތިވި އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ބަޔަކު ރާވައިގެން ދިންޙަމަލާއާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުން ލަސްވާތީ އެމަނިކުފާނު ކުރައްވާ ޝަކުވާއެވެ. އެކަންވެސް ޙިކުމަތްތެރި ކަމާއެކު ރައީސް ޞާލިޙު ދަނީ ކުރައްވަމުންނެވެ. އޭގެ ފުރަތަމަ މަރުޙަލާ މިހާރު ވަނީ ފަށްޓަވާފައެވެ.

އެމްޑީޕީގެ މެންބަރުން އެދި ގޮވަނީ ރައީސް ޞާލިޙާއި ރައީސް ނަޝީދު ގުޅިވަޑައިގެން ރާއްޖެ އިސްލާހު ކުރެއްވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށެވެ.

ކޮންމެއަކަސް އެމްޑީޕީގެ ދެރައީސުންގެ ދެމެދަށް ކޯލިޝަނުގެ ތެރެއިން ބަޔަކު ވަންނަން މަސައްކަތް ކުރަމުންދާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މިހެން ވެއްޖެނަމަ އަބަދަށްޓަކާ އެމްޑީޕީ ފުނޑި އަނިޔާވެރި ފިކުރު މި ރާއްޖޭގައި ފެތުރިގެން ދާނެއެވެ.

ރައީސް އިބޫ މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭ މިންވަރަށް ބާރު އެއްކުރައްވައިގެންނެވެ.

ދެން ވާގޮތެއް އެނގޭނީ ރައީސް ނަޝީދު މާލެ ވަޑައިގެން ކަންތައް ކުރައްވާ ގޮތަކުންނެވެ.

މިސާލަކަށް ރައީސް ނަޝީދު ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމުގެދަށުން ރާއްޖޭގެ ވެރިކަން ކުރެއްވުމަށެވެ. އެހެންކަމަށް ވިޔަސް ރައިސް ޞާލިޙު ބާކީއެއް ނުވާނެއެވެ. އެކަކު ބޮޑުވަޒީރަކަށް އަނެކަކު ރައީސަކަށް ހުރެވިދާނެތާއެވެ! ކޮންމެއަކަސް އުފެދިގެން މިއުޅޭ ފިތުނައިން ސަލާމަތް ވުމަށް އެމްޑީޕީ ބުރަމަސައްކަތް ތަކެއް ކުރަން އެބަޖެހެއެވެ.

1 ހިޔާލު

  1. ވެރިކަމާއި ހެދި ބަގުޑީލިން. ވަރަށް ރައްޔަތުންނަށް ނުރައްކާތެރި ގޮތެއް. ބޮޑު ދެގެރި ތަޅަންޏާ ކައްގތަލަށް ބާރު ބޮޑުވާނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ