މާލޭގެ މަގުތައް ތޮއްޖެހުން

Loading

Facebook
Twitter
WhatsApp

މާލޭގެ މަގުތައް ތޮއްޖެހި ފިތިބާރުވާ މައްސަލައަށް ޙައްލެއް ފެންނާނެ ބާވައެވެ!

ގްރޭޓަރ މާލެއަކީ އިންތިހާއަށް މީހުން ގިނަވެ ތޮއްޖެހިފައިވާ ސިޓީ އެކެވެ. ރާއްޖޭގައި ވެރިކަން ކުރަނީ މި ސިޓީގައެވެ. އަދި މުޅިރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކީ ވެސް ހަމަ މާލެ ސިޓީއެވެ. އެހެންކަމުން އޮފީސްތަކަށާއި ވިޔަފާރި ކުރުމަށް ދުވާލަކު އެވްރެޖްކޮށް ލައްކައެއްހާ މީހުން އަބަދުވެސް މަގުތަކުގައި ޙަރަކާތް ތެރިވަމުން ދެއެވެ. މީގެ ތެރެއިން ގިނަމީހުން އުޅެނީ ވެހިކަލް ތަކުގައެވެ.

މާލެ ސިޓީގެ މަގެއްގެ ފުޅާމިނުގައި 30 ފޫޓު ނުހުރެއެވެ. ހަނިހަނި މަގުތަކެވެ. އަނެއްކޮޅުން ފިހާރަތައް ގިނަ މަގުތައް ޢާންމުކޮށް ހަންޏެވެ. މިފަދަ ހަނި މަގުތަކުގައި ބޮޑެތި ލޯރިޔާއި ޕިކަޕް ފަދަ ތަކެތި މުދާ ހުސްކޮށް ބަރުކޮށް ހަދަނީ މިދެންނެވި ހަނި މަގުގައި ތިބެގެންނެވެ. އަދި އޭގެއިތުރުން މިފަދަ ބައެއް މަގުތަކުގައި ސައިކަލް ޕާކުކޮށްފައި ވެސް ހުރެއެވެ. ބައެއް މަގުތަކުގައި މަގުގެ ދެފަރާތުގައެވެ. އެހެން ކަމުން އެމަގުތަކުން ދުއްވާފައި ދާ ވެހިކަލްތައް ތޮއްޖެހި ފިތިބާރުވެފައި އެތައް އިރަކު ތިބެންޖެހެއެވެ. މިސާލަކަށް ސޯސަންމަގު ޖަނަވަރީ މަގުގައި ދެފާރާތު ކާރާއި ޕިކަޕާއި ވޭންފަދަ ވެހިކަލް ބައެއްފަހަރު މަގުގެ ދެފަރާތުގައި ދެބަރިއަށް ޕާކު ކޮށްފައި ހުރެއެވެ. އެފަދަ ގަޑިތަކުގައި ދުއްވާތަކެތި ފިތިބާރުވެގެން ފުދޭވަރެއްގެ ގިނަ ވަގުތު ދަތުރު ނުކުރެވި ގެއްލިގެން ދެއެވެ. މިފަދަ ވަގުތުތަކަކީ މަގުމަތީގެ ގަވާއިދުތަކަށް އެއްވެސް ބަޔަކު ބަލައިގެން އުޅޭ ވަގުތު ތަކެއް ނޫނެވެ. މިއީ ޢާންމުކޮށް ދިމާވާ ކަމެކެވެ. މިކަހަލަ ވަގުތުތަކުގައި އެމަގުތަކަށް ޓްރެފިކް ޕޮލިހުންގެ ބޭނުން ޖެހިފައި ވިޔަސް އެކަން ކުރަމުން އަންނަ ތަނެއް ނުފެނެއެވެ. ފުލުހުން ޔުނީ ފޯމްލައްވާފައި އެފޮނުވަނީ ކޮންތާކަށް ބާއެވެ؟

މާލޭގެ މަގެއް ދެފަރާތުގައި ޕާކްކޮށްފައި: ތަރުތީބެއް ނެތުމުން ދަތުރުކުރަން ވަރަށް އުނދަގޫވޭ

ބާޒާރުމައްޗަށް ބަލާއިރު ހެންވޭރުން ބާޒާރަށް ދާން ދަތުރު ކުރަން އޮންނަ ބޮޑު މަގަކީ ބޮޑުތަކުރުފާނުމަގު އެކަންޏެވެ. ދެންއޮންނަ މެދުޒިޔާރަތްމަގުގެ ވަކި ހިސާބަކުން އޮންނަނީ ބަންދުކޮށްފައެވެ. ކަސްޓަމް ސަރަޙައްދުންފެށިގެން އެން.އެމް.އޭއާ ދެމެދުގެ ބާޒާރުމަތީގެ ގޯޅިތަކަކީ ވެސް ޓްރެފިކް ޕޮލިހުންގެ އެހީ ނުލިބި ދަތުރުކުރަން ވަރަށް ބާރު ބޮޑުމަގުތަކާ ގޯޅި ތަކެކެވެ. ކިތަންމެ ގަދައަށް އަވިދިނަސް ވާރޭ ވެހި ތެމުނަސް ސައިކަލް ދުއްވާ މީހާއަށް ހިމާޔަތެއް ނެތެވެ. މާލޭގެ މަގުތަކުގައި ޕާކިން ކުރަނީ ރަނގަޅަށްތޯވެސް ނުބަލައެވެ. ނުބެލޭނެ ތާއެވެ! ވާރޭ ވެހޭހެން މާލެއަށް އެވަނީ ވެހިކަލްތައް ވެހިފައި ވިއްޔާ އެވެ! ދުއްވާނެތަނެއް ނެތަސް ބޭނުންވަރަކަށް އެތެރެ ކުރެވެންޏާ ވާނީވެސް މިހެންކަން ނޭނގެއެވެ.

ދެފައި ރަނގަޅަށް ފޭކޮށް ނުލެވޭ ވަރުގެ މަގުތަކުގައި ޕާކިންޒޯން ހަދައިދީފައި ސައިކަލަށް ވަދެވޭ ގޮތަށް ތީރު ޖަހާފައިވެސް ހުރެއެވެ. ސައިކު ދުއްވާ މީހާއަށް މިޖެހެނީ ސައިކު އަތުންދަމާފައި ދާށެވެ. އެއީ ވެހިކަލް ޕާކު ކޮށްފައި ހުންނަގޮތުން ދުއްވާފައި ނުދެވޭތީއެވެ. ޕާކު ކުރާ މީހާއަށް ސައިކަލް ބެހެއްޓުނީމާ ނިމުނީއެވެ. އެމަގުން ދެންއަންނަ މީހާއަށް ދެވޭ ގޮތަށް އެ ވެހިކަލް ބަހައްޓާނަމަ ތިމާގެ އަތުގެ އުނދަގުލުން އެހެންމީހުން ސަލާމަތް ވީސްތާއެވެ!

މާލޭގެ ސްކޫލްތައް ނިމޭގަޑިތަކާއި އޮފީސްތައް ނިމިގެން އެކިތަންތަނަށް ދާ ވެހިކަލްތައް ބައެއްފަހަރު ބައިގަޑިއިރު ވާނދެން ތާށިވެފައި ތިބެން ޖެހެއެވެ. މިގަޑިތަކުގައި ޓްރެފިކް ޕޮލިހުންމަގުތަކަށްނުކުމެ މަގުތަކުގެ ތޮއްޖެހުން ކަނޑުވާލަ ދޭނަމަ ކިހާ ވަގުތެއް ސަލާމަތް ވީސްތާއެވެ! ކޮންމެ ބަޔަކުވެސް މާލޭގެ ޕާކު ކުރުމާއި ތޮއްޖެހުމުގެ އުނދަގުލުން ސަލާމަތްކުރުމުގެ ނަމުގައި ފާޑުފާޑުގެ މަޝްރޫޢުތައް ރާވައެވެ. މަޝްރޫޢު ނިމި މަޝްރޫޢު ހިންގިމީހާ ފަސްފިހާރަ އަޅައިގެން ދާއިރު މިއިން އެއްވެސް ކަމެއް އޮންނީ ހައްލު ނުވެއެވެ. އިހުވަރަށް އަރާފައެވެ.

މާލޭގެ މަގުތައް ތޮއްޖެހި ފިތިބާރުވާ މައްސަލައަށް ޙައްލެއް ފެންނާނެ ބާވައެވެ!

މާލޭގެ މަގުތައް ތޮއްޖެހި ފިތިބާރުވާ މައްސަލައަށް ޙައްލެއް ހޯދައިދެވޭނީ ކޮން އިރަކުން ކޮން ބަޔަކަށް ބާވައެވެ!

ރައްޔިތުން ތިބީ އެކަމުގެ ދިގު އިންތިޒާރެއްގައެވެ.

 

Loading

One Response

  1. ލިއުންތެރިޔާއަށް ދަންނަވާލަން ބޭނުންވަނީ ދިގުދެމިގެންދާ މާލޭގެ މަގުތައް ތޮއްޖެހި ދުއްވާއެއްޗެހި ބަހައްޓާނެ ތަނެއް ނެތް މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވާއިރު އެކަން ހައްލުކުރަން ކުރެވިދާނެ ގޮތެއް ނުވަތަ ގޮތްތަކެއްވެސް ހުށައަޅާ ލެއްވިނަމަ ވަރަށް ރަނގަޅުވީހެވެ. ލިއުންތެރިޔާ ނުވަތަ ލިއުންތެރިން ފާޅުކުރައްވާ ޚިޔާލުތަކާއި ހުށައަޅުއްވާގޮތްތައް ފަހަރެއްގައި ބޮޑުގޮނޑިގައި އިންނަމީހާއަށްވެސް ކަމުދާ ގޮތަކަށް ވެދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް