ބަލިފަތުރާ ޖަރާސީމެއް މީހުންގެ ތެރެއަށް ދޫކޮށްލުމުން ދެންވާނީ ކިހިނެއްކަން އެނގެންޖެހޭނެ

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި އާލާވަމުން އަންނަ ހަރުކަށި ފިކުރުގެ މީހުން ޖަލުތަކަށް ލައި ޖަލުތަކުގައި ތިބި ޒުވާނުންގެ ސިކުނޑިދޮވެލާފައި އެވަނީ ސަރުކާރުތަކުގެ އިހުމާލުންނެވެ.

މުޑުދާރު ބައްޔެއް ޖެހިފައިވާ މި މީހުން ޖަލުތަކުގެ ގޮޅިތަކަށް ލަނީ އެގޮޅިއެއްގެ އިމާމެއްގެ ގޮތުގައެވެ. ޖަލުތަކާ ހަވާލުވެގެން ތިއްބަވާ ވެރިންގެ ނަޒަރުގައި ހަރުކަށި ފިކުރުގެ މީހުންނަކީ ދީންވެރި ބައެކެވެ. އަދި އެކިއެކި ކުށްކުށުގައި ޖަލަށް ލާފައި ތިބޭ ޒުވާނުންގެ ތެރެއަށް މި ނުރައްކާތެރި މީހުން ލަނީ އެޒުވާނުން އިސްލާހުކުރުމުގެ ނިޔަތުގައެވެ.

އަޅުގަނޑު ޖަލުގައި އޮތް އިރު ޖަލުގައި އޮބިނޯވެގެން އުޅޭ ޒުވާނުންގެ ގޮޅިތަކަށް ހަރުކަށި ފިކުރުގެ މީހުންލައި އެމީހުން އެގޮޅިތަކުގެ އިމާމުންގެ ގޮތުގައި ތިބެ އެގައިދީންލައްވާ ނަމާދު ކުރުވައި ދީނީ ދަރުސްތައްދީ ގައިދީންގެ ސިކުނޑިތަކަށް ސަވާރުވަމުންދިޔަތަން ފެނިފައިވެއެވެ.

ޖަލުތަކުގެ ވެރިންނަށް ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމާއި އެފިކުރަކީ ދީނީ ފިކުރެއްނޫންކަންވެސް ނޭގެއެވެ.

ސަރުކާރުތަކާއި ސަރުކާރުތަކުން ޖަލުތަކުގެ ވެރިންގެ ގޮތުގައި ކަނޑައަޅުއްވާފައި ތިބި ވެރިންގެ ޖާހިލުކަމާއި ތަންދޮރު ނޭނގުމުގެ ހިތިރަހަ މުޅި ގައުމުގައި މިހާރު ވަނީ ލައްވާލައިފައެވެ. މިކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. މި ފިކުރު ފެތުރުމަކީ އެވެރިންގެ ވަޒީފާއެވެ. އިބިލީހުގެ މަސައްކަތް އެންމެނަށް ފެންނަން ތިބޭ އިންސާނުން ކުރާނަމަ މަގުފުރައްދަން ފަސޭހަވާނެވަރު ވިސްނާލާށެވެ!

މިހާތަނަށް ޖަލުތަކުން ހަރުކަށިފިކުރުގެ އެތައްސަތޭކަ ޒުވާނުން ތަމްރީނުވެގެން މުޖުތަމަޢަށް ނުކުމެއްޖެ އެވެ. ސަރުކާރަށް ހޭވެރިކަން ވީއިރު އެވަނީ ޖަލުން ތަމްރީނު ވެގެން ނުކުތް ޒުވާނުންގެ ފައުޖުތަކުން އެތައް ބަޔަކު މަރާފައެވެ.

މާފުށީ ޖަލު: ޖަލުގެ ގޮޅިތަކުގައި ވަރަށް ނޭދެވޭކަންތައްތައް ހިނގަމުންދޭ

ހަރުކަށި ފިކުރަކީ އިސްލާމް ދީނާ ގުޅުންހުރި އެއްޗެއް ނޫން ކަން ސަރުކާރަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އިސްލާމް ދީނަކީ އިޙުސާން ތެރިކަމާއި އޯގާވެރިކަމުގެ ދީން ކަމާއި އިސްލާމް ދީނަކީ އަނިޔާ ޙަރާމް ކުރައްވާފައިވާ ދީނެއްކަން އެނގެން ޖެހޭނެއެވެ.

މިއަދު ޖަލުގައި ހަރުކަށި ފިކުރުގެ މީހުން އެކަހެރި ކުރަން ޖެހުނީ ކުރިން ހަރުކަށި ފިކުރުގެ މީހުން ގައިދީންގެ ތެރެއަށް ލުމުގެ ސަބަބުން އެތައް ގައިދީންނެއް އެފިކުރު ގަބޫލުކޮށް މުޖުތަމަޢަށް ނުރައްކާވުމުންނެވެ.

މިފިކުރު ގެތެރެއަށް ގިނައިން ވަދެފައި ވަނީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނެވެ.

އަވައްޓެރި ބައެއް ގައުމުތަކުގެ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކާއި ގުޅިގެން ރާއްޖޭ ގައި މިފިކުރު ފަތުރަމުން ދަނީ އެޖަމާއަތްތަކުން ފަންޑު ކޮށްގެންނެވެ.

ހަރުކަށި ފިކުރުގެ މީހުން ލާންވީ ޖަލަކަށް ނޫނެވެ. މިފަދަ މީހުން އިސްލާހު ކުރުމަށްޓަކާ ރާއްޖޭގައި އަޅަންވީ ސެންޓަރެކެވެ. އެ ސެންޓަރުން ކިޔަވައި ދޭންވީ އިސްލާމް ދީނެވެ. އަނެއްކޮޅުން މިސެންޓަރުގެ މުދައްރިސުންގެ ގޮތުގައި ވަޒީފާ ދޭ މީހުން ވާން ޖެހޭނީ ހަރުކަށި ފިކުރާދެކޮޅު ޙަގީގީ ޢިލްމުވެރީންނަށެވެ.

ހަރުކަށި ފިކުރު ތަރައްގީ ކުރުމުގެ ފުރުޞަތު އެންމެބޮޑަށް ހުޅުވިގެން ގޮސްފައި ވަނީ ވެރިންގެ އިހުމާލުންނެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ޒުވާނުންނާއި ސްކޫލްތަކުގެ ދަރިވަރުން ގޮވައިގެން ފަޅު ރަށްރަށަށް ދަތުރު ގޮސް ކޭމްޕް ހަދައި އެކުދިން ހަރުކަށި ފިކުރަށް އަހުލުވެރި ކުރުވައެވެ. މިވާހަކަތައް މީޑިޔާތަކުގައި ފޮޓޯއާއެކު ވަނީ ޝާއިޢު ވެފައެވެ. އެހެނަސް ރާއްޖޭގެ ކަމާ ބެހޭ އެއްވެސް ފަރާތެއްގެ ސަމާލުކަމަށް މިކަން ގެނެސް ފިޔަވަޅު އަޅާފައެއް ނުވެއެވެ. ފުލުހުންނާއި ސިފައިންނަށްވެސް ނިކަން ވަރަށް ރަނގަޅަށް އެނގެން ޖެހެއެވެ.

ފުލުހުންނާއި ސިފައިންގެ ތެރޭގައި އައި.އެސް.އެސް.ގެ ސަޕޯޓަރުން އުޅޭކަން އައި.އެސް.ގެ ދިދަ އެވެރިން ޕްރިންޓްކުރަނިކޮށްނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާ ގައި ދައުރުވުމުން އެނގިގެން ދިޔައެވެ. މިއީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދިޔަ ކަމެކެވެ. އެހެންކަމާ އެކު ކަމާ ބެހޭ ފަރާތްތަކުން މިކަންކަން ބަލައި އެފަރާތްތައް އިސްލާހު ކުރުމަކީ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ބިރުވެރިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ފެނިގެން ދާނެ ކަމެކެވެ.

ބަލިފަތުރާ ޖަރާސީމެއް މީހުންގެ ތެރެއަށް ދޫކޮށްލުމުން ދެންވާނީ ކިހިނެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެން އެބަ ޖެހެއެވެ.

 

Loading

One Response

  1. Ajaaibu vehje mi liyun faraathaa medhu… zinmaa vaan jeheyne ey bunumun… … ethere vumah 2 dhoru huri raahje ah masthu ethere koh behee 30 aharuge verikan dhifaau kuran.. keehve evaahaka nudhahkanee… mee ibileesves naaraa gaumeh… baageen ameerunnah gaidheen verinnah corrupt hudhu kaafoorah varah kuda vaguthu kolhakun change vaa gaumeh

Leave a Reply to Anonymous Cancel reply

ފަހުގެ އަޕްޑޭޓް