ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ގެންނަން ފުލުހުންގެ އެހީ ހޯދަނީ

Loading

Facebook
Twitter
WhatsApp

 

 

ޖިންސީ ގޯނާގެ ގިނަތުހުމަތުތަކެއް ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޖަލު ހުކުމާ ގުޅިގެން އެ ހުކުމް ފުރިހަމަކުރަން ރާއްޖެ ގެންނަން ފުލުހުންގެ ކިބައިން އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސް އިން ބުނެފި އެވެ.

 

އަލީ ވަހީދަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޮތީ އަމަރުކޮށްފަ އެވެ.

 

ނަމަވެސް ކޯޓަށް ހާޒިރު ނުވެ ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާއަށް އިއްޔެ ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
މި ހުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ކަރެކްޝަންސްގެ މައްޗަށް އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މިއަމުރާއި ގުޅިގެން ކަރެކްޝަންސްއިން ބުނީ ހުކުމުގެ އަމުރު މިއަދު ހެނދުނު ކަރެކްޝަންސްއަށް ލިބިފައިވާކަމަށެވެ.

އަދި މިފަދަ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާ އުސޫލުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނެތް މީހެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ފުލުހުންގެ ކިބައިން އެދޭނެކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

އަލީ ވަހީދު ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވެސް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ.

 

އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އޭނާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވެސް ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ. އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ.
އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެވެ.
ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ތާވަލްކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް އެ އަޑުއެހުން ފަހުން ކެންސަލް ކޮށް އިއްޔެ އަށް ތާވަލްކުރި ސަބަބެއް ކޯޓުން ބުނެފައެއް ނުވެ އެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.

Loading

2 Responses

  1. ޢަލީވަހީދުގެ މުޅޯ ކޮބައިތޯ؟ ޔޫކޭ ގައި އެމްބެސީގެ އެނހީގައި މުޅޯވެސް ރައްކާތެރިކަމާއި އެކު އެބަގެންގުޅުއްވަޔޯ. ދެން އެއްވެސް މީހަކަށް އެ މުޅޯއިން އަނިޔާ ދެވިގެން ނުވާނެއެވެ. މިކޮޅުގައި އަނިޔާލިބުނު ހުރިހާކުދިން އެވާހަކަ ރައީސް އަށް ކިޔައިދީފިއެވެ. އެ އަނިޔާގެ ވާހަކަ އިވި ރައީސްވެސް ވަނީ ކީރިތިފުޅު ކުރައްވައިފައެވެ.

  2. އެންމެ ފުރަތަ އެމްޑީޕީގެ ސިޔާސީ ޑީލް. ޑީއާރީ އިން މީނާ ގަތީ. އޭރު ނަޝީދަށް މިވަރެއްނެތް. އޭނަހެން ލަދެއް ހަޔާތެއްނެތި ބޭނުން މީހެއްގެ އަބުރުަކަތިލާ ކަރުން ނާރު ފުއްޕާފަ ފެލެވޭނެ މީހުން ޕާޓީއަށް ގަންނަމުން ޢިނާޔަލްތަށް ދެމުން ގެންދިއުމަކީ ނަޝީދުގެ އެއް ސުންނަތެވެ. ގައުމުގެ އުމްރާނީ ފޭރާން މިވެރިން ލޫޓުވާލީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް