ސިޔާސީ ބާރުވެރިކަން ހޯދުމުގައި ސިޙުރުގެ ދައުރު

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ މުދައްރިސުން ކިޔާދެއްވާފައިވާގޮތުގައި މޫސާގެ ފާނާއި ސުލައިމާނުގެ ފާނުގެ ޒަމާނުގައިވެސް ބޮޑުގޮތަށް ސިޙުރު ހަދާއުޅުނެވެ. މިގެނެސްދޭން އުޅެނީ ދީނީ ނަޒަރަކުން ސިޙުރުގެ މައްޗަށް ބަލާލާކަށް ނޫނެވެ. އަދި އެކަންކުރާކަށް އަޅުގަނޑުގެ ކިބައިގާ އިލްމެއްވެސް ނެތެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަކީވެސް ސިޙުރު ހާހޫރުގެ ބަލާއިން ސަލާމަތް ވެވިފާއޮތް ގައުމެކޭ ނުބުނެވޭނެއެވެ. އަޅުގަނޑުމެންގެ ބައެއް މުސްލިމުން އެކަންޏެއްނޫނެވެ. މިފަހަކަށް އައިސްވެސް ޖޫޑޯ ކްރިސްޓިއަނުން 1 ވަނަ ގަރުނުގައި ބޭނުންކުރި ފަދަގޮތްގޮތަށް ކުކުޅު ހާ ބަނދެގެން އެ ގެންގުޅުނު ތަނެއްގައި ސިޙުރު ހަދަން ކަމަށް ބެލެވޭ ގޮތަކަށް ދިވެހިރާއްޖޭގައިވެސް ބަޔަކުމީހުން އުޅުނެކަމަށް ބުނެއުޅެއެވެ.

ތެދު ދޮގު އެނގޭނީ އެކަމުގައި އުޅުނު ބަޔަކަށެވެ. ހަމައެގޮތަށް ފާދިރީން ގެނެސްގެން ސިހުރު ހަދަންއުޅުނު ވާހަކައެއްވެސް ދެކެވުނެވެ. މާޒީގައި ވެރިމީހާއަށް ސިޙުރު ހެދިކަމުގެ ކުށުގައިވެސް މީހަކަށް މަރުގެ އަދަބު ދީފައިވާކަމަށް ތާރީޚު ހެކިދެއެވެ. މިހާރުވެސް ދޭތެރެދޭތެރޭން ސިހުރުހަދަން ބޭނުންކުރާ އާލާތްތައް ހޯދަމުންގެންދާ ވާހަކަ ދިވެހި މީޑިއާތަކުން ކިޔަން ލިބެއެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ސިހުރު އައި ގޮތެއް އައި ގައުމެއް އެނގޭކަށް ނެތެވެ. އެކަމަކު ސިހުރު ނެތްޒަމާނެއްވެސް ރާއްޖޭގައި އޮތެކޭ ބުނެވޭކަށްނެތެވެ.

ކޮންމެއަކަސް ކާބަފައިންގެ ތުންތުން މަތިން އައިސްފައިވާ ގޮތުގައި ސިހުރަކީ ކުރަންނުވާވަރުގެ ނުބައި މުޑުދާރު ކަމެކެވެ. އަދި އެހާމެ ބޮޑުފާފައެއްމެއެވެ. އަދި އެ ސިޙުރު ހަދާމީހާއަށް އެ ސިޙުރުން ސަލާމަތް ނުވެވިގެން އުޅެންޖެހޭނެއޭވެސް ބުނެއެވެ. މަތީގައި މިއިޝާރާތް ކުރި ދެތިން ޙާދިސާއަށް ބަލާއިރު އެއީ ތެދެއްކަމަށްވެސް މިހާރު އެބަ ގަބޫލުކުރެވެއެވެ.

ހުޅަނގުގެ ގައުމުތަކުގައިވެސް ސިޔާސީ ބާރުވެރިކަން ހޯދުމަށް ސިޙުރުގެ ބޭނުން ކުރަންފެށި ޒަމާނެއް ކަނޑައެޅިގެން އެނގޭކަންނެތެވެ. އެހެންނަމަވެސް ޖޫޑޯ ކްރިސްޓިއަން އަދި ގްރެކޯ ރޯމަންގެ ޒަމާނުގައިވެސް ސިހުރުވެރިންނަކީ ސިޔާސީ އަދި ދީނީ ކަންތައްތަކުގައި ވަރަށް ބާރުގަދަ ބައެކެވެ. ޖޫޑޯ ކްރިސްޓިއަން ގެ ދުވަސްވަރަކީ ހުޅަނގުގެ ގައުމުތަކުގައި ހަމައެކަނި އެންމެ އިލާހެއް ގަބޫލުކޮށްގެން އުޅުނު ޒަމާނެވެ. އަދި ގްރެކޯ ރޯމަން އަކީ އެތައް އިލާހުންތަކެއް ބޭނުން ކުރަމުން ގެންދިޔަ ޒަމާނެވެ.

ޖޫޑޯ ކުރިސްޓިއަންސް ސިހުރުގެ ތެރެއިން

ސިހުރު ބޭނުންކުރަންފެށުނު ޒަމާނެއް އެނގެން ނެތަސް ސިހުރު ގެ ނަމުގައި ބަހެއް އޮވެގެން ސިހުރު ތަޢާރުފް ވެފައިވަނީ ފާރިސީންގެ މަދާއިންގައި ކަމަށް ބުނެވެއެވެ. އެތާންގައި ހިނގަމުންދިޔަ ޒަރޯސްޓްރިއަނިޒަމް ދީނުގައި ގްރެކޯ ރޯމަންގެ އާދަކާދަ އޮތީ ވަރަށްބޮޑަށް ވަކިހިއްޕާލާފައެވެ. އެމީހުން އީމާންވާގޮތުގައި ސިހުރުވެރިންނަކީ އެމީހުންގެ އިލާހުންތަކުގެ ފަރާތުން އާދަޔާ ޚިލާފް ގިނަ ބާރުތަކެއް ލިބިދީފައިވާ ބައެކެވެ. އެމީހުންގެ އިލާހުންތަކުގެތެރޭގައި އަލިފާނާއި ލޮނާއި ދަނޑު ގޮވާންފަދަ އެތައް އެއްޗެއް ހިމެނެއެވެ. ސިހުރުގެ ތެރޭގައި ހިމެނޭ އެންމެބާރުގަދަ އެއްވަސީލަތަކީ މަރުވެފައިތިބި މީހުންގެ ފުރާނަ ބޭނުންކޮށްގެން ހަދާ ސިހުރު ކަމުގައިވެސް ބުނެވެއެވެ.

ހަމަމިކަހަލަ ގޮތަކަށް މިހާރުގެ ކަލަންޑަރުން 1 ވަނަ ގަރުނުންފެށިގެން 4 ވަނަ ގަރުނާހަމަޔަށް ޖޫޑޯ ކްރިސްޓިއަނުންވެސް ސިހުރުގެ ބޭނުންކުރިކަމަށް އެނގެންއޮވެއެވެ. އޭގެ ތެރޭގައި ޖަނަވާރާއި ކުކުޅު ހާލާއި އަދި ދޫނިސޫފާސޫފި ގުރުބާންކުރުމާއި އޭގެ ބައިތައް ބެނޫންކޮށްގެން ކިޔެވެލި ކިޔެވުމާއި އެސޮރުމެންގެ ޙަރަކާތްތަކުގެ މައްޗަށް ބިނާކޮށް މުސްތަގްބަލް ކިޔާދިނުމާއި އިރުވަރު އޮޅުންފިލުވާދިނުންކަހަލަ އެތައްއެތައް ކަމެއް ކުރަމުންގެންދިޔައެވެ. ފާރިސްކަރައިގާ ފެތުރިފާއޮތް ޖާހިލުކަން ބާރަހާސް ( ބީ ސީ ) ގެ ޒަމާނުގައި މެސޮޕޮޓޭމިއަން ސަރަޙައްދު ތަކުގައިވެސް އޮތީ އަށަގަންނުވާފައެވެ. މެސޮޕޮޓޭމިއާގެ ސަރަޙައްދަކީ މިހާރުގެ ޝައްތަލްއަރަބުއޭ ކިއުނު ކަނޑުއޮޅިން ފެށިގެން ފުރާތު ކޯރާއި ކުވޭތާއި އިރާގް ހިމެނޭ ސަރަހައްދެވެ. ޝައްތަލްއަރަބުގެ އެއްފަރާތަކީ އީރާނެވެ. އަނެއްފަރާތަކީ އިރާގެވެ. އެއީ ވަރަށް ހަނި ކަނޑުއޮޅިއެކެވެ. ވަކި ހިސާބެއްގައި ކަނޑުއޮޅީގެ މެދުގައި ނަގިލީގައި ބަދަރުކޮށްފާހުންނަ ބޯޓުފަހަރު އޮއިވަރުބަދަލުވެގެން އެނބުރުމުން އަނެއްފަރާތުގެ ގޮނޑަށް ނުބީހެނީ ހަމަ ކިރިޔާއެވެ.

މިލާދީން 300 ވަނައަހަރުން ފެށިގެން ހުޅަނގުގެ ގައުމުތަކުގައި ނަސާރާ ދީން ފެތުރެން ފެށުމާއެކުގައި ސިޙުރުހެދުމަކީ ނާތަހްޒީބުކަމެއްގެ ގޮތުގައި ފައްޅިތަކުން ކިޔަވާ ދޭން ފެއްޓިއެވެ. ފާދިރީންގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކަމިޔާބީއެއް ލިބުނު ކަމުގައިވިޔަސް 11 ވަނަ ގަރުނަށް ފެށުނުއިރުވެސް މީސްތަކުންގެ ހިތުގައި ސިޙުރަށް ދީފައި އޮތް މަގާމު އުވިގެނެއް ނުދެއެވެ. 16 ވަނަގަރުނު ފެށުނުއިރު ފާދިރީންނާއި ސިޙުރުވެރިން ގެންދިޔައީ އެއްބަޔަކު އަނެއްބަޔެއްގެ އިއުތިގާދާ ކުޅެނީ ކަމުގެ އިލްޒާމް އަޅުވަމުންނެވެ.

ދެންފެނިގެންދިޔައީ ޔަހޫދީން ނާއި މުސްލިމުންވެސް މި ސިޙުރުގެ ކުޅިގަނޑުތެރެއަށް ފެތެމުންދިޔަ މަންޒަރެވެ. އެކިއެކި ކަންތައް ޙާސިލުކުރުމަށްޓަކައި ކުޑަކުދިން ގުރުބާން ކުރުމާއި އަދި ނަސާރާ ކުޑަކުދިން ވަގަށްނަގައިގެން ޔަހޫދީން އެކުދިން ގުރުބާން ކުރަމުން ގެންދިއުމާއި އަދި ސިޙުރުވެރިންވެސް ނަސާރާއިންގެ ކުޑަކުދިން ގުރުބާން ކުރުމަށްޓަކައި ވަގަށް ނަގާކަމުގެ ތުޙުމަތުތައް ނަސާރާއިންނާއި ފައްޅިތަކުން ކުރަމުން ގެންދިއައެވެ.

ހުޅަނގުގެ މީހުންގެ މި އިޢުދިގާދުގެ ތެރެއަށް ނުފޫޒު ފޯރުވަމުންގެންދިޔަ ސިޙުރު މީލާދީ ސަނަތުން 1500 ވަނައަހަރުގެ ފަހުން ބާރުގެ ބޭނުންކޮށްގެން ގައުމުތައް ފޭރެމުން އަޅުވެތިކުރަމުން ދިޔަ ޒަމާނުގައި އުތުރު ޔޫރަޕްގެ ގައުމުތަކާއި އަދިވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދެވުނު ގައުމުތަކުގައި ވެރިކަން ދެމެހެއްޓުމަށްޓަކައި އަދި ވެރިކަން ނެތި ކޮށްލުމަށްޓަކައި ސިޙުރުގެ ބޭނުން ހިފަމުން ގެންދިޔައެވެ. އަދި ސިޙުރުވެރިންގެ ތެރޭގައި ހިމެނޭ ވެރިކަމާ ދެކޮޅު ޚިޔާލުގެ ސިހުރުވެރިން ދަންޖައްސާމެރުން ފަދަބޮޑެތި އަދަބުތައް ދެމުންވެސް ގެންދިޔައެވެ.

ހުޅަނގުގެ ގައުމުތައް ތަހްޒީބުވަމުން އައިދުވަސްވަރު ވެރިކަމުގެ ދާއިރާ ސިހުރުގެ މަގާމަކީ ފުރަތަމަ ސިހުރު ދެން ދީން އެއަށްފަހު ސައެންސް އެވެ. ޒަމާން ބަދަލުވަމުންދިއުމާ އަދި ސައެންސުގެ އިތުރު ހޯދުންތަކާއެކު މިބުނެވުނު ވަޒަންވެސް ބަދަލުވަމުން ދިޔައެވެ. އެހެންނަމަވެސް ސިހުރު ވެރިންނާއި ސިހުރުގެ މުހިންކަން ފަނޑުވެގެން ނުދެއެވެ. ސިހުރުވެރިންނާއި ސައެންސްވެރިންގެ ދޭހަކުރުން އެންމެ ރަނގަޅަށް ބުނެވޭނީ ސިހުރުވެރިންގެ ދީނަކީ ސިހުރެވެ. އަދި ސައެންސް ވެރިންގެ ދީނަކީ ސައެންސް އެވެ. މިފަދަ އިބާރާތަކުންނެވެ.

ޒަމާނާއެކުވެގެން ސިހުރުގެ އާދަކާދަތަކަށްވެސް ބަދަލުތަކެއް އައެވެ. އޭގެތެރޭގައި ބޭސްވެރިކަމާއި ސިއްޙަތު ރައްކާތެރި ކުރުންފަދަ ބޭނުންތެރިކަންކަމަށް ހަދާ ސިހުރާއި ކުރިމަތި ވަމުންދާ ހުރަސްތައް ނައްތާލަން ހަދާ ސިހުރާއި މީހުން މަރަން ހަދާ ސިހުރުތައް މުޅިން ތަފާތުވެ އަދި އެއީ ތަފާތު ފަންނު ތަކަކަށްވެސް ވެއްޖެއެވެ. މިތާގައި އެންމެކުރިން މިބުނިވައްތަރުގެ ސިހުރަށް އަޅުގަނޑުމެންގެ ރާއްޖޭގައި ދީފައިވާ ނަމަކީ ފަންޑިތައެވެ. ވަކި ހިސާބަކުން އަރަބިންނާއި ޔަހޫދީންގެ ސިހުރުގެ ތެރެއަށް ޖިންނި ޝައިތާނުންވެސް ޝާމިލުކޮށްގެން އުޅުނުކަމަށްވެއެވެ. އަދި ނަސާރާއިން މަރުވެފައިވާމީހުންގެ ފުރާނަތަކަށް މަޖުބޫރުކޮށްގެން ސިހުރު ފުރިހަމަކޮށް އުޅުނެވެ.

1750 ވަނައަހަރާ ހިސާބަށް އައިއިރު ސިހުރަކީ ބޮޑުވެގެންވާ ވަބާއަކަށް އޮތީވެފައެވެ. ސިހުރު ނައްތާލުމަށްޓަކައި ފައްޅިތަކާއި ސަރުކާރުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންފެށިއެވެ. އޭގެތެރޭގައި ސިހުރުގެ ނުރައްކާތެރި ފޮތްތަކާއި އަދި ބައެއް ނުރައްކާތެރި ސިހުރުވެރިންވެސް އަންދާލެވުނު ކަމަށްވެއެވެ.

އެއަށްފަހު ދެން ސިހުރު ފާޅުވާންފެށީ އެހެންސިފައެއްގައެވެ. އަރަބިންގެ ފޮތްތަކުން ފަލަކީ ނިޒާމާއި ޖިންނި ޝައިތާނާއާއި އިންސާނާގެ ގުޅުންދެނެގަނެ ދިވެހިންކިޔާއުޅޭ ކިޔެވެލި ކިޔެވުން ތަޢާރުފް ކުރެވިގެން ހިނގައްޖެއެވެ. ހުޅަނގު އަދި ސިހުރުހެދުމަށް އާދަވެފާތިބި މުޖުތަމާތަކަށް އެމީހުންގެ އާދަކާދަތަކާއިގެން ކުރިއަށްދާނެ އެހެން މަގެއް ފެނުނީއެވެ.

ހުޅަނގުގެ ގައުމުތަކަށް އޮތީ ސިހުރުގެ ވަބާ ކިތަންމެރަނގަޅަކަށްވެސް މާޒީގައި ތަޖްރިބާ ކުރެވިފައެވެ. އެހެންކަމުން ބާރުގެ ބޭނުންކޮށްގެން ގައުމުތައް ފޭރިގަނެ އަޅުވެތި ކުރުމުގެތެރޭގައި އެގައުމުތަކަށް ސިހުރުގެ ވަބާވެސް ތަޢާރުފް ކުރީއެވެ. ޚާއްސަކޮށް އިންޑިއާއަކީ ބޮޑުއާބާދީއޮތް ގައުމަކަށްވެފާ ހިންދޫ ދީނުގެތެރެއަށް ސިހުރު ވައްދާލުމަކީ އުނދަގޫކަމަކަށް ނުވިއެވެ. ހަގީގަތުގައި އޭރުވެސް އަދި މިހާރުވެސް ހުޅަނގުގެ ގައުމުތަކުގެ މަގްސަދަކީ އެމީހުންނަށް ތަޖްރިބާ ކުރަންޖެހުނު ނުރަނގަޅު ކޮންމެކަމެއް އެމީހުންގެ އަޅުވެތިކަމުގައި އޮތް ގައުމުތަކަށް ފިސާރި ވަރުގަދައަކަށް ތަޢާރުފް ކުރުމެވެ. ޑިމޮކްރެސީއާއި އޭގައި އެކުލެވޭ ނަސްލީ ހަމަހަމަކަންވެސް މިއޮތީ ފާޑެއްގެ ސިހުރަކަށް ވެފައެވެ. ހުޅަނގުގެ ކޮންމެ ތަޢާރުފަކީ ވިސްނާ ބަޔަކަށްސިހުރަކަށް ނުވަތަ އިބްރަތަކަށް ވާނެއެވެ. ވިސްނުމުގެ މަގު ޚިޔާރު ކުރުމުގެ މިނިވަންކަން އޮތީ ކޮންމެމީހަކަށްވެސް ލިބިފައެވެ.

 

Loading

3 Responses

  1. ތަފާތު މައުޟޫޢުތަކަށް އަލިއަޅުވާލައި މިފަހަކަށްއައިސް ސަންދާނުން ލިއެމުން ގެންދާ ލިއުންތަކަށް މަރުހަބާކިޔަމެވެ. ހަމަގައިމުވެސް ކިއުންތެރިންގެ އަދަދަށް ބަލާއިރު ވަރަށް ގިނަ އަދަދެއްގެ ކިއުންތެރިން ތިބިކަން ފާހަގަކުރެވެއެވެ. އެއީ އެފަދަ ލިއުންތަކަށް ޝައުގުވެރިވާ މީހުން ކަމުގައި ބެލެވެއެވެ. މައުލޫމާތު ޙިއްސާ ކުރުމަކީ މައުލޫމާތު އިތުރަށް ފުރިހަމަ ވާނެކަމެކެވެ. އެހެންކަމުން އެފަދަ ލިއުންތަކާމެދު ދެކޭގޮތް ހާމަކޮށްލަން ކުޑަވަގުތު ކޮޅެއް ހޭދަކޮށްލުމުން އޭގެ ފައިދާ ލިއުންތެރިންނަށާއި ކިއުންތެރިންނަށް ވެސް ލިބޭނެއެވެ. އަދި އެއީ މައުލޫމާތު އިތުރުކުރުމުގެ އެންމެ ފުރިހަމަ ކުރުމުގެ އެއް ވަސީލަތެވެ.

  2. މި ލިއުމުގެ އެންމެ ފަހު ތިންޖުމުލައާއި ފެށުނު ހިސާބުގައި އަތްނުލާ އައްދޯއި ކިޔާފައިހުރިގޮތް ވަރަށް ރަނގަޅު.

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް