އޮރިޔާން ފިލްމު އުފެއްދުމުގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ ވިޔަފާރިވެރިޔާ ރާޖު ކުންދުރާ ޒަމާނަތު ދީގެން މިނިވަންކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާ އިންޑިއާއިން ފިލާފާނެކަމަށެވެ.
ފިލްމު ސްޓާރ އަދި ޔޯގާ ހެދުމުގައި މަޝްހޫރުކަން ހޯދާފައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ އޮރިޔާން ފިލްމު ހެދުމުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ޖުލައި މަހުގެ 20 ވަނަ ދުވަހުގައެވެ.
ކޯޓުގައި ބުދަދުވަހު ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނެފައި ވަނީ ރާޖު ކުންދަރު މިނިވަންކޮށްފިނަމަ އޭނާ އަލުން އޮރިޔާން ފިލްމު އުފައްދަން ފަށާނެކަމަށާއި އަދި އެކަމުގެ ސަބަބުން މުޖުތަމައަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އަދި އޭނާ އިންޑިއާއިން ފިލައިގެން އެހެން ގައުމަށް ހިންގައިދާނެކަމުގެ ބިރު ހީވެފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ރާޖު ކުންދަރަކީ އިނގިރޭސިވިލާތުގެ ރަށްވެހިކަން ހޯދާފައިވާ ވިޔަފާރިވެރިއެކެވެ.
އޮރިޔާން ފިލްމު އުފެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ރާޖު ކުންދަރާ ގުޅޭ ގޮތުން ފުލުހުން ހިންގާފައިވާ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު އޭނާ ފުޅާދާއިރާއެއްގައި އެކަން ކޮށްފައިވާކަން ސާބިތުވާވަރަށް ހެކި ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.