މީހަކު ޖާމިނު ކޮށްފައި އަންމަޓީ ދޫކޮށްލަން އެދިއްޖެ

Loading

Facebook
Twitter
WhatsApp

 

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމަށްފަހު ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި އެހެން މީހަކު ޖާމިނުކުރުމަށްފަހު ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

 

އައްމަޓީ ހައްޔަރުކޮށްފައި ހުއްޓާ ކްރިމިނަލް ކޯޓުން ދޫކޮށްލުމުން ހައިކޯޓުން ވަނީ އޭނާއަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ބަންދު މުރާޖައާ ކުރުމާ މެދު ވާހަކަދައްކަވަމުން ދައުލަތުގެ ފަރާތުން އެދިފައި ވަނީ އަންމަޓީ ބަންދު ކުރުމަށް ނެރެފައިވާ އަމުރު ދެމެހެއްޓުމަށެވެ.

އަންމަޓީގެ ދިފާއީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު ޝަރީއަތުގެ އަޑުއެހުމުގައި އެދިވަޑައިގަތީ އިތުރު ޝަރުތުތަކެއް މަތިކޮށްފައި ނަމަވެސް އަންމަޓީ ދޫކޮށްލުމަށެވެ.

އޭނާ ވިދާޅުވީ ޝަރުތުތައް ގިނަ ކުރުމަށްފަހު އަންމަޓީ ދޫކޮށްލެވިދާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ޖާމިނުވާ ފަރާތެއް ކަނޑައެޅުމަށްފަހު ބަންދުން ދޫކޮށްލުން ނުވަތަ ކޮންމެ ދުވަހަކު ނޫނީ ދެ ދުވަހުން އެއްދުވަހު ޕޮލިހަށް ނުވަތަ ކޯޓަށް ނުވަތަ ޕީޖީ އޮފީހަށް ހާޒިރުވެ ސޮއިކުރާ ގޮތަށް ނަމަވެސް ބަންދުން ދޫކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ނަމަވެސް، އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވަނީ އިއުތިރާޒު ކުރައްވާފައެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވަނީ އަންމަޓީ ބަންދުކުރުމަށް ނެރެފައިވާ އަމުރު ދެމެހެއްޓުމަށެވެ. އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތައް ދެމިއެބައޮތް ކަމަށް ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ވިދާޅުވި އެވެ.

ވަކީލުވިދާޅުވީ އަންމަޓީގެ މައްޗަށް ހެކި އެބަހުރި ކަމާއި އަދި އޭނާއަކީ ޝަރީއަތަށް ފިލައިގެން ގޮސްދާނެ މީހެއް ކަމަށެވެ. އަދި އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ނަމަވެސް، އޭނާއަކީ ވަލުދޮރާށިން ވެސް ފިލައިގެން ގޮސްދާނެ މީހެއްކަމަށާ އެކަން އޭނާ ކުރިން އަމަލުކޮށްފައިވާ ގޮތުން އެނގޭ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ވަކީލާ ފާހަގަކުރެއްވި ގޮތުގައި ދެ އަހަރު ވަންދެން އައްމަޓީ އުޅުނީ ތަހުގީގަށް ފިލައިގެން ކަމަށާއި އޭނާ ގައުމަށް އެނބުރި އައީ ސްރީލަންކާއިން ޑީޕޯޓުކޮށްލުމުން ކަމަށް ފާހަގަ ކުރެއްވިއެވެ.
ދެ ފަރާތުގެ ވާހަކަތައް އެއްސެވުމަށްފަހު ފަނޑިޔާރު ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ ބަންދާ މެދު މާދަމާ ގޮތެއް ނިންމަވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ ތެރެއިން ދައުލަތުން ވަނީ ހަތަރު ދައުވާއެއް އިއްވާފަ އެވެ. ދައުވާތައް އިއްވުމުން އަންމަޓީ ވަނީ އެ ދައުވާތައް ސާފުވި ކަމަށާއި ނަމަވެސް ދައުވާތަކަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ.

އެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ 24 ޝަފައީ ހެއްކަކާއި 16 ކިތާބީ ހެއްކެއް ކޮންމެ ދައުވާއަކަށް ހުށަހަޅާފަ އެވެ. ހުރިހާ ދައުވާއެއްގައި ގާތްގަނޑަކަށް ހުށަހަޅާފައި ވަނީ އެއް ހެކިތަކެވެ. ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުގެ ހެކި ބަހެވެ. ކިތާބީ ހެކިންގެ ތެރެއިން ވެސް ތަފާތު ވަނީ ބަދަލު ލިބޭ ފަރާތުން ސީލައިފަށް ދައްކާފައިވާ 50،000ރ. ގެ ޕޭމަންޓް ރިސިޕްޓެވެ.

ދައުވާތަކަށް ފަހުން ޖަވާބުދާރީވެ ދިފާއީ ހެކިން ހުށަހަޅަށް ގާޒީ ވަނީ ދައުވާ ލިބޭ ފަރާތަށް ފުރުސަތު ދީފަ އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ވަނީ ހިޔާނަތްތެރިވެފައެވެ.
ދައުލަތުން އަންމަޓީގެ އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް