ކޯޓް ހުރުމަތް ކަނޑައިގެން އަލީ ވަހީދު ޖަލަށް ލާން ހުކުމެއް ކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު  ކޯޓް ހުރުމަތް ކަނޑައިފައިވާތީ އޭނާގެ މަށްޗަށް 2 މަހާއި 12 ދުވަހަށް ޖަލަށްލާން ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މަށްޗަށް މި ހުކުމް ކުރީ ސްޕްރީމްކޯޓުގެ ހުރުމަތް ކަނޑާލައި ގާނޫނީ ބާރުވެރިކަން މުގުރާލުމަށް މަސައްކަތް ކުރުމުން ކަމުގައި ހުކުމްއިއްވަމުން ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައިވަނީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. އެ މައްސަލަ ފަށާ ޝަރީއަތް ތާވަލްކޮށްފައި ވަނީ މިއަދު 1:00 އަށެވެ. އެ ގަޑިއަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން މިމައްސަލަ ބަލައިނުގަތުމުންނެވެ.

ހުކުމް އިއްވުމުގެ ކުރިން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވާހަފުޅު ދައްކަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވާތަކެއް އުފުލިފައިވާކަން އެނގިހުރެ އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދިޔަ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުން ވަކިގޮތަކަށް ކަން ކުރަމުން އަންނަ ކަމުގެ އިހުސާސް ރައްޔިތުންގެ ހިތުގައި އުފެދިއްޖެނަމަ ކޯޓުތައް ހުރުމާމެދު ސުވާލު ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިފަދަ ތަސައްވަރު އުފެދޭނަމަ އެކަމަށް އިޖާބަދީ ގާނޫނު އަސާސީ ދިފާއުކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންކަމުން އަލީ ވަހީދުގެ އަލީ ވަހީދު ކޯޓަށް ހާޒިރުވާން ފޮނުވި އަމުރު އޭނާއަށް ރައްދުވެފައި ވާތީ އާއި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފަ އެވެ.

އެހެންކަމުން ދެ މަހާ 12 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ އަލީ ވަހީދުގެ މަށްޗަށް ހުކުމްކޮށްފަ އެވެ.

އަލީ ވަހީދުގެ  މަށްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނުމުން މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށެވެ.

އަދިހަމަ އެހެންމެ ސްޕްރީމް ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާވެފައި ނުވާއިރު، ޤާނޫނު އަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތަކަށްވާއިރު، އެކަން ސްޕްރީމްކޯޓުން ދަމަހައްޓާނެކަމަށް ހުކުމްގައިވެއެވެ.

އަދި ހަމައެހެންމެ ގާނޫނުތަކާއި، ގަވާއިދުތަކަށް އަމަލުކުރުމަކީ ރާއްޖޭގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ކަމެއްކަމަށްވާއިރު، ވަކި މީހެއް ފަރަގު ނުކޮށް ހަމަހަމަ ކަމާއިއެކު އެންމެންނާއިމެދު އަމަލުކުރާނެކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ.

ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެކެވެ.

ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.

 

Loading

3 Responses

  1. މިފަދަ ނުލަފާމީހުންގެ ސިޔާސީ މުސްތަގުބަލް ނިމުމަކަށް އާދެވިގެން ނުވަނޭ ބުނާ ރައީސްއަކަށް ބުނެލަނީ ކީކޭތޯ؟

  2. މިސަރުކާރަކީ ޖާބިރު ޚަރަދުކޮށްގެން ގަނައި މިފަދަ ބޫންބޫންކަހަލަ ސަޕޯޓަރުންގެ ވެރި ސަރުކާރަކަށް ވުމުން މަތިމަތިން ޙުކުމްކުރިޔަސް އެމީހުން ކަހިރުވަކެކޭ އިސްތައްޓެކޭވެސް ހިއެއްނުވާނެ. ދެން ފޯނުން ރައީސް މީހާއާއި ގުޅާ ބަވާލާނީ. އެއީ މިސަރުކާރު ވެރިކަމަށް އައި ދޮގާ މަކަރާ ޙިލަތާއި ދީނާ ގައުމާއި ރައްޔަތުންނަށް ދޯކާ ދީފާނޫންތޯއެވެ. ވީއިރު ދެން ކީއްތޯއޭ ކުރާނީ މަނިކާ ރޯއްޖާއޭ!! ދެން ހިބަރު ވަދުގައި ޖެހޭނީ.

  3. މިސަރުކާރަކީ ޖާބިރު ޚަރަދުކޮށްގެން ގަނައި މިފަދަ ބޫންބޫންކަހަލަ ސަޕޯޓަރުންގެ ވެރި ސަރުކާރަކަށް ވުމުން މަތިމަތިން ޙުކުމްކުރިޔަސް އެމީހުން ކަހިރުވަކެކޭ އިސްތައްޓެކޭވެސް ހިއެއްނުވާނެ. ދެން ފޯނުން ރައީސް މީހާއާއި ގުޅާ ބަވާލާނީ. އެއީ މިސަރުކާރު ވެރިކަމަށް އައި ދޮގާ މަކަރާ ޙިލަތާއި ދީނާ ގައުމާއި ރައްޔަތުންނަށް ދޯކާ ދީފާނޫންތޯއެވެ. ވީއިރު ދެން ކީއްތޯއޭ ކުރާނީ މަނިކާ ރޯއްޖާއޭ!! ދެން ހިބަރު ވަދުގައި ޖެހޭނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް