ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ހުއްދަ ނުދެނީސް ފްލެޓެއްގެ ފިނިޝިން މަސައްކަތް ކުރަނިކޮށް އެކަން ހުއްޓުވައި އެކަން ވީގޮތް ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފްލެޓް ލިބުނު ފަރާތުން ފްލެޓްގައި ތަށިމުށި ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އިސްވެ މަސައްކަތްކުރާ އާންމުންގެ އެކުވެރި ގުޅުމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޔާގެ އެޗް 16 ވަނަ ފްލެޓްގެ ތެރޭގައި ތަށިމުށި ޖަހަމުންދިޔަ މަންޒަރު އިއްޔެ އެތަށް މެންބަރުންނަކަށް ފެނި އެކަން އެކަން އެ ޖަމިއްޔާ އާއި ހިސްސާކޮށްފައިވާ ކަމަށެވެ.
އަދި އެކަން އޗްޑީސީގެ ސަމާލުކަމަށް ގެނެސް އެ ފްލްޓްގެ ވެރިފަރާތާ ގުޅައި މަސައްކަތް ހުއްޓުވައި އެކަން ހިނގިގޮތް ބަލަމުންދާކަމަށް ވެސް އާންމުންގެ އެކުވެރި ގުޅުމުން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވެސް ބުނީ އެ މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް ދިއުމުން އެކަން ހުއްޓުވުކަމަށާ އެކަން ހިނގަން މެދުވެރިވީ އެ ކޯޕަރޭޝަނުގެ މުއައްޒަފުންގެ އިހުމާލުންނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކުގެ ހައްގުވެރިން އެތަންތަނުގެ ފިނިޝިން މަސައްކަތް ކުރަން ހުއްދަ އަދި ދޫނުކުރާ ކަމަށެވެ. މި ހުއްދަ ދޫކުރާނީ ފްލެޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިމުމުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ކޯޕަޜޭޝަނުން ބުނީ ފިނިޝިން މަސައްކަތް ކުރުމަށް ހުއްދަ ދޫކުރާއިރު އެކަން އާންމުކޮށް އިއުލާން ކުރާނެކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ސޮއިކުރުމުގެ މަސައްކަތް އަދިވެސް ނިމިފައި ނުވާއިރު މި ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ތިން މަސްދުވަހަށް ކުލި ނުނަގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.