ކޮރަޕްޝަނާ ގުޅިގެން ސައުދީ އަރަބިޔާއިން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިޔާގެ ނެޝަނަލް އެންޓި ކޮރަޕްޝަން ކޮމިޝަން(ނަޒާހާ)އިން ސަރުކާރުގެ އެކިއެކި އިދާރާތަކުގައި މަސައްކަތް ކުރާ ކޮރަޕްޝަނާ ގުޅުން ހުރި 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. މިއީ ގައުމުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނުގެ އިޒުނައާއެކު ނަޒާހާއިން ކުރިކަމެކެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރެވުނު މީހުންނަކީ ކޮރަޕްޝަންގެ ތުހުމަތުގައި ތަހުގީގު ކުރަމުންދާ 460 އަށްވުރެ ގިނަ މީހުންގެތެރޭގައި ހިމެނޭ ބަޔެކެވެ.

ހައްޔަރުކުރެވުނު މީހުންގެ ނަމެއް އެމީހުން ބަންދުކުރެވުނު ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

ވަލީޢަހުދު މުޙައްމަދު ސަލްމާން ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި ހަރަކާތްތަކެއް އެގައުމުގައި ފުރަތަމަ ފެށްޓެވީ 2017ގެ ފަހުކޮޅުގައެވެ. އެފަހަރު ބަންދު ކުރެވުނު މީހުންގެ އަތުން 106 ބިލިއަން ޑޮލަރު ގައުމުގެ ޚަޒާނާއަށް ޖަމާކުރެވުނެވެ. އެ ފަހަރު ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ވަލީޢަހުދާ ވާދަވެރި ޝާހީ ޢާއިލާގެ ވަރަށް ގިނަ އިސްބޭފުޅުން ވެސް ހިމެނެއެވެ. ބައެއް ފަރާތްތަކުން އެ ފަހަރު ހާމަކުރިގޮތުގައި ކޮރަޕްޝަންގެ ނަމުގައި ވަލީޢަހުދު ހިންގަވާ ހަރަކާތްތަކަކީ ގައުމުގެ ޚަޒާނާ މުއްސަދި ކުރެއްވުމަށާއި ވަލީޢަހުދުގެ ސިޔާސީ ހަޔާތްޕު ވަރުގަދަ ކުރެއްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ކަންތައްތަކެކެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މިފަހަރު ހައްޔަރު ކުރެވުނު ބައެއް މީސްމީހުންގެ ތެރޭގައި ދިފާއީ ވުޒާރާއާއި ސިއްހީ ވުޒާރާއާއި ޢަދުލު އިންސާފުގެ ދާއިރާގެ އިތުރަށް ސަރުކާރުގެ މުހިއްމު އެހެން އިދާރާތަކުގެ އިސް މީސްމީހުން ހިމެނެއެވެ. ”ނަޒާހާ“އިން ބުނިގޮތުގައި ހައްޔަރުކުރެވުނު މީހުންނާމެދު ޝަރީޢަތް ހިންގައި އަދަބު ދެވޭނެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަހަރު އޭޕްރީލް މަހު ހިންގި ހަރާތެއްގައި ވެސް 176 މީހުން ބަންދުކޮށްފައިވެއެވެ.

ވަލީޢަހުދު މުޙައްމަދު ގައުމުގެ ތަރައްގީއަށާއި ޒުވާނުންގެ މިވަންކަމަށްޓަކާއި ކުރައްވަމުންގެންދަވާ ބައެއް ކަންތައްތަކަށް ރައްޔިތުންގެ ތެރޭން ބަޔަކު ތާއިދު ކުރިކަމަށްވިޔަސް ވެރިކަން ހޯއްދެވުމަށް ޝާހީ އާއިލާގެ ބޭފުޅުންނާ ދެކޮޅަށް އޭނާ ކުރައްވާ ކަންތައްތަކާއި އޭނާ ކުރައްވާ އިންސާނީ ހައްގުތަކާ ދެކޮޅު އަމަލުތަކުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިއުން އަމާޒުވެފައިވެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ އަރަބިއާއިން މިފަހަރު ގިނަ ބަޔަކު ހައްޔަރު ކުރީ ސަރުކާރުގެ ބަޖެޓު ތާށިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް