ހަރުކަށި ފިކުރު ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން : ރައީސް

Loading

Facebook
Twitter
WhatsApp

 

ހަރުކަށި ފިކުރު ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލައކީ މުޖުތަމައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށާ އެކަން ހައްލުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިންކަމަށެވެ.

”މުޖުތަމައަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހއްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން.“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަގީގަތުގައި ޓީޗަރުންނަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށްވާ މީހުން ބިނާކުރުމުގެ އަމަލީ މަސައްކަތް ތަންފީޒުކުރާ ފާރާތްތައް ކަމަށެވެ. އަދި  އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައިވެސް، ތައުލީމީ ދާއިރާގެ ހިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ވިދާޅުވެ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ސާލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތްކުރެވޭނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއިރު، މަޖިލިސް ރައީސް، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ އަދި ހަރުކަށި ފިކުރުގެ މީހުންކަމަށް ތުހުމަތު ކުރާ ގިނަ އަދަދެއްގެ ބަޔަކު ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގައި ދަނީ ހައްޔަރުކުރަމުންނެވެ.

ނަމަވެސް ސަރުކާރުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތާމެދު ރައީސް ސާލިހު ނިސްބަތްވާ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ހިތްހަމަޖެހިވަޑައި ނުގަނެ ނުރުހުމުގެ ގިނަ ބަސްފުޅުތަކެއް ރައީސް ސާލިހުއަށާއި ސަރުކާރަށް ދަނީ އަމާޒުކުރަމުންނެވެ. އެގޮތުން ރައީސް ސާލިިހު ހުންނެވީ ހަރުކަށި ފިކުރުގެ ދަށުވެފައިކަމަށް ވެސް ރައީސް ނަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އަދި އެ މައްސަލައިގައި ނަޝީދު ވަނީ އިތުރަށް ދެން ރައީސް ސާލިހާއެކު ސިޔާސީ ގޮތުން ނުހުރެވޭނެކަމަށްވެސް ވިދާޅުވެ ހަރުކަށި ފިކުރުގެ އެންމެން ހިފާ ހައްޔަރުކުރުމަށް ވެސް ގޮވާލައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް