މަރު ކޮމިޝަން ކޮބައިހެއްޔެވެ؟

Loading

Facebook
Twitter
WhatsApp

އެމްޑީޕީ ކޯލިޝަންގެ ވެރިކަން ވުޖޫދަށް އައީ އިންސާފު ނުލިބި މާޔޫސްވެފައި ތިބި އެތައް ރައްޔިތުންގެ ހިތްތަކަށް އުންމީދީ ކުލަ ހުވަފެން ދައްކަމުންނެވެ. ގެއްލިފައިވާ މީހުންނާއި ޝަހީދު ކޮށްލެވިފައިވާ މީހުންނާއި ދަންޖެހިގެން މަރުވެފައިވާ ގޮތްނޭގޭ މަރުތަކަށް އިންސާފު ވައުދުތަކާއެކުގައެވެ. މިކަންކަމުގެ އެންމެ އަޑިއަށް ދެވޭވަރުގެ ޓީމުތައް އެކުލަވާލުމަށްފަހު އަތްފުނާ އަޅަމުން ދާ ވާހަކަ އެކިފަހަތުމަތިން ފަންވަތްތަކުގައި އެކި ސުރުޚީ އެޅެމުން، ޚަބަރެއް ނުވަމުން ގޮސް، އެންމެ ފަހުން މަރުކޮމިޝަން އޮބާލީތޯ ރައްޔިތުން އެބަ ސުވާލު އުފައްދައެވެ.

ދާފިފަހުން މަރުކޮމިޝަންގައި ހަރުކަށި ފިކުރުގެ މުވައްޒަފަކު ހުރިކަމަށް ދެކެވުނު ވާހަކަތަކަށްފަހު ވީނުވީއެއް ނޭނގި ދުވަސްތައް މާޒީއާ އެކުވަމުންދާތީ ބައެއް ހިތްތަކުގައި އާލާ ވަމުންދިޔަ އުންމީދީ ރޫޙަށް ދަނީ ލޮޅުން އަރަމުންނެވެ.

މަރު ކޮމިޝަނުން އެންމެ ފުނަށް ފީނި އެއްވެސް ޓީމަކަށް ހޯދުނު ކާމިޔާބެއް ނެތް އިރު ތިލަވެފައި ހުރި ހެކިތަކާއި ތުންތުންމަތިން ދެކެވޭ ވާހަކަތަކުގެ ހަގީގަތެއް ވެސް ހޯދިފައެއް ނެތެވެ.

މިސާލަކަށް ނޫސްވެރިޔާ ރިޟްވާނު ކަތިލި މީހާއާއި އޭނާގެ ލޭ ހުއްދަ ކުރި ކަމަށް ބުނެވޭ މީހާގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރު ވެފައިވާއިރު އެމީހުން ތިބީ މިނިވަން ކަމާއެކު ހަމަ އެގޮތުގައެވެ.

މަރުކޮމިޝަންގެ އިސް ބޭފުޅެއްކަމުގައިވާ މިސްބާޙް ޢައްބާސް: ނަތީޖާއެއް ނުފެނޭ

ޑޮކްޓަރ އަފްރާޝީމުގެ މަރުގެ މައްސަލައިގައި ހުމާމު މަރަން ހުކުމް ކޮށްފައިވާއިރު އެމަރާ ގުޅުން ހުރިކަމަށް ބުނެވޭ ބައެއްފަރާތްތައް ދިރި ދުނިޔޭގައި އުޅެމުންދާ ކަމުގެ އަޑުތައްވެސް އަންނަނީ ތިލަވަމުންނެވެ. މިގޮތުން ތުންތުން މަތިން އިވޭ އަޑުތަކަށްވެސް ސަމާލު ކަން ދިނުން މުހިންމު ވާނެ އެވެ. ހުވަދު އަތޮޅު ކޮނޑޭ އަންހެނަކާއި އިނދެގެން އުޅޭ އެހެން ރަށެއްގެ ޒުވާނެއްގެ ވާހަކަ އެރަށުތެރޭގައި ދެކެވެމުން ދެއެވެ. އަފްރާޝީމު އަވަހާރަކޮށްލި ރޭ މިދެންނެވި ކޮނޑޭގައި ހުރި ޒުވާނާ މާލޭގައި ދިރިއުޅޭ ގެއަށް ދިޔައިރު މުޅި ހެދުމުގައި ލޭ ހުރިވާހަކަ އާއި އެހެދުން އޭނާގެ މަންމަ ދޮވެސާފު ކުރިކަމުގެ އަޑުތައްވެސް ތުންތުންމަތިން އިވެއެވެ. އަދި ކޮނޑޭ ގައި ހުރި މިދެންނެވި ޒުވާނާއާ ސިފައިން ބައްދަލު ކުރާ ވާހަކަ ވެސް ހޮޅުއަށިތަކުގެ ސުރުޚީތަކަށް އަރާފައިވެއެވެ. މީ ހަގީގަތެއް ތޯ ބެލުމަކީ ވެސް އޮތްކަމެއްތާއެވެ! އެފެންވަރު ގެ ޢިލްމުވެރިޔަކު ހުމާމު އެކަންޏަކު މި މާލޭގައި ގަތުލެއް ނުކުރެވޭނެކަން އެންމެނަށްވެސް އެނގޭނެއެވެ.

ވަރަށްފެންވަރު ރަގަޅު ސީ.އައި.ޑީ. ޓީމުތަކެއް އުފައްދާ ޖައްވާ ފަޒާގެ ތެރެއަށް އުދުއްސާލައިގެން ހޯދަން ފެށީމާ މި މަރުތަކާ ގުޅުންހުރި ގިނަ ހެކިތަށް ފެންނާނެކަމަށް ބެލެވެއެވެ. މިދެންނެވި އަޑުތަކަށް ބިރުން އެއަޑުތަކުގެސަބަބުން ނުކުމެދާނެ ދެރައަކަށް، ފިލައިގެން ވެސް ބައެއް މީހުން އުޅޭކަމަށް ވެއެވެ. މިފަދަ ކޮންމެ މަރެއްވެސް ގުޅިފައި ވަނީ ހަރުކަށި ފިކުރާއެވެ. މިދެންނެވި ފިކުރަކީ މަރަންޖެހޭ މީހުން ކަނޑައަޅައި ލޭ ހުއްދަކޮށް އެކަމަށް ޒުވާނުން ތަމްރީނު ކުރަމުންދާ ފިކުރެކެވެ. ފައިދާނަގަނީ ސިޔާސީ ފަރާތްތަކުންނެވެ.

ކޮންމެއަކަސް މަރުކޮމިޝަނުން ކުރެވިފައިވާ އެންމެފަހުގެ މަސައްކަތާއި ނަތީޖާ ނެރެވޭނެތޯ ރައްޔިތުންނަށް އެނގެން ބޭނުންވާނެއެވެ، ޚާއްޞަކޮށް މަރާލެވިފައިވާ ފަރާތްތަކުގެ ޢާއިލާ ތަކަށް ކޮންމެވެސް އުންމީދެއް އޮންނަވަރުގެ ނަތީޖާ އެއް ފެންނަން ޖެހެއެވެ. ކޮމިޝަން ހަދައިގެން އެކޮމިޝަން ގެ މެންބަރުންނަށް ފަސް އަހަރު ވަންދެން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދެމުން އަންނަނީ އުންމީދެއް އޮތީމައެވެ.

ޑޮކްޓަރ އަފްރާޝީމު ޢަލީ އަވަހާރަ ކޮއްލި ޓީމުގައި އަޒްލީފު ރައޫފާއި ރަބަރޭ ހިމެނޭ ކަމަށާއި ހުމާމުގެ ދުލުން މަރުގެ ހަގީގަތް އެނގޭނީ ރައީސް ޔާމީނާއި ނާއިބް ރައީސް އަހުމަދު އަދީބަށް ކަމަށް ބުނި ބުނުން ތަކުގެ އިތުރުން ރަބަރޭ ލަންކާގައި މަރާލެވިފައި ވަނީ ދިވެހި ވިޔާފާރިވެރިޔަކު ފަންޑު ކޮށްގެން ކަމަށްވެސް ބުނެވެއެވެ. އެހެން ކަމުން މިހާރު އަޒްލީފް ރައޫފް ކޮބައިބައިތޯ މަރުވީތޯ ވެސް ކަށަވަރު ވާންޖެހޭ އިރު މިދެންނެވި މަޢުލޫމާތު ސޯޝަލް މީޑިޔާގައި ވަނީ ދައުރު ވެފައެވެ. އަޒްލީފް ރައޫފް ސީރިޔާގައި މަރާލެވުނު ވާހަކައާއި، ސީރިޔާގައި އޭނާ މަރުނުވާ ކަމަށްވެސް ސޯޝަލް މީޑިޔާގައި އަޑު ފެތުރިފައި ވެއެވެ. މިދެންނެވި ވާހަކަތައް ސޯޝަލް މީޑިޔާގައި ބާރަށް ފެތެރުމުން ގޮސް އެއަޑުތައް ކެނޑެމުންދާއިރު ދައުލަތު ގެ އެއްވެސް ރަސްމީ އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ރައްޔިތުން ނުހަނު ކަންބޮޑުވެފައި ތިބި މިދެންނެވި ކަންކަމުގެ މަޢުލޫމާތަކީ ތެދު މަޢުލޫމާތު ތަކެއްތޯ ނުވަތަ ދޮގު މަޢުލޫމާތު ތަކެއްތޯ ވެސް ރަސްމީ އިދާރާއަކުން ހާމަކޮށް ދިނުމަކީ ބޭނުން ތެރިކަމެއް ކަމަށް ދެކެމެވެ.

މާލޭގައި ހިންގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެންމެ އަޑިއަށް ފީނަމުން ދާއިރު އެއްވެސް ހަގީގަތެއް ތިލަވެފައެއް ނުވެއެވެ. އަޑިއަށްދާ ޓީމުތަކަށް އަޑިން ބޮޑު ކަޅުވެނެއް ފެންނިގެން ބިރުން އިތުރަށް އަޑިއަށް ދާން ނުކެރެނީ ބާއެވެ!

ކޮންމެއަކަސް މިކަން ކަމުގެ ޙަގީގަތް ރައްޔިތުންނާ ހަމައަށް ތިލަ ކޮށްދޭން ޖެހެއެވެ. އިންސާފު ގާއިމު

ކޮށް ނުދެވޭނަމަ އިސްތިއުފާ ދެއްވާފައި ދުރަށްވަޑައި ގަންނަވާށެވެ!

ރިޔާސީ ވައުދު ދިވެހިރައްޔިތުންގެ ކުރިމަތީގައި ޗަސް، ޗޮސްވެގެން ހިނގައްޖެއެވެ. ލަދުން ބޯހަލާކެވެ!

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް