ލޯބީގެ މަންޒިލު-2

496

https://sandhaanu.today/13458/ އާ ގުޅޭ…

ބަސް ހުއްޓުމާއެކު ތިންހަތަރު ފިރިހެނުން ވެގެން ސަރޫޕު ބަހުން ބޭރަށް ނެރުނެވެ. އަންހެން ކުއްޖާ ވެސް ބަހުން ފައިބައިފިއެވެ. އެ މީހުން ބަހުން ފޭބުމާއެކު ބަހުގެ ރަނގަބީލު ޖެހި އަޑު އިވުނެވެ. ދެން ފެނުނީ ބަސް ދުއްވާލިތަނެވެ.

ސަރޫޕު ބަހުން މަގުމައްޗަށް ދަމާ ނެރުނު އިރު އޭނާގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ގަމީހުގެ ދެތިން ގޮށް ކަނޑައިގެން ހިނގައްޖެއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އެ މީހުން އަދިވެސް ތިބީ ސަރޫޕުގެ ގައިގައި ހިފަހައްޓައިގެންނެވެ. ކުޑަ ހިނދުކޮޅެއްގެތެރޭގައި އެތަނނަށް ވަރަށް ގިނަ ބަޔަކު އެއްވެއްޖެއެވެ. އަދި ވެގެން އުޅޭގޮތެއް އޮޅުން ފިލާތޯ އެމީހުން މަސައްކަތް ކުރަމުން ދިޔައެވެ. އެކަންތައްގަނޑުން ސަލާމަތްވާން ޖަހަންވީ މަޅިއެއް ސަރޫޕަށް ކުއްލިއަކަށް ވިސްނުނެވެ. އަދި އޭނާ އަޑުގައި ނެތްތަނަށް ބާރަށް ގޮވަން ފެށިއެވެ.

“އަހަރެން ސަލާމަތްކޮށްދީ! މާތް ރަސްކަލާންގެ ރަސްކަންފުޅަށްޓަކައި އަހަރެން ސަލާމަތްކޮށްދީ! މި މީހުންތައް އަހަރެންގެ ކޮއްކޮއާ ބެހެނީ. އެއްޗެކޭ ބުނާއިރަށް އަހަރެންގެ ގައިގައި ތަޅަނީ.”

“މީ ވަރަށް ބޮޑު ދޮގުވެރިއެއް.” އަންހެން ކުއްޖާ ވާހަކަދެއްކޭތޯ އުޅުނެވެ. އެކަމަކު ސަރޫޕުގެ އަޑުގަދަކަމުން އަންހެންކުއްޖާ ސަރޫޕަކީ އޭނާގެ ބޭބެއެއް ނޫންކަން ހާމަކޮށްދިނުމަށް ކުރި މަސައްކަތް ދިޔައީ ބޭކާރުވެގެންނެވެ. އެތަނަށް އެއްވެ ތިބި މީހުން އެ ހަތަރު މީހުންގެ އަތްދަށުން ސަރޫޕް ސަލާމަތްކޮށްދީ އެ ހަތަރު މީހުން ހިފައި ހައްޔަރުކުރިއެވެ. ސަރޫޕަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން އޭނާ ވަރަށް ވިސްނުންތެރިކަމާއެކު ހިފިއެވެ. އެއްވެ ތިބި މީސްތަކުންގެ ތެރެއިން ނިކުމެގެން ގޮސް އަވަސްއަވަހަށް އެއްފަރާތަކަށް އޭނާ ފިލަން ދުއްވައިގަތެވެ. ސަރޫޕް ދުއްވައިގަތްތަން ފެނުމުން އަންހެން ކުއްޖާ ހަޅޭލަވައިގަތެވެ.

“އެއޮތް ދުވަނީ ފިލަން. އޭނާ ހިފައި ހައްޔަރުކުރޭ!”

ހަމައެޔާއެކު ސަރޫޕުވެސް ގޮވަންފެށިއެވެ. “ހިފަހައްޓާ! ހައްޔަރުކުރޭ!”

ސަރޫޕުގެ ފަހަތުން ދުވެފައި ދިޔަ މީހުންނާ ދިމާއަށް ބަލާވެސް ނުލައި އޭނާ ދުވެފައި ދިޔައެވެ. އަދި ދުއްވާފައި ދިޔަ ބަހެއް އޭނާއާ އަރައިހަމަވުމުން އެބަހަށް އޭނާ ފުންމައިގެން އެރިއެވެ. އޭނާ ހުރީ މާނޭވާލެވި ވަރުބަލިވެފައެވެ. އޭނާގެ މޫނުމަތިން އެތައްތަނެއް ވަނީ ޒަޚަމްވެފައެވެ.

ހައްޔަރުކުރާށޭ ހިފަހައްޓާށޭ ގޮވަމުން އޭނާގެ ފަހަތުން ދުވެފައި އައި މީހުންގެ އަޑު ހިނދުކޮޅެއްގެތެރޭގައި ކެޑި މަޑުވެއްޖެއެވެ.

* * * *

ނަރޯތަމް ދާސް ޕިޔޯނަށް ގޮވައި ގެނެސް ބުންޏެވެ. “ރާމް ބާބޫއަށް ގޮވާ ބަލަ!”

ޕިޔޯނު ދިޔަތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރާމް ބާބޫ އައިސް ނަރޯތަމް ދާސްގެ ކޮޓަރިއަށް ވަނުމުގެ ހުއްދައަށް އެދުނެވެ. ހުއްދަ ލިބުމުން އެތެރެއަށް ވަންއިރު ނަރޯތަމް ދާސްގެ މޫނުމަތިން އޭނާ ކަންބޮޑުވާވަރު އެނގެން ހުއްޓެވެ. އޭނާ އެއްޗެކޭ ބުނަން އުޅެނިކޮށް ފޯނު ރަނގަބީލުވާން ފެށުމުން ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖެއްސިއެވެ.

“ވާހަކަދައްކަނީ ނަރޯތަމް.”

“ބައްޕާ މީ ސުޝީލާ.”

“ދަރިފުޅާ! ކިހިނެއްވީ؟”

ބައްޕާ! ބައްޕަގެ ހަނދަނަށް ކިހިނެއްތޯވީ؟”

“އަހަރެންގެ ހަނދާނަކަށް ގޮތެއް ނުވޭ. މާދަމައަކީ އަހަރެންގެ ލޮބުވެތި އަންހެން ދަރިފުޅުގެ އުފަންދުވަހެއްނު!” ނަރޯތަމް ލޯބިން ފުރިފައިވާ ރާގަކަށް ހިނިތުންވެފައި އިނދެ ބުނެލިއެވެ.

“އުފަންދުވަސް ފާހަގަ ކުރަނީި މާދަމާ. މިއަދު މެންދުރުވީ އިރުވެސް ކޭކުއަޅަން އަދި އޯޑަރެއް ނުދޭ. ބޭނުންވާ އެއްޗެއް އަދި ބާޒާރުން ވެސް ނުލިބޭ.”

“އަހަރެން އޮފީހަށް އައިސް ފުރަތަމަ ކުރީ ތިކަންތައްތައް. ހަމައެކަނި ނުކުރެވި އޮތީ ދަރިފުޅަށް ބޭނުންވާ ތަކެތި ގަންނަން ބާޒާރަށް ދިއުން. ޓްރޭޑް ޔުނިއަންގެ ވަރަށް މުހިއްމު ޖަލްސާއަކަށް ބައްޕަ ދާންޖެހޭ. ދަރިފުޅު ކޮންމެވެސް ރައްޓެއްސަކާއެކު ގޮސް ބާޒާރުކޮށްލާ! ތިޖޫރީގައި ފައިސާ ހުންނާނެ. ދަރިފުޅު ބޭނުންވާ ވަރަކަށް ފައިސާ ނަގާ!”

“ދެން އެންމެ ރަނގަޅު ބައްޕާ!” މިހެން ބުނެފައި ސުޝީލާ ފޯނުގެ އަތްގަނޑަށް ދޮނެއް ދިނުމަށްފަހު ފޯނުގެ އަތްގަނޑު ބޭވިއެވެ.

ނިރޯތަމްދާސް ފޯނުގެ އަތްގަނޑު ބާއްވާފައި ރާމްއާ ދިމާއަށް ބަލާލިއެވެ. ރާމްގެ މޫނުގެ ކުލަވަރު ވަނީ ފަނޑުވެފައެވެ.

ނިރޯތަމް ހީލާފައި ބުންޏެވެ. “ރާމް! ބުނީމެއްނު ތިމަންނަގެ ދަރިފުޅަކީ ވަރަށް ބޮޑަށް ގަޑިއަށް ފަރުވާ ބަހައްޓާ ކުއްޖެކޭ.”

“ލައްބަ. އޭނާއަކީ ވަގުތަށް ހުރުމަތްތެރިކޮށް ހިތާ ކުއްޖެއް. މިއަދު ވީ ކިހިނެއްކަމެއް ވެސް ނޭނގޭ. އެގާރަ ޖަހަންވާ އިރަށް މިތަނަށް އަންނާނެ ވާހަކަ ބުނި.”

“މިހާރު އެއުޅެނީ އެކެއް ޖަހަން. މެންދުރު ކާގަޑިވެސް ޖެހިއްޖެ. މިއަދު މެންދުރުފަހުން އަހަންނަށް ހުސް ވަގުތެއް ނުލިބޭނެ.”

ނިރޯތަމް ދެއްކި ވާހައިގެ އަޑު އިވުމުން ރާމް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ރާމްގެ މޫނުމައްޗަށް އެރި ކުލަވަރު ފެނުމުން ނިރޯތަމް ވާހަކަދެއްކިއެވެ.

“ދެރަވާނެ ކަމެއް ނެތް. މިއަދު އިންޓަވިއު ނުކުރެވުނަސް މާދަން ކުރެވިދާނެއެއްނު! އަހަންނަކީ ވަގުތަށް ހުރުމަތްތެރިކޮށް ހިތާ މީހެއްކަން ރާމަށް އެނގޭނެ. ޑްރައިވަރަށް ނާދެވުނަސް އަހަރެންގެ ކާރު ދިހައެއްޖަހަން ފަސްމިނެޓަށް ވާއިރު އޮންނާނީ އޮފީހުގެ ދޮރުމަތީގައި. އޮފީހުގައި އޮތް ހުސް މަގާމަށް މީހަކު ހޯދަން ނޫހުގައި އިއުލާނެއް ނުޖެހީ ރާމްއަކީ އަހަރުމެންނާއެކު ތެދުވެރިކަމާއެކު މަސައްކަތްކުރާތާ ގިނަދުވަސްވީ މުއައްޒިފަކަށް ވީތީ ރާމްގެ ދަރިފުޅަށް ފުރުސަތު ދިނުމުގެ ގޮތުން.”

“އަޅުގަނޑު މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.” ރާމް އޭނާގެ ދެ އަތް މޭގައި ޖައްސާލަމުން ބުންޏެވެ.”ދިހަ ފަހަރު ދުނިޔެއަށް އަންނަން ޖެހުނަސް މަނިކުފާނުގެ އޯގާތެރިކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލާނަން. މުސްކުޅިވެ ހަށިގަނޑުގެ ބާރު ކެނޑުނު ދުވަހު އެހީތެރިކަމުގެ އަތެއް ފޯރުވަން ހުރީ ހަމައެކަނި އަޅުގަނޑުގެ ދަރިފުޅު. އަދި އޭނާގެ އަންހެން ކޮއްކޮގެ ކައިވެނިވެސް ކުރުވަން އެބަޖެހޭ. މިދުވަސްވަރު މީހުންނަށް ޖެހެނީ ޑިގްރީ ހިފައިގެން ވަޒީފާގެ ފަހަތުން ދުވަން. ވަޒީފާއަށް އެދި ސަލާންޖަހަން.”

“ބިރުގަންނާނެކަމެއް ނެތް. ކަލޭގެ ދަރިފުޅަކީ ވަޒީފާއަށް އެކަށީގެންވާ ކުއްޖެއްކަމަށް ވަންޏާ ދެރަގޮތެއް މެދުވެރިވިޔަކަ ނުދޭނަން.”

މިހެން ބުނެފައި ނިރޯތަމް ދާސް އައިނު ރަނގަޅުކޮށްލަމުން މުއައްޒިފުންގެ ހާޒިރީ ރިޕޯޓަށް ބަލަން ފެށިއެވެ.

ނުނިމޭ

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ