ﷲ އަށް އީމާންވުމުގެ މުހިންމުކަން

131

ގަސްގަހާގެހި އާރޯކަމާއި ތާޒާކަމާއެކު ދެމިހުރުމަށް ފެނަށް ބޭނުންވާ ފަދައިން، އިންސާނާ އޭނާގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި، އީމާންކަމަށް ބޭނުންވެއެވެ. ﷲ އަށް އީމާންވުމަކީ، އިންސާނާގެ ހިތުގައި ދިރިއުޅުމުގެ ޝަޢުގުވެރިކަމާއި އުންމީދު އާާލާކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ. ދިރިއުޅުމުގެމަތިން އުންމީދުކެނޑި މާޔޫސްކަމުގެ ކަނޑަށް ގެނބިގެންދަނީ، ﷲ އަށް އީމާންނުވާ މީހުންނެވެ. އީމާންކަމަކީ، ހިތްތައް އުންމީދުން ފުރާލަދޭ ކަމެކެވެ. ހެޔޮފާލުގެ ޝުޢޫރުތުތަކާއި، ބާއްޖަވެރިކަމުގެ އިޙުސާސްތައް އުފައްދާ ކަމެއްވެސްމެއެވެ. އެހެނީ، ﷲ އަށް އީމާންވާ މީހާ ގަބޫލުކުރާ ގޮތުގައި އޭނާވަނީ، ގަދަފަދަ ބާރެއްގެ ހިމާޔަތުގައެވެ. އެކަނލާގެއަށް، މި ކައުނުގައިވާ އެއްވެސް އެއްޗެއް ވަންހަނާ ވެގެންނުވެއެވެ. އެއްވެސްކަމެއް އެކަލާނގެ ކުޅަދުންވަންތަކަމުން  ބޭރުވެގެންނުވެއެވެ. އެކަލާންގެ ކުޅަދުންވަންތަކަމާއި، ޤުދުރަތް ތެރިކަމަށް ޙައްދެއް މިންވަރެއް ނުވެއެވެ. އެއީ އެންމެ އޯގާވަންތަ އެންމެ ދީލަތި ވަންތަ ރަސްކަލާނގެއެވެ. ފާފަފުއްސަވާ ތަޢުބާ ގަބޫލުކުރައްވާ ރަސްކަނލާނގެއެވެ. އެކަލާނގެ ކޮންމެ ހެޔޮކަމަކަށް، ދިހަ ހެޔޮކަމުގެ ސަވާބު ދެއްވައެވެ. އެދިވޮޑިގެންފިނަމަ، 700 ގުނައަށް ނުވަތަ އެއްވުރެވެސް ގިނަދަރުމައާއި ސަވާބު އިތުރުކޮށްދެއްވައެވެ.

އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “އަދި ތިމަންރަސްކަލާނގެއާެމެދު ތިމަންރަސްކަލާނގެ އަލުން ކަލޭގެފާނާއި ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ.!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑީގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލަާނގެ ހަޟްރަތަށް ދުޢާ ކޮށްފިނަމަ، ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެއަށް އިޖާބަ ދޭހުށިކަމެވެ!”

ތަފާސްހިސާބުތައް ދައްކާގޮތުގައި، ދުނިޔެމަތިން ފޫހިވެގެން އަމިއްލައަށް މަރުވާ މީހުން އެންމެ ގިނައީ، މާއްދިއްޔަތްއަށް އަޅުދާސްވެފައިވާ، ރައްވެހިކަމުގެ އަޑުއުފުލާ ޤައުމުތަކުގައެވެ. އިސްލާމީ ޤައުމުތަކުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު، ނިސްބަތުން ވަރަށް މަދެވެ. ވަންހަނާވެގެން ނުވާނޭ ފަދައިން، މިކަމުގެ ހުރިހައިވެސް ސަބަބކީ، ﷲ އަށް އީމާންވުމުގެ މޭވާއެއް ކަމުގައިވާ، މިންވަރަށް އީމާންވުމުގެ ހަރުދަނާ އަޤީދާއެވެ.

ﷲ އަށް އީމާންނުވާ މީހާގެ މިސާލަކީ، ވައިގެ ތެރޭގައި އެނބުރޭ ކުކުޅުފަތެއްގެ މިސާލެވެ. އެފަދަ މީހަކަށް ނަފްސާނީ ގޮތުން އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ދިރިއުޅުމުގައި ދިމާވާ އުނދަގޫ މައްސަލަތައް ތަޙައްމަލު ނުކުރެވިގެން، ތިމާގެ ނަފްސަށް ވަގުތީ ހަމަޖެހުން ލިބިދިނުމަށްޓަކައި މަސްތުވާ ތަކެތީގެ ޝިކާރައަކަށްވެގެން ހަލާކުވެ ބަރުބާދުވެގެންދާނީ، ﷲގެ ކުޅަދުންވަންތަކަމާއި ރަޙްމަތް ވަންތަކަން ހަނދާންނުކުރާ އަބާއްޖަވެރިންނެވެ. މާތް ﷲ ހަނދާންކޮށް އެކަލާނގެ މިންވަރަށް ރުހި ގަބޫލުވުމަކީ، ހިތަށް ހަމަޖެހުމާއި އަރާމުލިބޭ ކަމެއްކަން ބަޔާންކުރައްވަމުން، ކީރިތި ޤުރުޢާންގައި ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ދަންނާށެވެ! ހިތްތަކަށް ހަމަޖެހުންލިބެނީ ﷲ ހަނދުމަކުރުމުންނެވެ.”

1 ހިޔާލު

  1. ވަރަށް ހެޔޮ ބަސްފުޅެއް. އެބަޖެހޭ ދިވެހިންގެ އީމާންތެރިކަމާއި އަގީދާ ވަރުގަދަވާން. އެހެނީ މި ޒަމާނަކީ އިންޓަނެޓްގެ 5ޖީ ޒަމާނަށްވުމުން ނެޓްމެދުވެރިކޮށް އަގީދާ ފުނޑުފުނޑުވާކަހަލަ ބައިވަރު ލިޔުން އެހުންނަނީ އަޅާލައިފަ. އަދި މިގައުމުގައި ދީނުގެ ޢަގީދާ ބަލިކަށިކޮށް ދިވެހިންގެ ގައުމިއްޔަތު ބަދަލުކުރަށް ހުވާކޮށްގެން ހުރިމީހަކު އަނެއްކާވެސް ވެރިކަމަށް އައުމަށް އުޅޭއިރު މި ސައްތައިން ސައްތަ އިސްލާމީގައުމުގެ ޢިލްމުވެރިން ތިގޮތަށް ހެޔޮބަސްބުނެ ހެޔޮ ޢަމަލު ރައްޔަތުންނަށް ދައްކުވައިގެން އެއްބައިވަންތަކަން ދަމަހަށްޓައިގެން މެނުވީ އިސްލާމް ދީނުގެ ހިދާޔަތުގައި މި ކުޑަ ކުޑަ ގައުމު ނޯންނާނެއެވެ. ބޭރުގެ އެޖެންޓުން ނަށް ގައުމުގެ ގައުމިއްޔަތު ބަދަލުކުރަން ފުރުސަތު ދީގެން ނުވާނެއްއެވ.ެ

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ