ޕެގަސަސް ސްޕައިވެއާރގެ މައްސަލައިގައި ގައުމުތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރައްވައިފި

Loading

Facebook
Twitter
WhatsApp

އެން.އެސް.އޯ ގްރޫޕްގެ ސޮފްޓްވެއަރއެއް ކަމުގައިވާ ޕެގަސަސް ސޮފްޓްވެއަރގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސްވެރިން ކަންބޮޑުވުން ފާޅުކުރައްވަން ފައްޓަވައިފިއެވެ. އެހެނީ އެ ސޮފްޓްވެއަރ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި ގާނޫނީވަކީލުންގެ ފޯނުތައް ހެކްކޮށްފައިވާކަން ވަނީ ދާދިފަހުން ފަޅާއަރާފައެވެ.

އެކަން ފަޅާއަރާފައި ވަނީ ފަރަންސޭސިވިލާތުގެ ފޮބިޑެން ސްޓޯރީސް އާއި އެމީހުންގެ މީޑިޔާ ޕާޓްނަރުން މިކަމާ ގުޅިގެން ލިޔުމެއް ޝާއިޢުކޮށް މި ސޮފްޓްވެއަރ ބޭނުންކޮށްގެން ހެކްކޮށްފައިވާ 50000 ފޯނުނަންބަރު އެކުލެވޭ ލިސްޓެއް އާންމުކުރުމުންނެވެ. އެން.އެސް.އޯ ގްރޫޕުގެ ޕެގަސަސް ސޮފްޓްވެއަރ ބޭނުންކޮށް 2016 ވަނަ އަހަރުން ފެށިގެން މިކަން ކުރެވެމުން ދިޔަކަން މިއަދު ހާމަވުމާ ގުޅިގެން އިޒްރޭލުގެ މި ކުންފުންޏަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ޕެގަސަސް ސޮފްޓްވެއަރގެ ޝިކާރައަކަށްވެފައިވާ 50000 މީހުންގެ ތެރެއިން އެކަކީ އެމިރޭޓްސްގެ ހިއުމަން ރައިޓްސް އެކްޓިވިސްޓެއް ކަމުގައިވާ އަޙްމަދު މަންސޫރްއެވެ. މަންސޫރް މިހާރު ދަނީ 10 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންނެވެ. ކަމާބެހޭފަރާތްތަކުން މައުލޫމާތުދޭ ގޮތުގައި އޭނާގެ ފޯނުވަނީ 2016 ވަނަ އަހަރު ބަޔަކުމީހުން މި ސޮފްޓްވެއަރ ބޭނުންކޮށްގެން ހެކްކޮށްފައެވެ. އަދި ވިދިގެން އައި އަހަރުގެ މާރިޗު މަހު އޭނާގެ މައްޗަށް ކޯޓުން ޖަލުހުކުމް އިއްވައި ވަނީ ހައްޔަރުކޮށްފައެވެ.

މަރާލެވިފައިވާ، ސައުދީގެ ޖާނަލިސްޓެއް ކަމުގައިވާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައިގެ ތަހުގީގުތަކުންވެސް ޕެގަސަސް ސޮފްޓްވެއަރގެ އަސަރުތައް ފެނިފައިވެއެވެ. މިގޮތުން ޖަމާލް ޚަޝޯގީ އާއި އޭނާގެ އަންހެނުންގެ ފޯނު ވަނީ އޭނާ މަރުވުމުގެ ދެތިން މަސް ކުރިން މި ސޮފްޓްވެއަރ ބޭނުންކޮށްގެން ހެކްކޮށްފައިކަން ތަހުގީގުތަކުން ހާމަވެފައިވެއެވެ. މީގެ އިތުރުން އެ މައްސަލަ ތަހުގީގު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްތަންބޫލްގެ ޗީފް ޕްރޮސެކިއުޓަރ، އިރްފާން ފިޑާންގެ ފޯނަށްވެސް މި ސޮފްޓްވެއަރގެ ހަމަލާއެއް އަމާޒުކޮށްފައިވެއެވެ.

ޔޫ.އޭ.އީ އާއި ސައުދީ ފަދަ ގަލްފުގެ ގައުމުތަކުން އިޒްރޭލާއި އެކު ގުޅުން ބަދަހިކޮށް މި ސްޕައިވެއާރގެ ބޭނުންކުރަމުންދާކަން ފޮބިޑެން ސްޓޯރީޒްއިން ކޮށްފައިވާ ތަހުގީގު ތަކުން ވަނީ ހާމަވެފައެވެ. މި ސްޕައިވެއާރގެ އެހީގައި ގާނޫނާއި ހިލާފަށް މީހުންގެ ފޯނުތައް ހެކްކޮށް އެތައް ޖަރީމާއެއް ހިންގުމުގައި ގަލްފުގެ ގައުމުތަކުން ބައިވެރިވެފައިވާކަން މިހާރުވަނީ ތަހުގީގުތަކުން އެނގިފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް