ވަކީލަކު އައްޔަންކުރަން މުއިއްޒުއަށް 10 ދުވަސް ދީފި

Loading

Facebook
Twitter
WhatsApp

 

މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު  ޑރ. މުހައްމަދު މުއިއްޒުގެ މަށްޗަށް ނޫމަޑި މައްސަލައިގައި އުފުލާފައިވާ ދައުވާ އާއި ގުޅިގެން ދިފާއީ ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ޝަރީއަތުން ދީފިއެވެ.

މުއިއްޒުގެ މަށްޗަށް ސަރުކާރުން އުފުލާފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި ދޮގު ބަޔާން ދިންކަމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުއިއްޒު ވިދާޅުވެފައިވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމަށެވެ.

އެ މައްސަލައިގެ ލިޔުންތައް ހަމަޔަށް ލިބިފައިވޭތޯ މައްސަލަ ބައްލަވާ ގާޒީ ސަފްއަތު ހަބީބް ސުވާލު ކުރެއްވުމުން ވަކީލަކު ނެތި ވަކި ޖަވާބެއް ނުދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ވަކީލަކު  ހަމަޖައްސަން ގާޒީ ވަނީ ދިހަ ދުވަހުގެ މުއްދަތެއް މުއިއްޒުއަށް ދެއްވާފައެވެ.

ޑރ. މުއިއްޒުއާ ދެކޮޅަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އާބިޓްރޭޝަން މައްސަލާގައި ނޫމަޑީގެ ހެކިވެރިއަކަށްވެ މުއިއްޒު ދޮގު ބަޔާންދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.

ދައުލަތުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފައިވަނީ ޖޫން 14، 2020 ގައެވެ. އެ މައްސަލަ ބެއްލެވުމާ ފުރަތަމަ ހަވާލުވި ގާޒީ އެހެން ކޯޓަކަށް ވަނީ ބަދަލުކޮށްފައެވެ.އަދި ދެވަނައަށް ހަވާލުކުރި ގާޒީ ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ.

މިހާރު މި މައްސަލަ ބައްލަވާ ގާޒީ ސަފްހަތު ހަބީބް އަކީ މި މައްސަލަ ބެލުމާ ހަވާލުވި ތިން ވަނަ ގާޒީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް