https://sandhaanu.today/13127/ އާއި ގުޅޭ..
މާލީ އިދާރާތައްހިންގުން:
މާލީ އިދާރާތައް ހިންގުމުގެ އެންމެ އިސްފަރާތަކީ މާލީ ވަޒީރެވެ. އޭނާއަށް އެހީތެރިވުމަށް އިތުރު 3 ވަޒީރަކު ތިއްބަވައެވެ. އެއިން ކޮންމެ ވަޒީރަކަށްވެސް ވަކި މަސްއޫލިއްޔަތެއް ކަނޑައަޅުއްވާފައިވެއެވެ. އެއީ ބިމާބެހޭ ކަންތައް ބެލެހެއްޓުމާއި ރަސްކަމުގެ ދަށުގައިހިމެނޭ އެންމެހާ އެހެން މިލްކިއްޔާތުތައް ބެލެހެއްޓުމާއި އަދި ސަރުކާރުގެ ފައިސާއާއި ހޭދަކުރުންތަކުގެ ހިސާބުކިތާބު ބެލެހެއްޓުމެވެ. މާލީ އިދާރާތަކުގައި ލިއެކިއުންތައް ބަލަހައްޓަން ތިބެނީ ޢާންމުކޮށް ހިންދޫންނެވެ.
އަކްބަރު ރަސްގެފާނުގެ މާލީ އަދި ޓެކްސް ނިޒާމުގެ ސަބަބުން ރަށްފުށުގެ ކުރިޔަށްތިބި ރައްޔިތުންގެ ފުރިހަމަ އެއްބާރުން ލިބެމުން ދިޔައެވެ. އެހެންނަމަވެސް ކުދިކުދި ދަނޑުވެރިން ޚިޔާރުކުރީ އެމީހުން ކުރިއްސުރެން ކަންތައް ކުރަމުން އައިގޮތަށް އެމީހުންގެ ފަރާތުން ހުންނަ އޮފިޝަލަކު މެދުވެރިކޮށް ސަރުކާރަށް ޓެކްސް ދެއްކުމަށެވެ. އެގޮތުން އެ މަސައްކަތްކުރާ އޮފިޝަލް އޭނާއަށް ލިބެންޖެހޭ މަސައްކަތުގެ އުޖޫރައާއި އަދި ބިންވެރިޔާއަށް ލިބެންޖެހޭ ހިއްސާވެސް ނެގުމަށްފަހު ބާކީ ސަރުކާރަށް ދައްކާގޮތަށެވެ.
ފައިސާގެ ނިޒާމް:
އަކްބަރުގެ ރަސްކަމުގައި އެޒަމާނާގުޅޭ އެންމެ ފުރިހަމަ ފައިސާގެ ނިޒާމެއް ގާއިމް ކުރެއްވިއެވެ. ލޯ ލާރިއާރި ރިހިލާރި އަދި ރަންލާރި ޖެއްސެވިއެވެ. ބިންކޮނެގެން މައުދަން ނެގުމާއި އެހެނިހެން ގޮތްގޮތުން މައުދަން ހޯދައިގެން ގެނައުމުން ސަރުކާރުން ގަނެ އޭގައި ސިއްކަޖަހާނެ ނިޒާމެއް އޮތީ ގާއިމު ކުރެވިފައެވެ. އެހެންނަމަވެސް އަކްބަރު ރަސްގެފާނުގެ ޙަޔާތުގައި ސިއްކަޖެހުނީ ހަމައެކަނި ލޯ ލާރީގައެވެ. އޭގެފަހުން ބޭރު ގައުމުތަކުން ގިނަ އަދަދަކަށް ރިހި ލިބެން ފެށުމުން ރިހި ރުޕީސް ތަޢާރުފް ކުރެއްވިއެވެ. އަކްބަރް ރަސްގެފާނުގެ މަގްސަދަކަށް ވެފާއޮތީ އޭނާގެ މުޅި ރަސްކަމުގައި އެއް ފައިސާއެއް ބޭނުންކުރުމެވެ. އެގޮތުން ކުރީގެ ލޯލާރި ވެސް ބޭނުންކުރަމުން ގެންދިޔައެވެ.
ތަފާތު ދީންތަކެއްގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެއް ހިންގުން:
އަކްބަރުގެ ވެރިކަމުގެ ދަށުގައި ހިމެނެނީ މައިގަނޑުގޮތެއްގައި އިސްލާމުންނޫން އެހެންދީންތަކަށް ނިސްބަތް ކުރެވޭ ރައްޔިތެކެވެ. އެހެންކަމުން މުސްލިމް ވެރިޔަކަށް ވީތީ އެހެންދީންތަކުގެ މީހުންނަށްވެސް ހަމަހަމަކަން ނުދީ އެމީހުންގެ ރުހުމާއިި ތާއީދު ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފާ ހުއްޓެވެ. އެހެންކަމުން އަކްބަރް ރަސްގެފާނު އެންމެފުރަތަމަ ބޭނުންފުޅުވީ މުސްލިމް ދަންނަބޭކަލުންނާއެކު މަޝްވަރާކޮށްގެން ރަނގަޅު ނިންމުންތަކެއް ނިންމާށެވެ. އަކްބަރް ރަސްގެފާނަށްވެސް އެނގިވަޑައިގަންނަވާ ގޮތުގައި މުސްލިމުންނަށް ގަނޑުވަރުތެރޭން ޚާއްސަ ކަމެއްދިނުމަކީ ހިންދޫންގެ ޚާއްސަ ދަރިފަސްކޮޅު ރުހިގެން ތިބޭނެ ކަމެއް ނޫނެވެ. މި މައްސަލާގައި އަކްބަރް ރަސްގެފާނު އިސްލާމްދީނުގެ ދަންނަބޭކަލުންނާއިއެކު މަޝްވަރާތަކަށް ފާތިހްޕޫރު ސިކްރީގައި ޚާއްސަ ކޮށްފައި ހުންނަ ޢިބާދަތު ޚާނާގައި ޚާއްސަ ކުރެވިފައިވާ ދަންނަބޭކަލުންނާއެކު ގިނަ މަޝްވަރާތަކެއް ކުރެއްވިއެވެ.
އެމަޝްވަރާތަކުން ރަސްގެފާނަށް އޮޅުންފިލާވަޑައިގަތީ އިސްލާމީ ދަންނަބޭކަލުންގެ ވިސްނުން ހުންނަގޮތުން މިކަމަށް އެދެވޭ ރަނގަޅުހައްލެއް ލިބުން ދުރުކަމަށެވެ. އެހެންކަމުން އެ ބައްދަލުވުންތައް އެހެނިހެންދީންތަކުގެ ދަންނަބޭކަލުންނާއި ފާދިރީންނާއި ޕްރީސްޓުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. މިގޮތަށް ހުރިހާ ދީންތަކެއްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމުގެ ސަބަބުން ރަސްގެފާނަށް ގަބޫލުކުރެވުނީ ކޮންމެ ދީނެއްގެ ދަންނަބޭކަލުންގެ ވިސްނުމާއި ފިކުރުގައި ރަނގަޅު ގޮތްތަކެއްވެސް އެކުލެވިފައި ވާކަމެވެ. މި ބައްދަލުވުން ތަކަށްފަހު ރަސްގެފާނު ނިންމެވީ ދަވްލަތުގެ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމުގައި އޮތުމުގެ ބަދަލުގައި ހުރިހާ މަޒްހަބުތަކަކާއި ދަރިފަސްކޮޅެއް ޝާމިލުވާގޮތަށް ހިންގުމުގެ ނިޒާމުބަދަލުކޮށް މުސްލިމުންނޫން އެހެންދީންތައް ތަފާތުކުރާގޮތަށް ހެދިފާހުރި އެންމެހާ ގަވައިދުތައް އުވާލުމަށެވެ.
މުސްލިމުންނަށް ޝަަރުޢީ ކޯޓުތަކުގެ ޙުކުމް ތަންފީޒުކުރެވޭ ފަދައިން ހިންދޫންނާއި އެހެންދީންތަކަށް ނިސްބަތްވާ މީހުންނަށް އެމީހުންގެ ޝަރުއީ ނިޒާމުތަކުން ކުރެވޭ ޙުކުމްތައްވެސް ތަންފީޒުކުރަން ނިންމުނެވެ. މި ސިޔާސަތު ކަނޑައެޅުމަށްފަހު ދީނޭ އިލާހީގެ ނަމުގައި އިދާރާއެއް އުފެއްދެވިއެވެ. އެ އިދާރާގެ އިފްތިތާހީ ބައްދަލުވުމުގައި އެ އިދާރާގެ ރަސްމީ ޙައިސިއްޔަތާއި ބާރުތައް ޢިއްލާން ކުރުމާއި އެ އިދާރާއަށް ޚާއްސަކުރެވިފައިވާ މަންދޫބުން ކަނޑައެޅުއްވިއެވެ. އެ އިއްލާން ނުވަތަ ސަނަދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަސްކަމުގެ ބާރުތައް ގަބޫލުކުރުމާއެކު މެމްބަރުން ތަމްސީލުކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ ދީނާއި މަޒްހަބު އަދި އާދަ ކާދައިގެ މައްޗަށް ބިނާކޮށް ދީނީ އަދި ޝަރުޢީ ފަތުވާއާއި ޙުކުމްތައް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ދީފައިވެއެވެ.
އަކްބަރް ރަސްގެފާނުގެ ރަސްކަން ހިގާދިޔަގޮތް ތާރީޚީ ނަޒަރަކުން ބަލައިލުން:
1600 ގެ އަހަރުތައް ފެށުނުއިރު މުޢަލް ރަސްކަމުގެ ސިޔާސަތުތަކަކީ އިންޑިއާގެ ތެރޭގައި ރަނގަޅަށް ސާބިތުކުރެވިފައިވާ ހިންގުމުގެ ނިޒާމެކެވެ. އެކަމުގެ ހުރިހާ ފަޚްރަކާއި ޝަރަފެއް އަކްބަރް ރަސްގެފާނަށް ޙައްގުވާ ކަމުގައި ގަބޫލުކުރަން ޖެހެއެވެ. މުޣަލް ރަސްކަން ކުރަމުންދިޔަގޮތް މިނެކިރަންޖެހޭނީ 16 އަދި 17 ވަނަގަރުނުގައި ދުނިޔެގައި ހިނގާދިޔަ ޙާދިސާތަކަށް ފުރިހަމައަށް ރިޢާޔަތް ކުރުމާއެކީގައެވެ.
އަކްބަރު ރަސްގެފާނުގެ ކުރިން ސޭރްޝާހް ގެ ސިޔާސަތު ބައްޓަން ކޮށްފައިއޮތީ މަސައްކަތްތެރިންނާއި ދަނޑުވެރިން އަތުން އެއް އުސޫލަކުން ޓެކްސް ނެގުމަށެވެ. ނަމަވެސް އަކްބަރް ރަސްގެފާނުގެ ނަޒަރުގައި އެއީ އެކަންކުރަން އެންމެ ރަނގަޅު ސިޔާސަތަކަށް ނުވިއެވެ. އަކްބަރް ރަސްގެފާނުގެ ބާރުގެ ދަށުގައިހުރި ގިނަ ސަރަހައްދު ތަކަކީ ސޭރުޝާހުގެ ކުރު ރަސްކަމުގައި އޭނާގެ ބާރު ހިންގަމުން ގެންދިޔަ ތަންތަން ކަމަށްވިޔަސް އަކްބަރް ރަސްގެފާނު ގަސްދުކުރެއްވީ ދަނޑުވެރިކަމާއި މަސައްކަތްތަކުގެ ގާބިލުކަން ލިބިފައިވާ މިންވަރެއްގެ މައްޗަށް ސަރަހައްދުތައް ބަހާލައިގެން އެތަންތާނގެ ރައްޔިތުންނަށް ލިބޭ އާމްދަނީގެ ނިސްބަތުން ޓެކްސް ނެގުމަށެވެ.
ސޭރްޝާހުގެ ވެރިކަމުގައި ހިންގަންފަށާފައިވާ ތަރައްގީގެ ހަރުދަނާ މަޝްރޫޢުތަކުގެ ތެރޭގައި ރަސްކަމުގެ ވިޔަފާރިއާއި އިގްތިސާދު ވަރުގަދަކުރުމުގެ ގޮތުން ހިންދުސްތާނާއި ހުޅަނގު އޭޝިއާ ގުޅުވައިދޭނެ އެއްގަމު މަގުތަކެއް ކާބުލް އާއި ކަންދަހާރުގެ ތެރޭން ލާފައި ހެދުން ހިމެނުނެވެ. ޚާއްސަގޮތެއްގައި ބަންގާޅުގެ ވިޔަފާރި އުތުރު އިންޑިއާއަށް ކައިރިކުރުމުގެގޮތުން ބަންގާޅުގެ ސުނޯރްގާއޯން އިން ރާވަލްޕިންޑީ ކައިރީގައި އޮންނަ އެޓޮކް އާދޭތެރޭ ތަރައްގީކުރި މަގު ފާހަގަ ކުރަންޖެހެއެވެ. ސޭރްޝާހުގެ މި މަޝްރޫއު ތަކާއި އަދި ހުރިހާ މަޒްހަބުތަކެއްވެސް ހިމެނޭ ގޮތެއްގައި ދީނީ ކަންތައްތައް ނިންމުމުގެ ސިޔާސަތަށް ތާއީދުކުރަމުން ކުރިން ހުޅުވާލެވިފައިވާ އެއްގަމު މަގުތަކުގެ ތެރެއަށް އަކްބަރް ރަސްގެފާނުގެ ރަސްކަމުގައި ބަރްހާންޕޫރާއި ކެމްބޭ އާއި ސޫރަތު އަދި އަޙުމަދު އާބާދުއާއި އާގްރާ ވެސް ގުޅުވާލިއެވެ.

އަދި ލާހޫރާއި މުލްޓަން އަކީ ކާބުލްގެ މަގަށް އަލަށް ހުޅުވާލެވުނު ދޮރުކަމަށާއި އަދި އިންޑަސްކޯރުގައި ހިމެނޭ ބަނދަރުތަކަށް ހުޅުވާލެވުނު މަގުކަމުގައި ހަމަޖެހިގެން ހިގައްޖެއެވެ.
އަަލަށް މި ހުޅުވާލެވުނު ލިންކުތަކުގެ ޒަރީޢާއިން ބަންގާޅުގެ ބަނދަރުތަކަށް ސޮނާރްގާއޯންގެ ކޮންޓްރޯލްވެސް ވަރުގަދަވެގެން ހިގައްޖެއެވެ. ސިޔާސީގޮތުން މިލިބުނު ކާމިޔާބީތަކާއެކު 16 ވަނަގަރުނުގެ ފަހުކޮޅުގައި ގިނަ ކަންތަައްތަކެއް އިތުރަށް ހަރުދަނާ ކުރެވިގެންދިޔައެވެ. މި ހުރިހާ މަޝްވަރާ ތަކަކަަށް ފަހު ރަސްގެފާނު ނިންމެވީ މުސްލިމް ނޫން މީހުން އަތުން ނަގަމުންދިޔަ ޖިޒްޔަ ކަނޑާލުމަށާއި ހަނގުރާމައިގެ އަސީރުން އިސްލާމްދީން ޚިޔާރުކުރުން މަޖުބޫރު ނުކުރުމަށާއި ސިޔާސަތުތައް ރޭވުމުގައި ހިންދޫންގެ ބައިވެރި ކުރުން އިތުރު ކުރުމަށެވެ.
އަދި މިފަދަ ސިޔާސަތު ތަކެއްގެ މައްޗަށް އެކުލެވޭ ސަރުކާރުގައި އިސްލާމީ ދަންނަބޭކަލުންގެ ރައުޔު ހާމަކުރުމާއި އަދި ޝަރުޢީ ޙުކުމްތައް ނެރުމުގެ އެންމެ ފަހުބަސް ބުނާފަރާތަކީ އަކްބަރް ރަސްގެފާނުކަން ކަނޑައަޅައި ގަރާރެއް ނެރުނެވެ. އަދި އެގަރާރުގެ ދަށުން ހުރިހާ ދީނެއްގެ ދަންނަބޭކަލުންނަށާއި އިމާމުންނަށް ދެވޭ އިނާޔަތްތަކަކީ އެއްމިންވަރަކަށް އެއްހަމައެއްގައި ދެވޭ އެއްޗަކަށް ހެއްދެވިއެވެ.
ނުނިމޭ……