”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް) އިން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް ސިޔާސީ ޕާޓީތަކަކަށް އެ ކޯލިޝަނުން ދައުވަތު ދީފި އެވެ.
މި ކެމްޕެއިނާއި ގުޅުމަށް ދައުވަތު ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވައިފި އެވެ. ނަމަވެސް އެމްޑީޕީ އަށް ދައުވަތު ފޮނުވާފައެއް ނުވެއެވެ.
މި ކެމްޕޭނަށް ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ މި ސަރުކާރު ކޯލިޝަންޕާޓީތެކެވެ. އެއީ އަދާލަތު ޕާޓީ އާއި އެމްއާރްއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއެވެ.
މި ކެމްޕޭނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމާއެކު މިނިވަންކަން ދިފާއު ކުރުމަށް ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު ފެށި ކެމްޕެއިނެކެވެ.
ކެންޕެއިން އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް، ޕީއެންސީން އިސްނެގި ނަމަވެސް މިއީ ވަކި ޕާޓީއަކުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާ، ގައުމު ސަލާމަތް ކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެރޭ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކެމްޕެއިންގައި ބައިވެރިވުމަށް ދައުވަތު އަރުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް ރަސްމީކޮށް ސިޓީ ފޮނުވިއިރު އެމްޑީޕީ ހިމަނާފައެއް ނުވެއެވެ.
One Response
އެމްޑީޕީ ގެ ރައިސް ފެކްޝަން ގުޅޭނެކަމަށް ނަޝީދުވަނީ ބުނެފަ. ޗާންސް އެއް ދެއްވަންވީނު ވާގޮތެއް ބަލާލަން. ދެންމިހާރު ގައިމުވީ ކާނަލް ނާޒިމާއި ރިޔާޒް އާއި އެތިބީ އިބޫ ފެޝަންގައި ޕއެންސ އުފައްދަން. ނަން އެވަނީ ކުޑަކޮށް ބަދަލުކޮށްލާފަ. ނޫންތޯ؟
ވަރަށް ޗާންސް ބޮޑުކޮށް މިހާރު ދައްކަނީ 2023 ޕޕއެމް އާއި ކޯލިޝަން އަށް.