ބަނގްލަދޭޝްގައި ފެންބޮޑުވެ ރެފިއުޖީން ހާލުގައި ޖެހިއްޖެ

46

ހުޅަނގުމޫސުމުގެ ވިއްސާރައިގައި ވެހުނު ވާރޭގައި ފެން ބޮޑުވެ ބަނގްލަދޭޝްގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ރެފިއުޖީ ކޭމްޕުތަކުގައި ފެންބޮޑުވެ އެތައް ބަޔަކު ހާލުގައިޖެހިއްޖެއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުކަމުގައިވާ ކޮކްސް ބާޒާރުގެ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރ، މަމުނޫރް ރާޝިދު ވިދާޅުވި ގޮތުގައި ފެންބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ރޮހިންޏާގެ ހަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. މީގެ އިރުތުރުން ބަންގްލަދޭޝްގެ 15 މީހުންވެސް މިހާދިސާގައި މަރުވެފައިވާކަމަށް އޭނާ ވަނީ މައުލޫމާތުދެއްވާފައެވެ. އަދި 20000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔަ ގެދޮރު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

ކޮކްސް ބާޒާރު ފާހަގަކޮށްލެވެނީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން އަންނަ ސަރަހައްދުގެ ގޮތުގައެވެ. ރޮހިންޏާ މުސްލިމުންނަށް 2017 ވަނަ އަހަރު މިޔަންމާގައި ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމުގެ ގޮތުން ގިނަ ރެފިއުޖީންވަނީ އެ ސަހަރަށް ހިޖުރަކޮށް އެތަނުގައި ވަޒަންވެރިވެފައެވެ. މިގޮތުން އެ ސަރަހައްދުގައި ގާތްގަނޑަކަށް އެއް މިލިއަން ރޮހިންޏާ މުސްލިމުން ދިރިއުޅެމުން ގެންދެއެވެ.

ރެފިއުޖީން ދިރިއުޅެމުންދަނީ އެ ސަހަރުގެ ފަރުބަދަތަކުގައި އޮނާއި ޕްލާސްޓިކުން ހަދާފައި ހުންނަ ގެތަކުގައެވެ. ރޮއިޓާރސް ނޫސް އޭޖެންސީން މައުލޫމާތުދިން ގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިވެސް މިހާ ބޮޑަށް ފެންބޮޑުވެ މީހުން ހާލުގައި ޖެހިފައެއް ނުވެއެވެ. މީހުން ދިރިއުޅެމުން ގެންދިޔަ 4000 ވަގުތީ ހިޔާ ހަލާކުވެ 13000 ރެފިއުޖީން ދިރިއުޅެމުންދިޔަ ގެދޮރު ގެއްލި ދާނެތަނެއް ނެތެވެ. ސަލާމަތުން ހުރި ފޭލިގެތަކަށްވެސް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރުކޮށް ފާހާނަތަކާއި މަގުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަދިވެސް ވިއްސާރަކޮށް އިތުރު ގެއްލުންތަކެއް ލިބިގެންދާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ