ރައީސް ޔާމީނާ ދެކޮޅަށް 86 ހެއްކެއް ދައުލަތުން ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް، 86 ހެއްކެއް ދައުލަތުން ހުށައަޅައިފިއެވެ.

މި ހެކިންގެ ތެރޭގައި އެމަނިކްފާނުގެ އެންމެ އަރިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި މިއަދު ދެ ފަރާތުން ވެސް ވަނީ ހެކި ހާމަކޮށްފައެވެ.

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، މިހާރުވެސް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ އިތުރު ދައުވާއަކާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެއް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައެވެ.
މިއަދު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 86 ހެއްކެއް ހުށައަޅާފައެވެ.

އެގޮތުން ހުށައަޅާ ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރޭގައި ހިމެނޭ އަދީބާއި ޒިޔަތަކީ ދައުލަތުން ރައީސް ޔާމީން މިހާރު ހުކުމް ތަންފީޒްކުރައްވަމުން ގެންދަވާ ވޮޑުމުލާ މައްސަލަ ސާބިތުކުރުމަށްވެސް ދައުލަތުން ހުށައެޅި މުހިންމު ހެކިންތަކެކެވެ.

މީގެ އިތުރުން ދައުލަތުން ހުށައެޅި އިތުރު ހެކިންގެ ތެރޭގައި ލ.ދަނބިދޫ އަފްޒާ އަހުމަދު އާމިރާއި، މއ.ސާނީވިލާ މުހައްމަދު ޝިފާއުއާއި، ރ.އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސެއިންފުޅާއި، ހ.ވެހެލި އަހުމަދު ޝާއިގުއާއި، މއ.ޕޮމްޕިއާ އަހުމަދު ރަޝީދުއާއި، ހ.ލެވެންލީ އަހުމަދު ޝާކިރުގެ އިތުރުން ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންވެސް ހިމެނެއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށައެޅި ކިތާބީ ހެކިތަކުގެ ތެރޭގައި ބެންކް ސްޓޭޓްމެންޓްތަކާއި އޭރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި ދެމެދު ކުރެވުނު މުއާމަލާތްތައް ހިމެނެއެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް ވަނީ ޝަފަވީ ހެއްކާއި ކިތާބީ ހެކި ހުށައަޅާފައެވެ.

އެގޮތުން ފަސް ޝަފަވީ ހެއްކާއި ޖުމްލަ 30 ކިތާބީ ހެއްކެއް ހުށަހަޅާފައި ވެއެވެ.  މިގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޑޮލަރު ގަތުމަށް ކޮށްފައިވަނީ ސައްހަ މުއާމަލާތެއްކަމަށް ވިދާޅުވެ، ދިފާއީ ހެކިންގެ ގޮތުގައި ސިޔާމް ޑޮލަރު ގަތުމަށް ފައިސާ ހަވާލުކުރިކަމަށް ބުނާ ޢަބްދުﷲ ރަޝީދާއި، އެ މުއާމަލާތުގެ ހެކިވެރިންގެ ގޮތުގައި ތިބިކަމަށް ބުނާ މާލެ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާއި، ގއ.ކޮލަމާފުށި ޝުޖާއުﷲ ސަޢީދުއާއި، އަޙްމަދު ސިޔާމް މުހައްމަދާއި، ކްރިކް ރިޒާގެ ނަން ހުށައަޅުއްވާފައެވެ.

މި މައްސަލައިގައި ކްރިކް ރިޒާގެ މައްޗަށްވެސް ވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. ރައީސް ޔަމީންގެ ދިފާއީ ވަކީލު ވިދާޅުވީ ކްރިކް ރިޒާގެ ނަން ހުށައެޅުއްވީ، ދައުލަތުން ބުނާ ފަދަ އެއްވެސް މުއާމަލާތެއް ރައީސް ޔާމީނާއެކު ނުހިނގާކަން ސާބިތުކޮށްދިނުމަށްކަމަށެވެ.

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ދިނުމުގައި މެދިވެރިއަކަށް ވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އަދި ސަންގެ ކުންފުނިތަކަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ދައުވާ ލިބޭ ތިން ފަރާތުން ވެސް މީގެ ކުރިން ވަނީ ދައުވާ އަށް އިންކާރު ކޮށްފަ އެވެ.

މިއަދު އޮތް ޝަރީއަތުގެ އަޑުއެހުން ފަށަމުން ރައީސް ޔާމީންގެ ދިފާއީ ވަކީލު އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހްމަދު ވަނީ އޭސީސީން 2017 ވަނަ އަހަރު އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތައް ނުލިބޭކަމަށް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ރިޕޯޓު ޝަރީއަތް މެދުވެރިކޮށް ހޯދަން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ޖޫން 30 ގައި ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި، ނަމަވެސް މިހާތަނަށްވެސް އެދިފައިވާ ލިޔުން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުން ދޭން ޖެހޭ ލިޔުންތަކެއް ނުލިބެނީސް ދައުވާއިން ދިފާއު ނުވެވޭނެ ކަމަށްވެސް ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވިއެވެ.
އީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެދިވަޑައިގެންފައި ވަނީ އޭސީސީން 2017 ވަނަ އަހަރު އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގި ބޮޑު ތަހުގީގުގެ ރިޕޯޓްގައި ހިމެނޭ ލިޔެކިޔުންތައް ހޯދުމަށެވެ. އެ ރިޕޯޓްގައި އެ މައްސަލައާ ރައީސް ޔާމީނާ ގުޅުމެއް އޮތް ކަމަށް އޭސީސީން ބުނެފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ލިޔެކިޔުންތަކަކީ ދައުވާއިން ބަރީއަވާނެކަން ސާބިތުވާނެ ލިޔެކިޔުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އެ ލިޔެކިޔުންތައް ބޭނުންވާ ކަމަށް ބުނެ ކޯޓަށް ވަނީ ސިޓީއެއް ވެސް ފޮނުވާފަ އެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލު، އެ ރިޕޯޓު ހޯދަން ޝަރީއަތުން ފުރުސަތު ދިންނަމަވެސް، ދިފާއީ ވަކީލުން އެދުނު ގޮތަށް ހެކި ހުށަހެޅުމުގެ ބައި މަޑުނުޖައްސަން ނިންމެވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހޯދުމަށް އެދިލައްވާ ލިޔެކިޔުންތައް ހޯދުމަށް އަމުރެއް ނެރެދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފޯމު މެދުވެރިކޮށް ހުށަހެޅުމުންކަމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އައިސްފައިވަނީ ގާޒީއަށް އެޑްރެސްކޮށް ލިޔުއްވާފައިވާ ސިޓީއެއް އެކަނިކަމަށާއި، އެކަމާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ ފަހުން ދިފާއަށް އިތުރު ހެކިން ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އަދި ލިޔެކިޔުންތައް ހޯދުމަށް އޮންނަ އިޖުރާއަތުގެ ތެރެއިން ފޯމް ހުށަހަޅައިގެން ހެކި ހޯދުމަށް ތިން ދުވަސް ގާޒީ  ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދެފަރާތައް ވެސް ވަނީ 10 ދުވަހުގެ މުއްދަތު ދީފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް އިސް ގާޒީ ވަނީ އިއުލާނުކުރައްވާފަ އެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނަށް ލިބުނު އެއް މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި މައްސަލަ އެކެވެ. ކޯޓުގައި އެމަނިކުފާނު ވަނީ މި ދައުވާއް އިންކާރު ކުރައްވާފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންއާއި، ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ އަޑުއެހުމުގައި ރައީސް ޔާމީން ވަނީ ދައުވާތަކަށް އިންކާރުކުރައްވާފައެވެ.

Loading

One Response

Leave a Reply to Safaru Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް