ދިޔަދޫއަކީ ނާމާން ކިއްލާއެއް: ދިޔަދޫ ފަޅުވެ ދިޔައީ ކީއްވެ؟

3000

ރައީސް މައުމޫނުގެ ޒަޢާމަތުގައި ރާއްޖޭގެ އާބާދީ ކުޑަ ރަށްރަށުން އާބާދީ ބޮޑު ރަށްރަށަށް މީހުން ބަދަލު ކުރެއްވުމަށް ރޭއްވެވި ޕްލޭންގެ ދަށުން ހުވަދު އަތޮޅު ދިޔަދޫ މީހުންވަނީ އެތައް ރަށަކަށް ބަދަލު ކޮށްފައެވެ.

މައުމޫނުގެ ވެރިކަމުގައި ދިޔަދޫން މީހުން ބަދަލުކުރަން ހަމަޖެހި ބައެއް މަސައްކަތް ފަށްޓަވާފައިވީ ނަމަވެސް އެރަށުން މީހުން ބަދަލު ކުރުމުގެ ޢަމަލީ މަސައްކަތް ކުރެވުނީ ރައީސް ނަޝީދުގެ ވެރިކަމުގައި2009 ވަނަ އަހަރުގެކުރީ ކޮޅުގައެވެ. ދިޔަދޫ ގެ ޢާއިލާތައް ބަދަލު ކުރެވުނު ރަށްރަށުގެ ތެރޭގައި، އެ އަތޮޅު ގެމަނަ ފުށްޓާއި ކޮނޑެއާ އަދި ދާންދޫ އާއި ކޮލަމާފުށްޓާއި ހައްދުންމަތީ ގަމުގެ ތުނޑީ އަވަށް ހިމެނެއެވެ.

ދިޔަދޫން މީހުން ބަދަލު ކުރި އިރު އެރަށުގެ އާބާދީ ދުއިސައްތައިން މަތީގައި އޮތް ނަމަވެސް ރަށުގައި ދިރިއުޅެނީ 19 ވަރަކަށް މީހުންނެވެ. ރަށުގައި ބޮޑުކަތީބަކާއި ކުޑަ ދެކަތީބުން ތިއްބެވެ. ރަށުގައި ސްކޫލެއްވެސް ހުއްޓެވެ. ސްކޫލްގައި ދެ މުދައްރިސަކާއި ސްކޫތަކުގެ ހުރިހާ މަގާމެއްގައި މުވައްޒިފުން ތިއްބެވެ. ރަށުގެ ރައްޔިތުން ވަނީ ދަރީންނަށް ތަޢުލީމު ދިނުމަށާއި ވަޒީފާ ހޯދުމަށްޓަކާ އެކި ރަށްތަކަށާއި މާލޭއަށް ގޮސް ހުސްވެފައެވެ. އެދުވަސްވަރު ރަށުގައި ކުރެވޭ މައިގަނޑު މަސައްކަތަކީ ރުއްގަސް އިންދައިގެން ހެއްދުމެވެ. ހައްދާތަކެތި ވިއްކޭނެ ގޮތެއް ނުއޮވެއެވެ. ރަށުގައި ދަތުރުފަތުރުގެ އެއްވެސް ވަސީލަތެއް ނެތެވެ. އެދުވަސްވަރު ރަށުގައި އުޅޭ މީހަކު ރަނގަޅު ބައްޔެއްވެއްޖެ ނަމަ މަރުވުން ނޫން ގޮތެއްނެތެވެ. މުޅި އަތޮޅުގައިވެސް ހަސްފަތާލެއް ނުހުރެއެވެ. ވިލިގިލީ ޞިއްޙީ މަރުކަޒު ނޫން އެހެން ގޮތެއް ނެތެވެ. އެކަށޭނެ ބޭސް ފަރުވާއެއް މާލެ ނުގޮސް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. ބުނާ ކަހަލައެވެ. އެންމެން އައިސް މާލެ ތޮއްޖައްސައިލާށެވެ! މި ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށްރަށުން މާލެ އަންނަން ސަރުކާރުން ވަނީ މަޖުބޫރު ކުރުވާފައެއެވެ. އަތްނުލާ އައްދޮ ކިއުއްވީ އެވެ. ދިޔަދޫގެ ޢާއިލާތައް ވިސްވިހާލިވެ ކޮއްކޮއަށް ބޭބެ ނުފެނި ދައްތައާއި ކޮއްކޮ ވަކިވެ ގާތް ތިމާގެ މީހުން އެކި ރަށްރަށަށް ބަދަލުވެ ގެއްލި ނިމުނީއެވެ. ސަރުކާރުން އަޅުއްވައި ދެއްވާފައިވާ ބޮޑެތި ގެތައް ފަޅަށް ބަހައްޓާފައި އެންމެން ކަހަލަ ގޮތަކަށް ވަނީ މާލެއަށް ޙިޖުރަ ކޮށްފައެވެ.

ވާނީ އެހެން ނޫން ތޯއެވެ؟ ބޮޑެތި ބައްޔަށް ފަރުވާ ހޯދަން ޖެހިފައިވާ މީހުނަށް ރަށުން އަތޮޅުން އެކަށޭނެ ފަރުވާއެއް ލިބެނީއެއް ނޫނެވެ! ކެންސަރު ބަލީގެ މީހުންނާއި ކިޑްނީ ފެއިލް ވެފައިވާމީހުންނާއި މައިބަދައިގެ އޮޕަރޭޝަންތަކަށާއި އަދި މިނޫންވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ތިބެން މަޖުބޫރުވެފައި ވަނީ މާލޭގައެވެ.

ދިޔަދޫގެ މިސްކިތެއް: ކުރިން ހަތަރު މިސްކިތުގައި ހުކުރު ނަމާދު ކުރިކަމަށްވޭ

ރައްޔިތުންގެ ތެރެއިން ބަލިވާ މީހުންގެ ބޮޑެތި ބަލިތަކަށް މާލެ ނޫންތާކުން ފަރުވާ ލިބޭނެ ގޮތެއްނެތެވެ. ގިނައީ ޢުމުރުން ދުވަސްވީ މީހުންނެވެ. މިއެންމެން މާލޭގައި ބައިތިއްބައިގެން އެމީހުންގެ ދަރީންނާއި އަނބިން ވަޒީފާ އަދާ ކުރަން ތިބީ ވެސް މާލޭގައެވެ. މައިންބަފައިން މަރުވަންދެން މާލޭގައި ގެނގުޅެން ޖެހުމުން އުފުލަންޖެހޭ ތަކުލީފުތަކަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާއަސަރު ހުރި ވާހަކަތަކެއް ކަމުން މިފަދަ ތަކުލީފުތައް އުފުލަން ޖެހިފައިވާ މީހުނަށް ނޫނީ ކިޔައިދިނަސް ނުވިސްނޭނެއެވެ.

ތެދެކެވެ! ސަރުކާރުން ބޭސް ފަރުވާ ކޮށްދެނީ ހިލެއެވެ. ބޭސް ފަރުވާއަށް މާލެ އަންނަން ޖެހުމުން މާލޭގައި ބޭސްފަރުހޯދަން ތިބެންޖެހޭ ތިބުމަށް ކުރަންޖެހޭ ޚަރަދުގެ ވާހަކަ ދެއްކުމަށްވުރެ ބާރަށް ރޮއިލުން ވެސް މާ ހިތަށް ފަސޭހަ ވާނެއެވެ. މިފަދަ ރައްޔިތުން އުޅޭ ޙާލެއް ދަންނަ ސަރުކާރެއް ނުއުފެދެއެވެ. ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައަކީ މިފަދަ ބަލިމީހުން ގޮވައިގެން މާލޭ ސަރަޙައްދުގައި އުޅެވޭ ވަރުގެ މުސާރައެއް ނޫނެވެ. އާދައިގެ އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުއްޔަކީވެސް މަދުވެގެން ނުވަހާސް ރުފިޔާއެވެ. ކަރަންޓް ބިލާއި ފެން ބިލުގެ އިތުރުން ބަނޑުފުރާނަ މުއްތި ކުރެވޭ މިންވަރުގެ އުޖޫރައެއް ކުރާ މަސައްކަތަކުން ނުލިބެއެވެ.

ނަވާރަ ސަތޭކައިގެ އަހަރުތަކުން ފެށިގެން 2000ވަނަ އަހަރާ ހަމައަށް ދިޔަދޫ އަކީ ސިހުރު ފަންޑިތައިގެ ގޮތުން ކުރިއަރާފައިވާ ރަށެކެވެ. ވެރިކަމުގެ ޖާހަތާ ލައްޒަތައްޓަކާ ބޭބެ ކޮއްކޮއަށް ސިހުރު ހަދައި ކޮއްކޮ މަރާލަނީ އެވެ. ފިތުނައިގެ ކަންކަން ރަށުގައި ނުހަނު ބޮޑެވެ. މިދެންނެވި ދުވަސްވަރު ދިޔަދޫގައި ހަތަރު މިސްކިތުގައި ހުކުރު ކުރާކަމަށް ބުނެވެއެވެ. އެޒަމާނުގެ މިސްކިތެއްގައި ނަމާދު ކުރެވޭނީ ފަންސާހަކަށް މީހުންނަށެވެ. ރަށުގެ ގިނަ މީހުން ކޮށް އުޅެނީ މަސްވެރިކަމެވެ. ރަށުގައި 13 މަސްދޯނި ހުރިކަމަށް ބުނެވެއެވެ. އާބާދީގައި 1800-2000 އާ ގާތް ކުރާ ޢަދަދަކަށް މީހުން ދިރި އުޅުނެވެ. އެހެނަސް ސިހުރުގެ ނުރައްކާބޮޑުވެ އެކިއެކި ނުރައްކާތެރި ރޯގާތައް ފެތުރި މީހުން މަރުވަމުންދާން ފެށިއެވެ. މީގެ އިތުރުން ގެއްލިގެންނާއި ކަނޑުވެގެން މީހުން މަރުވެ ރަށުގެ ނާމާންކަން ދިޔައީ އިންތިހާ އަށް ބޮޑުވަމުންނެވެ.

ދިޔަދޫގައި 500 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ވަރަށް ބިޔަ ދެ ނިކަގަސް ހުރެއެވެ. މި ދެ ގަހަކީ ޖިންނީންގެ ކިއްލާ ތައް ކަމަށް ބުނެވެއެވެ. ރަށުގެ އެތަންމިތާގައި އެކަކު އަނެކަކު ކުރިއަރައި ދިއުމަށްޓަކާ ސިހުރުގެ އެކިބާވަތުގެ ތަކެތި ވަޅުލާ ކަމުގައިވެއެވެ. އެހެންކަމުން ދިޔަދޫ އަކީ ނާމާން ކިއްލާއަކަށް އޮތީ ބަދަލުވެފައެވެ.

އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރު ދިޔަދޫގައި އަށެއްކަ ސަތޭކަ މީހުން ދިރިއުޅުނެވެ. ނަމަވެސް ސިހުރުގެ ނުރައްކާ ބޮޑުވެ، ރަށުގެ ތަނަވަސް މީހަކު ހުރިއްޔާ ކޮންމެވެސް ގޮތަކުން މަރުވެދެއެއެވެ. ދިޔަދުއަކީ ވަރަށްބޮޑު އަނިޔާވެރި ސިހުރުވެރިން އުފެދުނު ރަށަކަށް ވުމާއެކު ރަށުގެ ކުރިއެރުން ވަޅުޖެހި މީހުންކޮޅު އެހެން ރަށްރަށަށް ހިޖުރަ ކުރަމުންގޮސް ރަށުން މީހުން ހުސްވެ ރަށް ފަޅުވީއެވެ.

ނުނިމޭ ………

 

8 ހިޔާލުތައް

 1. ބޭފުޅާ އަކީ ދިޔަދޫ މީހަކަސް ދިޔަދޫއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް. ތިޔަބުނާ ސިހުރު ވެރިން ނެތްް ބިމެއް އެބައޮތްތޯ
  ތިބޭފުޅާ ދިރިއުޅުއްވި ރަށެއްތޯ ދިޔަދޫއަކީ
  ތިބޭފުޅާ ވެސް ވަޒަން ދޫކޮއް މާލެ ބަދަލުވީ.. ދިޔަދޫ އާއި ބެހޭ ގޮތުން ތިހާ ހުތުރުކަން ބޮޑު ލިއުމެއް ލިއުނީތީ ހިތާމަކުރަން..

 2. މި ލިޔުމުގައި ވަނީ ކަނޑައެޅިގެން ބުހުތާނު ފޮގުވާހަކަ، އަޅުގަނޑަކީވެސް ދިޔަދުއަށް އުފަން އަދި އެރަށުން މީހުން ބަދަލު ކުރުމާ ހަމަޔަށް އެރަށުގައި ދިރިއުޅުނު މީހެއް، 1975 އަކީ އަޅުގަނޑު އުފަންވި އަހަރު، އޭރުވެސް ފަހަލަ ސައީދަކީ މާލޭގައި އުޅޭ މީހެށް، އަޅުގަނޑުގެ ހަނދާނުގައި ވެސް އޭނަ ރަށަށް އައީ އެންމެ ފަހަރަކު، ބުހުތާނު ދޮގުވާހަކަ ލިޔެގެން މަޝްހޫރުވާން އުޅޭ މީހެއް ތީ

 3. ރޯނެކަމެއްނެތް، ބަލިޖެހި ހަލާކުވެ ކެންސަރަށްވެ ނިމިގެން ތިދަޔައީ ސަރުކާރުން ކުރިކަމަކުންނޫން، ރައަޔިތުން ހަސަދައިން ސިހުރުހާރައިން ޝައިތޯނުން މީހުންގެ މައްޗަށް ފާކޮށްގެން، ތިޔަށްވުރެ އާބާދީ މަދު ރަށްތައް އެބަހުރި، ޖިންނި ކިއްލާ ހުރޭ ހުރިހާ ރަށެއްގައި، ދީނަށް ރުޖޫއަވޭ

 4. ފަހަލަ ސައީދު ކަށްވަޅަށް ދިއުމުގެ ކުރިން ހެޔޮއަމަލެއް ކުރުމުގެ ނިޔަތުގައި ހެދެންއޮތް އެންމެ ބޮޑު ދޮގު ހަދާލީތާއެވެ

  ނޫސްވެރިކަމަކީ ތާރީޚް އޮޅުވާލުމެއްނޫން، ޒިންމާދާރު ކަމާއިއެކު ހަގީގަތް ހޯދާ ހާމަކުރުން.

 5. ސިހުރުވެރިން ނެތް ރަށެއްނެތް . ދިޔަދޫ ފަޅުވެ ދިޔައީ ސިހުރުން ކަމެއް އެގިފަ ނެތް ހަސަދަ ވެރިކަމުގައި ވިޔަސް އަނެކުން ހަލާކު ކޮށްލުމަށް ސިހުރު ނަހަދައެކޭވެސް ބުނެވޭކަށް ނެތް . މިހެން މި ބުނާ ސަބަބު ހިއްސާ ކޮށްލަން ބޭނުންވާތީ ބުނެލަން. އަޅުގެ ކޮށްކޮއަށް ވަމުންދިޔަ ގޮތްނޭގޭ ކަންތަކަކަށް ފަރުވާ ހޯދުމަށްޓަކައި ޝަރުއީ ރުޤްޔާ ކުރުމުގެ ތެރެއިން ދިޔަދޫގައި ހަދާ ވަޅުލެވިފައިވާ ސިހުރެއް ވާކަން އެގި އެރަށަށް ގޮސް ގޯތި ކޮނެ އެ ނެގީ ޚުދު މި ދެ އަތުން . އެވެސް 2020 ‏ވަނަ އަހަރު މި ސިހުރުގެ ސަބަބުން ވަމުންދިޔަ އުދަގުލާ ތަހައްމަލް ކުރަމުން ދިޔަ ވޭން ފެންނާނެ ދިޔަދޫ ރައްޔިތުން މިހާރުވެސް ގެމަނަފުށީގައި ތިބޭނެ ވީމާ މި ލިޔުން ކޮޅަށް ދޮގެކޭވެސް ބުނަން ދަތި. ރަނގަޅަށް ބަލާ ހޯދާ ދިރާސާ ކުރުމަށްފަހު ޝާއިއު ކުރެއްވުމަކީ އެންމެ ތެދު މައުލޫމާތު ހިއްސާ ކޮށްލެވޭނެ މަގުކަން ޔަޤީނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ