ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ނޫނީ ސްކޫލުތަކަށް ނުވަދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެ ނިކުމެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތަށް އަމަލުކުރުމަށް ނިންމީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
ވެކްސިން ފުރިހަމަ ކޮށްފައިނުވާ ފަރާތްތަކަށް ސްކޫލުތަކަށް ވަނުމަށް މަނާކުރިއިރު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ އަންގަވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އޭރު ސުކޫލުތަކަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އޮގަސްޓް މަހު 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ހުރިހާ މުވައްޒިފުންވެސް ވެކްސިން ފުރިހަމަ ކޮށްގެން ތިބުމަށް އަންގާފައެވެ.
އަދި މިހާތަނަށް ވެކްސިން ފުރިހަމަ ކޮށްފައިނުވާ ޓީޗަރުން ވެކްސިން ފުރިހަމަނުކުރި ސަބަބާ އެކީ އެންގުމަށް ވެސް މިހާރު ޓީޗަރުންނަށް ވަނީ އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކާ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ.
އަދި އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
މި ފަސޭހަތައް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ހޯއްދަވައިދެއްވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.