މެލޭޝިޔާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕާޓީތަކުގެ ވެރިން ގޮވާލައްވައިފި

Loading

Facebook
Twitter
WhatsApp

އިއްޔެގެ ވަގުތެއްގައި މެލޭޝިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރ، ޑޮކްޓަރ މަހާތީރު މުޙަންމަދާއި، އިދިކޮޅު ޕާރޓީގެ ލީޑަރު، އަންވަރް އިބްރާހީމް އަދި އަމްނޯގެ ރައީސް، ޑޮކްޓަރ އަޙްމަދު ޒާހިދު ޙަމީދީ ވަނީ ގައުމުގެ މިހާރުގެ ބޮޑުވަޒީރު، މުޙީއްދީން މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ބަޔާނެއް ނެރުއްވާފައެވެ.

ތިން ބޭފުޅުންވެސް ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައްވާފައި ވަނީ މުޙީއްދީން އެމަރޖެންސީ އޯޑިނޭޓްސް (އީ.އޯ) އުވާލެއްވި މައްސަލައާ ގުޅިގެންނެވެ. އީ.އޯ އުވާލެއްވިކަން އިއުލާނު ކުރައްވާފައި ވަނީ ޑީފެކްޓޯ ގާނޫނާ ބެހޭ މިނިސްޓަރ، ތަކިޔުއްދީން ޙަސަން، ޖުލައި 21 ވަނަ ދުވަހު، ބޮޑުވަޒީރުގެ އަމުރުފުޅަކާ ގުޅިގެންނެވެ. އަންވަރް ވިދާޅުވި ގޮތުގައި ފެޑެރަލް ކޮންސްޓިޓިއުޝަންއާއި އެއްގޮތްވާ ގޮތުގެ މަތިން ބޮޑު ވަޒީރުގެ މަގާމުން މުޙީއްދީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. އެހެނީ އޭނާ އީ.އޯ އުވާލައްވާފައި ވަނީ ރަސްގެފާނު، ޔާންގްޑީ ޕާރޓުއާން އަގޮންގް އައްސުލްޠާން ޢަބްދުﷲ ރިއާތުއްދީން އަލް މުސްޠަފާ ބިލާހްޝާހުގެ ހުއްދައަކާ ނުލައެވެ.

ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރް މުޙައްމަދު ނެރުއްވާފައިވާ ބަޔާނުގައި އީ.އޯ އުވާލެއްވުން ސިފަ ކުރައްވާފައި ވަނީ ޕާލަމެންޓަށް އޮޅުވާލައި ދޮގުހަދައިގެން ހިންގާފައިވާ އަމަލެއްގެ ގޮތުގައެވެ. މުޙީއްދީނަށް މިފަދަ ނިންމުމެއް ނިންމުގެ ބާރު ގާނޫނުން ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެބާރު ލިބިވަޑައިގަންނަވަނީ ހަމައެކަނި ރަސްގެފާނަށް ކަންވެސް ވަނީ އެ ބަޔާނުގައި ފާހަގަ ކުރައްވާފައެވެ. އެހެންކަމުން މުޙީއްދީންގެ މި އަމަލަކީ ރަސްގެފާނަށް ފާޅުގައި ނުކިޔަމަންތެރިވެވަޑައިގަތުމުގެ އަމަލެއްކަމަށާއި ގައުމުގެ ގާނޫނުގެ ދަށުން ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނޯންނާނެ ކަންވެސް އެ ބަޔާނުގައި ލިޔެފައިވެއެވެ.

ބޮޑުވަޒީރު މުޙީއްދީންގެ އޮފީހުން މިކަމާ ގުޅިގެން އަދި އެއްވެސްއެއްޗެއް އިއުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މަނިކުފާނުގެ އޮފީހަށް މި ޚަބަރުތައް ލިބިފައިވާކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް