މި އަހަރުގެ ​ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑްކޮށްފި!

Loading

Facebook
Twitter
WhatsApp

މި އަހަރު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ރަސްމީކޮށް ބިޑްކޮށްފިއެވެ.

​ރާއްޖޭން ރަސްމީކޮށް ބިޑްކުރިކަން އިއުލާންކުރެއްވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓް ކުރުމަށް މިއަދު ރަސްމީކޮށް ބިޑް ކޮށްފައިވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްޕުޅާއި ކުޅިވަރު ވަޒީރު އަހުމަދު މަހުލޫފް ފޯރުކޮށްދެއްވަވާ އެހީތެރިކަން ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަން ބާއްވަން ފުރަތަމަ ހަމަޖައްސާފައިވަނީ ޕާކިސްތާނުގަ އެވެ. އެކަމަކު ބަންގްލަދޭޝްގެ އެދުމުގެ މަތިން ފަހުން އެ މުބާރާތް ބާއްވަން ނިންމީ އެގައުމުގަ އެވެ. ނަމަވެސް ކޮވިޑް ގެ އުނދަގޫ ހާލަތާ އެކު ސްޕޮންސަރުން ލިބުނު ދަތިވުމާއި ސަރުކާރުގެ އެއްބާރުލުން އެންމެ ރަނގަޅަށް ނުލިބުމުން ބަންގްލަދޭޝުން މުބާރާތް ނުބާއްވަން ނިންމިއެވެ.

ބަންގްލަދޭޝްގެ ކޮވިޑްގެ ހާލަތު އޮތް ގޮތުން މުބާރާތެއް ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ނުދިނުމާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބާއްވަން އާ ބިޑަށް ހުޅުވާލާނެ ކަމަށް އޭއެފްސީން ވަނީ މިފަހުން އިއުލާންކޮށްފައެވެ.

ރާއްޖޭގެ އިތުރުން ​ދެޤައުމަކުން ވަނީ ސާފް ޗެމްޕިއަންޝިޕް ބޭއްވުުމަށް ޝައުގުވެރިވެފައެވެ. ރާއްޖޭގެ އިތުރުން ދެން ޝައުގުވެރިވީ އިންޑިއާ އަދި ނޭޕާލުންނެވެ. ބަންގްލަދޭޝުން މުބާރާތް ނުބޭއްވޭނެކަމަށް ބުނުމުން އެންމެ ފުރަތަމަ މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރީ ނޭޕާލުންނެވެ. ރާއްޖޭން މިއަދު މުބާރާތް ބާއްވަން ބިޑްކުރިއިރު އިންޑިއާ އާއި ނޭޕާލުން ވެސް މިއަދު ރަސްމީކޮށް ބިޑްކުރާނެކަމަށް ބެލެވެ އެވެ..

​މިހާރު އޮތް ގޮތުން ސާފް ޗެމްޕިއަންޝިޕުގައި ކުޅޭނީ ސާފްގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. އެއީ ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުގެ އިތުރުން ސްރީ ލަންކާ އަދި ބަންގްލަދޭޝް އެވެ. އެހެން ފަހަރުތަކުގައި ދެ ގްރޫޕަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔަނަމަވެސް ޓީމުތައް މަދުވުމުން މިފަހަރުގެ ފައިނަލުން ޖާގަ ލިބޭނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ޕޮއިންޓުގެ ގޮތުން އެންމެ ކުރި ލިބޭ ދެޓީމަށެވެ.

މިފަހަރުގެ މުބާރާތުގައި ބޫޓާނުން ބައިވެރިވާން ނިންމާފައި ނެތުމާއި ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް ވެސް މުބާރާތުގައި ވާދައެއްނުކުރެވޭނެ އެވެ.

މުބާރާތް ބާއްވާނެ ގައުމެއް ނިންމާނީ އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާތެރޭ ސާފުން ބާއްވާ ބައްދަލުވުމުގަ އެވެ. ​

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް