ލޯބީގެ ޖިހާދު ނަފްރަތުގެ ޖިހާދަކަށް ބަދަލުވީމާ!

Loading

Facebook
Twitter
WhatsApp

މިހާރަކަށް އައިސް ލޯބީގެ ޖިހާދުގެ ވާހަކަތައް މީޑިއާގައި ވަރަށް ގަދަޔަށް ލިއެވެމުން ދާތަން އެބަފެނެއެވެ. އަސްލު މަގްސަދު އޮޅުވާލާފައި ނަފްރަތު އުފެއްދުމުގެ މަގްސަދުގައެވެ. މައިގަނޑު ގޮތެއްގައި އެފަދަ ލިއުންތައް އަމާޒު ކޮށްފައި ހުންނަނީ ޣައިރު މުސްލިމުން އިސްލާމުންނަށް ވަމުންދާތީ އިސްލާމީ ”ހަރުކަށި“ ފިކުރު ފެތުރުމަށްޓަކައި މުސްލިމުން ކުރަމުންގެންދާކަމެއްގެ ގޮތުގައެވެ.

ހަމައެފަދައިން އަވަށްޓެރި ގައުމުތަކުގައި ޚާންދާނުގެ ޝަރަފަށްޓަކައި ލޯބީގެ ޖިހާދު ގަބޫލުކުރުން އުނދަގޫ ވެގެނާއި މަޒްހަބީ ތަފާތުގެ ސަބަބުން ލޯބީގެ ޖިހާދު ނަފްރަތުގެ ޖިހާދަކަށް ބަދަލުވެގެންދާ ވާހަކައެއްގެ ގޮތުގައެވެ. އަދި ބައެއްފަހަރު އެއީ އިސްލާމީ ހަރުކަށި ފިކުރުގެ ޖިހާދެއްގެ މަފްހޫމުގައި ތަރުޖަމާ ކުރެވެމުންދާތަންވެސް އެބަފެނެއެވެ. އެ ނަފްރަތު ގޭގެ ހަތަރުފާރު ހުރަސްކޮށް މުޖުތަމާގެ ތެރޭންލާފަ ގާނޫނުހަދާ މަޖިލިސްތަކުގެ ހަތަރުފާރުގެ އެތެރެއަށްވެސް ވަންނަން ފަށައިފިއެވެ. ދުނިޔޭގައި ހިނގާ ވަޔާ އޮއިވަރާއެކު ކަންކަން ބަދަލުވަމުން ދާއުސޫލުން ބައެއް އަވަށްޓެރިންގެތެރޭގައި ލޯބިވުމަކީ ހުއްދަނަގައިގެން ކުރަންޖެހޭ ކަމެކޭ ބުނާ ހިސާބަށް ދުއްވާލައިފިއެވެ. އަދި އެނޫންގޮތަކަށް ލޯބިވެވިއްޖެނަމަ ވަރަށްގިނަފަހަރު ޢާއިލާއާއި މަޒްހަބުގެ ނަމުގައި ނަފްރަތާވެސް ކުރިމަތިލާން ޖެހިފައިވާތަން މިއަދު ފެންނަމުން އެބަ ދެއެވެ.

އެހެނަސް އެފަދަ ގިނަ އަވަށްޓެރިންނަކީ މަޒީގައި ލޯބީގެ ޖިހާދުގެވަސްމީރު މާބަގީޗާތަކުގެ މައި މަރުކަޒުތަކެވެ. އެ ބަގީޗާތަކުގައި ފޮޅުނު މާތަކުގެ ވާހަކަ ފަޚުރުވެރިކަމާއެކު މުޅި ދުނިޔެއަށް އިޝްތިހާރުކުރަމުން ދިޔަމީހުންނެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ލޯބީގެ ޖިހާދުތަކެއްގެ ވާހަކަ ކުރިން އަޑުއަހާފާ ނެތް ދުރު އަވަށްޓެރިންވެސް އެކަހަލަ ޙާދިސާތަކުގެ ނަމުގައި ފުލޯކު ވާހަކަތައް ހަދައިގެން އިޝްތިހާރުކުރި ޒަމާނެއްވެސް މާޒީވެގެން ހިނގައްޖެއެވެ.

މައުޟޫއަކީ އެކަންކަމާމެދު ޚިޔާލު ފާޅުކުރުމެއްނޫނެވެ. އެއްވެސް ޒަމާނެއްގައި ލޯބީގެ ޖިހާދަކީ އަމާންކަމާއެކު ނިމުމަކާހަމަޔަށް ގެނެވޭ ކަމެއް ނޫނެވެ. އެހެނަސް އެ ޖިހާދު މެދުކަނޑާ ނުލައި ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރާ ފަރާތްތައްވެސް މަދެކޭ ނުބުނެވޭނެއެވެ. ވަރަށް ގިނަފަހަރަށް ލޯބީގެ ޖިހާދުގައި ބައިވެރިވާ ފަރާތްތަކަށް އެކަމުގެ ކުރީކޮޅުގައި ދީނާ މަޒުހަބާއި އަދި އާދަކާދައާމެދު މާބޮޑު ފަރުވާލެއް ނުބެހެއްޓެއޭ ބުނެވިދާނެއެވެ. އެމީހުންގެ ކުރިމަތީގައި އޮންނަނީ ހަމައެކަނި ލޯބިވެރިޔާގެ ތަސްވީރެކެވެ. އެ ޖިހާދުގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުމުން އާދަކާދައާއި މަޒްހަބް އަދި މައިންބަފައިން ކޮށްފައިވާ ތަޖްރިބާގެ ބޭނުންތެރިކަން ދެންހަނދާނަށް އަންނަން ފަށައެވެ.

ލޯތްބަކީ ހަގީގަތުގައިވެސް ޖިހާދެކެވެ. ހަމައެފަދައިން ނަފްރަތަކީ ބަދަލު ހިފުމެކެވެ. އެތައް ޖިހާދަކާއި ގުރުބާނީ އަކާއެކު ވަގުތީގޮތުން ނަމަވެސް ކާމިޔާބީއަކާ ހަމަޔަށް ވާސިލު ވެވިދާނެ މަގު ފެނުމަށްފަހު ލޯބީގެ ޖިހާދު ނަފްރަތުގެ ޖިހާދަކަށް ބަދަލުވެގެންދާ ސަބަބުތަކުގެ ތެރޭގައި ޖެހިގެންހުރިގޭގެ ބަގީޗާތައް މާރީތި ކަމަށް ފެންނަ ހިސާބު ފާހަގަކޮށްލަން ޖެހެއެވެ. އެހެންނަމެވެސް އެގޭގެ ބަގީޗާ ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކުރެވޭ ޖިހާދު ދެކޭކަށް ބޭނުމެއް ނުވެއެވެ. އަދި ތިމަތިމާމެންގެ ބަގީޗާ ބެލެހެއްޓުމުގައި ވެވޭ އިހްމާލުތަކެއް ފާހަގަ ކުރާކަށްވެސް ބޭނުމެއްނުވެއެވެ.

ލޯބީގެ ޖިހާދުގައި ބައިވެރިވާ ފަރާތްތަކަށް މާޒީގައި ވަރަށް މަދު ބައެއްގެ ނަފްރަތާއި ނުރުހުން އަމާޒުވެގެންދިޔަ ކަމުގައި ވިޔަސް އާންމުގޮތެއްގައި ކޮންމެ ޖަމާއަތެއްގައިވެސް ގިނަބަޔަކު އެމީހުންފާހަގަކުރަނީ އެއީ ނަމޫނާ ޝަޚްސިއްޔަތު ތަކެއްގެގޮތުގައެވެ. އަދި ތިމާއަކީވެސް އެފަދަ ޖިހާދެއްކުރެވިދާނެ މީހެއްތޯ ހުވަފެންތަކެއްވެސް ދެކެއެވެ. ހަގީގަތުގައި ކޮންމެ ދެލޯބިވެރިއަކީވެސް ޖިހާދެއްގައި ދުވަސްތައް ގުނަމުން ގެންދާބައެކެވެ. ނަމަވެސް މަޝްހޫރުކަން ލިބެނީ މަދު ބަޔަކަށެވެ. އެއީ އަބަދުވެސް އަދި ހުރިހާ މަގާމެއްގައިވެސް ކަންހިނގަމުންދާ އުސޫލެވެ.

ލޯބީގެ ޖިހާދުގެވާހަކަދައްކާއިރު މާޒީގެ ދެތިން ޖިހާދަކަށް އަލިއަޅުވާލުމަކީ ރަނގަޅުކަމެކެވެ. ލޯބީގެ ޖިހާދެއް ފެށުމުގެ ކުރިން ވިސްނާލުމަށްޓަކައެވެ. އެއީ ހަގީގަތުގައިވެސް އެޖިހާދުތައް ހިނގިގޮތްތޯ ނުވަތަ އެވާހަކަތަކުގައި ކިހާވަރަކަށް ފޮނިތޮށިކާފޫރުތޮޅިން ރަހަމީރުކޮށްފައިހުރިތޯ އަޅުގަނޑު ބަލާކަށް ނެތީމެވެ. ސަބަބަކީ އަޅުގަނޑު އިޝްތިހާރުކުރަން އެދޭ ފަރާތެއްނަމަ އަޅުގަނޑަށް ވީ ވަރަކުން ރަހަމީރުކުރާނެތީއެވެ.

އެންމެފުރަތަމަ އެންމެ ކައިރިން އަޅުގަނޑުމެންގެ ގައުމުން ފަށަމާހިނގާށެވެ. އަދި އެއަށްވުރެންވެސް ކައިރިކޮށްލާފައި އަޅުގަނޑުގެ އުފަންރަށުން ފަށަމާހިގާށެވެ. މިޖެހުނީ އަޅުގަނޑު ބުނިތާނގައެވެ. އަޅުގަނޑުގެ އުފަންރަށް އިޝްތިހާރުކޮށްލާހިތް ވީއެވެ. އާދެ، ހުޅުދެލީ އަލިފުޅާއި ބުރުނީ ދޮންހިޔަލަގެ ލޯބީގެ ޖިހާދުގެ ވާހައަކީ ދިވެހިންގެ އެންމެ މަޝްހޫރު ލޯބީގެ ވާހަކައެވެ. އެކަމަކު އެ ދެމީހުންގެ ލޯބީގައި އެހެން މީހުންނަށްވުރެން އިތުރަށް ކޮށްފައި އޮތީ ކޮންކަމެއްހެއްޔެވެ. އަލިފުޅުކުރީ ހުޅުދެލީގެ އެންމެންވެސް ދިރިއުޅުމަށްޓަކައި ކުރި މަސައްކަތެވެ. ތިލަފިހިގެ)ރަން ރިހީގެ މަސައްކަތް ކުރާ) ގެއެއް އެޅީ އެހެން މީހުންނާދުރު ވަލުތެރޭގައެވެ.

އޭރު ދިވެހި ތަޚުތުގައި އިންނެވި ރަސްގެފާނުގެ އަރިހުގައި ބަސްދެންނެވޭވަރު މަގާމެއްގައި ހުރި ޅައިމަގު މީހަކު ދޮންހިޔަލަގެ ރީތި ކަމުގެ ވާހަޔާއި އަލިފުޅުގެވާހަކަ ދަންނަވައިގެން އެދެމީހުން ކޮންމެހެންވެސް ދުރުކުރުމުގެ ކަންތައްގަނޑެއް ރޭވިގެން ހިނގައިދިޔައީއެވެ. ދެމީހުން ކަނޑުވެ މަރުވެ ދިޔައީކަމުގައި ބުނެވެއެވެ.

އެދެމީހުންގެ ލޯބީގެ ޖިހާދު ނިމިގެންދިޔައީ ފުރާނައިން އަގުއަދާކޮށްފައެވެ. ވިސްނާލުމަށްޓަކައި ރަނގަޅު ފިލާވަޅުކެވެ. އެންމެ ފަހު ވަގުތާ ހަމަޔަށްވެސް އެކުގައި އުޅެވުމުގެ ހިތްހަމަޖެހުން އޮންނާނީ ޔަގީނުންވެސް ލިބިފައެވެ.

ދެން އޮތީ އަޅުގަނޑުމެނަށް އެންމެގިނަ ލޯބީގެ ޖިހާދު ފިލްމުތަކުންވެސް ގެނެސްދޭ އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނެވެ. ތާރީޚުން އެނގޭގޮތުގައި އިންޑިއާގައި ގައިސް އިބްނު އަލްމުލްވަހުލް އޭ ކިޔުނު ޝާޢިރަކު ލައިލާއޭ ކިއުނު އަންހެންކުއްޖަކާ ލޯބިވެ މޮޔަވެގެން އުޅުނު ވާހަކައަކީ ލައިލާ މަޖުނޫން ގެ ނަމުގައި އިންޑިއާގެ ކޮންމެމީހަކަށްވެސް އެނގޭ ވާހަކައެވެ.

ލައިލާ މަޖުނު ގެ އަސްލުކަމަށް ބުނެވޭ ފޮޓޯ:

ބުނެވޭގޮތުގައި ރަށުތެރޭގައި މިވާހަކައެއް މަޝްހޫރުވެގެން ދިޔަލެއް ބޮޑުކަމުން ރަސްގެފާނުގެ ދަރުބާރަށްވެސް އެ ދެމީހުން ޙާޒިރު ކުރެވުނުކަމަށް ވެއެވެ. ގައިސް އަކީ ރީތި ފިރިހެނަކަށްވެފާ އެހެނަސް ލައިލާއަކީ އޭނާގެ ނިސްބަތުން އަޅާކިޔޭ ވަރުގެ ރީތި އަންހެނަކަށް ނުވާތީ ރަސްގެފާނު ސުވާލު ކުރި ކަމަށްވެއެވެ. ޖަވާބުގައި ގައިސް ދެންނެވިކަމަށްވަނީ ރަސްގެފާނަށް އަޅުގަނޑުގެ ދެލޯ ލިބިފައިވީނަމަ ލައިލާއަށްވުރެން ރީތި އަންހެނަކު ނުހުންނާނެކަމަށް އެއްބަސްވެ ވަޑައިގަންނަވާނެ ކަމަށެވެ.

މިތާގައި އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ ދިޔަ ޙާދިސާއަކަށް ކުޑަ ވަގުތުކޮޅެއް ނަގާނަމެވެ. އަޅުގަނޑަށް ކިޔާދީފައިއޮތް ގޮތުން ވިއްޔާ ގިނަ ދުވަސްތަކަކަށް ކައިވެނިކޮށްގެން އުޅުނު ދެމަފިރިއަކު މައްސަލަޖެހިގެން ވަރިވުން އެދި ފިރިމީހާގެ ފަރާތުން ކޯޓަށް ދިޔައެވެ.

ވަރިވާން ބޭނުންވަނީ ކީއްވެގެންތޯ ލޯބިނުވަނީތޯ ފަނޑިޔާރު މަނިކުފާނު ދެމަފިރިން ކައިރީގައި ސުވާލު އެއްސެވިއެވެ. އަންހެންމީހާ ދެންނެވީ ކުރިއެކޭވެސް އެއްފަދައިން ފިރިމީހާދެކެ ލޯބިވާކަމުގައެވެ. ފިރިމީހާ ދެންނެވިކަމަށްވަނީ މިހާރު ލޯބި ނުވާކަމުގައެވެ. ފަނޑިޔާރުމަނިކުފާނު ޙުކުމް ކުރެއްވީ އަލުން ލޯބިވަންދެން ފިރިމީހާ ތައުޒީރުކުރުމަށެވެ. ހައެއްކަ އެތިފަހަރު ދުއްރައިން ޖެހިތަނާ ފިރިމީގެ ލޯބި އަލުން އިއާދަވެއްޖެއެވެ. މިއީވެސް ދިވެހިންނަށް ލޯބި ގެނެސްދޭގޮތެކެވެ.

ލައިލާގެ ކައިވެންޏަށްއެދި މަޖްނޫން ގޮސް ލައިލާގެ ބައްޕަކައިރީ އާދޭސްކުރުމުންވެސް މޮޔައަކާ މަގޭ ދަރި ނުދެވާނަމޭ ބުނެ އަދި އެންމެފަހުން މުއްސަނދި ވިޔަފާރިވެރިއެއް ކަމުގައިވާ ވަރާދު އަލްސަގާފީ ކިޔާމީހަކާ ދެވީއެވެ. މިކައިވެނީގެ ޚަބަރު ލިބުމާއެކު ގައިސް މޮޔަވެ ހަގީގަތުގައިވެސް މަޖުނޫނަކަށް ވީއެވެ. ބުނެވޭގޮތުގައި މަޖުނޫން މަރުވީ ލައިލާގެ ގަބުރު ވަޅުލާފައިވާތަނުގެ ކައިރީގައެވެ. މިއަދު އިންޑިއާގައި ލައިލާ މަޖުނޫން އަކީ ލޯބީގެ ނިޝާނެކެވެ. އެ ލޯބީގެ ޖިހާދުގައި މަޖުނޫނަށް ކުރެވުނުހާވެސް ކަމަކީ ލައިލާއަށްޓަކައި ފަރިހި ހެދުމެވެ.

ލައިލާ އޭނާގެ ފިރިމީހާއާއިއެކު ދިރިއުޅެމުން ގެންދިޔައީއެވެ. ކިއުންތެރިންނަށްޓަކައި މަޖުނޫންގެ ފަރިއްސެއްގެ ތަންކޮޅެއް ލިޔެލާނަމެވެ. ލޯބީގެ ޖިހާދުގެ ނާކާމިޔާބީ މިގޮތަށްވެސް ދިމާވެދާނެތީއެވެ.

“ ލައިލާ ހިނގާބިނގާވެ އުޅުނު މިފާރުތައް ކައިރިން ލާފާއަހުރެން ހިނގާނަމެވެ. އަދި އެފާރުތަކުގައި އަހުރެން ދޮންދީ ހަދާނަމެވެ. އެއީ އެ ފާރުތައްދެކެ އަހުރެން ލޯބިވާތީކީ ނޫނެވެ. ހަމައެކަނި އެކަމުން އަހަރެންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭތީއެވެ. އަހަރެން ލައިލާދެކެ ލޯބިވާތީއެވެ. “

ދެން އަޅުގަނޑުމެންގެތެރޭގައި އެންމެ މަޝްހޫރު ލޯބީގެ ޖިހާދަކީ އީރާނުގެ ޝީރީން ފަރުހާދުގެ ވާހަކައެވެ.

އެވާހަކަ ފެށެނީ އެއްދުވަހަކު އީރާނުގެ ރަސްކަލަކަށް ހުންނެވި ޚުޝްރޯ އަރިހުގައި އޭނާގެ ވަރަށްގާތް ރަޙްމަތްތެރިއަކު ކަމުގައިވާ ޝަޕޫރު އެވެ ކިއުނު ކުރެހުންތެރިއަކު ޝީރީން އެވެ ކިއުނު މާރީތި އަރމޭނިއާގެ ޕްރިންސެސް އެއްގެ ވާހަކަ ދެންނެވުމުންނެވެ. ހަގީގަތުގައި ޝީރީން އަކީ ގްރީކުގެ ރާނީ މާހިމް ބާނޫގެ ދެބެންދެދަރި ކުއްޖެކެވެ. ޝާޕޫރުގެ ވާހަކަތައް އަޑުއިވުމުން ރަސްގެފާނު ޚުޝްރޯ އަށް އެކަމަނާދެކެ ހުރީ ލޯބިވެވިފައެވެ.

ދެން ރަސްގެފާނު ޝަޕޫރަށް އަމުރުކުރެއްވީ އަރމޭނިއާއަށް ގޮސް ޝީރީން ހޯދުމަށެވެ. ޝީޜީން ހޯދުމަށްފަހު އޭނާއަށް ރަސްގެފާނު ޚުޝްރޯ ގެ ފޮޓޯފުޅެއް ދިނުމުން އެ ބަލާފައި އެކަމަނާއަށް ވެސް ރަސްގެފާނުދެކެ ލޯބި ވެވިއްޖެއެވެ. އަދި އެކަމަނާގެ ލޯބި ހޯދުމަށްޓަކައި ޚޫޝްރޯގެ ވެރިކަމުގެ ތަޚުތު ހުންނަ މަދާއިނަށް ދަތުރުފެށިއެވެ. ނަސީބު ދިމާކުރިގޮތުން އެދުވަސްވަރު ޚުޝްރޯއާއި އެމަނިކުފާނުގެ ބައްޕާފުޅާއެކު ޖެހުނު މައްސަލައެއްގައި ގައުމުދޫކޮށް އޭނާގެ ލޯބި ހޯދުމަށްޓަކައި އަރމޭނިއާއަށް ދަތުރުފެށިއެވެ. އެ ދަތުރުމަތީގައި ދެމީހުން ބައްދަލުވުމުގެ ފުރުސަތު ލިބުނު ނަމަވެސް އެކަކުއަނެކަކަށް ނޭންގުނެވެ. ޚުޝްރޯއަށް އަރމޭނިއާއަށް ދެވުމުން އެތާންގެ ރާނީ ސަމީރާ އޭނާއަށް މަރުޙަބާ ދެންނެވިއެވެ. އަދި އޭނާ ހޯދަން ޝީރީން މަދާއިނަށް ދިޔަވާހަކަވެސް ދެންނެވިއެވެ. އެހެންކަމުން އަނެއްކާވެސް ޝީރީން ހޯދަން ޝާޕޫރު މަދާއިނަށް ފޮނުވިއެވެ.

ނަމަވެސް ކުއްލިއަކަށް ޚުޝްރޯގެ ބައްޕަ އަވަހާރަވުމުގެ ސަބަބުން ޚުޝްރޯ އަށް ޖެހިވަޑައިގަތީ އެނބުރި މަދާއިނަށް ވަޑައިގަންނަވާށެވެ. އެހެންކަމުން މި ދެ ލޯބިވެރިންނަށް ޖެހުނީ އެކަކު އަނެކަކު ހޯދުމަށްޓަކައި އަބަދު ދެކޮޅަށް ދަތުރުކުރާށެވެ. އެންމެފަހުން ސިފައިންގެ ޖެނެރަލް އަކު ޚުޝްރޯގެ ރަސްކަން ފޭރިގަތުމުން އަނެއްކާވެސް އޭނާ ވަޑައިގަތީ އަރމޭނިއާއަށެވެ.

އަރމޭނިއާގައި އެ ދެލޯބިވެރިން ބައްދަލުވެ ލޯބި ގަބޫލުކުރާކަމަށް އިއްތިރާފް ވިއެވެ. އެހެންނަމަވެސް ކައިވެންޏާ ބެހޭގޮތުން ޝީރީން ގެ ޝަރުތެއް ހާމަކުރިއެވެ. އެއީ ބާޣީންގެ އަތުން ޚުޝްރޯގެ ވެރިކަން އަނބުރާއަތުލުމެވެ. މިޝަރުތު ފުރިހަމަކުރުމަށްޓަކައި ކޮންސްޓެންޓިނޯޕޯލްގެ ރަސްގެފާނު ގައިސަރުގެ އަރިހުން މަދަދު އެދުމަށްޓަކައި އެ ރަސްގެފާނުގެ އަރިހަށް ޚުޝްރޯ ވަޑައިގަތެވެ. ޚުޝްރޯ އަށް އެހީތެރިވެ ބާޣީންގެ ވެރިކަން ނިމުމަކަށް ގެނެސްދިނުމަށް ގައިސަރު ރަސްގެފާނު އެއްބަސްވެ ޝަރުތެއް ކަނޑައެޅިއެވެ. އެއީ އެ ރަސްގެފާނުގެ އަންހެން ދަރިފުޅު މަރިޔަމްއާއި ޚުޝްރޯ ކައިވެނިކުރުމާއި އަދި މަރިޔަމް ދުނިޔޭގައި ހުރިހާ ދުވަހަކު އެހެންމީހަކާ ނުއިނުމެވެ. ޚުޝްރޯ މި ޝަރުތު ގަބޫލުކުރިއެވެ.

މިކަންތައްގަނޑު ހިނގަމުން ދިޔައިރު ހިލައިގާ ބިންވަޅުނެގުމުގެ މަސައްކަތްކުރަމުންދިޔަ ފަރުހާދަށްވެސް ޝީރީން ދެކެ ލޯބި ވެވިއްޖެއެވެ. ނަތީޖާއަކަށްވީ ޚުޝްރޯގެ ނަފްރަތާވެސް ކުރިމަތި ލާން ޖެހުމެވެ. އެހެންކަމުން ބާހިސްތުން އެވެ ކިއުނު ފަރުބަދަތަކުގެ ސަރަހައްދަށް ފަރުހާދު އަރުވާލައި އެތަނުގެ ފަރުބަދަތައް ކަނޑައިގެން މައްޗަށް އަރާނެ ސިޑިއެއް ހަދަން އޭނާއަށް އެންގިއެވެ. ފަރުހާދު އެ އުނދަގޫ މަސައްކަތް ފަށައިގަތީ އެ ކަންތައް ނިމުމުން ޝީރީންއާއ އިނުމުގެ ހުއްދަ ޚުޝްރޯގެ ފަރާތުން ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ.

ނަމަވެސް ޝީރީން ދެކެ އެހެންމީހަކު ލޯބިވުމަކީ ޚުޝްރޯ ރަސްގެފާނަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ. އެހެންކަމުން ޝީރީން މަރުވެއޖެކަމުގެ ދޮގު ޚަބަރު ފަރުހާދަށް ފޮނުވައިފިއެވެ. އެ ޚަބަރު ލިބުމުން ފަރުހާދުގެ ކުރިމަތީގައި ދިރިހުރުމުގެ ބޭނުން ކެނޑިއްޖެއެވެ. އޭނާ ގަސްދުކުރީ ފަރުބަދަމަތިން ފުންމާލައިގެން މަރުވާށެވެ.

ފަރުހާދު މަރުވުމުން ރަސްގެފާނު ޝީރީނަށް އެކަންއަންގައި ނަމެއްގައި ތައުޒިޔާކިއެވެ. ފަރުހާދު މަރުވިތާ ވަރަށްކުޑަދުވަސްކޮޅެއްގެ ތެރޭގައި މަރިޔަމްވެސް މަރުވެއްޖެއެވެ. އެހިސާބުން ޝީރީނާ ކައިވެނި ކުރުމުގެ ހުރިހާ މަގެއް ޚުޝްރޯ ރަސްގެފާނަށް ހުޅުވިގެން ދިޔައީއެވެ.

އެކަމަކު އޭނާ ގަސްދުކުރެއްވީ ލިބުނު ރަނުގެ ފުރުސަތުގައި ފުރަތަމަ އިސްފަހާނުގެ ރީތިކަމަށް މަޝްހޫރު އަންހެން ކުއްޖަކާ އެކު ލޯބީގެ ދުވަސްތަކެއް ހޭދަކޮށްލާށެވެ. އެ އަންހެންކުއްޖާގެ ނަމަކީ ޝޭކަރް އެވެ. ޝޭކަރް އާއެކު ލޯބީގެ ދުވަސްކޮޅެއް ހޭދަކުރމަށްފަހު ޝީރީނުގެ ގަނޑުވަރަށް ޚުޝްރޯ ވަޑައިގަތެވެ. އެކަމަކު އޭރު އޭނާހުންނެވީ ރާބޮއިގެން ކަން ޝީރީނަށް އެނގުމާއެކު އޭނާ ގަނޑުވަރަށް ވަނުން ހުއްޓުވިއެވެ.

އެކަމަކު ޚުޝްރޯ ރަސްގެފާނަށް ހީވީ ޝީރީނަށް ޝޭކަރްގެ ކަންތައް ފަޅާއެރީކަމަށެވެ. ރާބޮއިގެން މަސްތުގައިހުރެ ހުރިހާ ވާހަކަތަކެއް އޭނާ ޝީރީނަށް ކިޔައިދީފިއެވެ. އެންމެފަހުން ޚުޝްރޯގެ ކައިވެނި ޝީރީން ގަބޫލު ކުރިއެވެ. އެކަމަކު އޭގެކުރިން ތަގްދީރުގެ ރޭވުމުން މުޅިމަންޒަރު ބަދަލުކޮށްލައިފިއެވެ. ޚުޝްރޫއާއި މަރިޔަމްގެ ފިރިހެން ދަރިފުޅު ޝީރޯއި އަށް ވެސް ޝީރީނުދެކެ ހުރީ ލޯބި ވެވިފައެވެ. އަދި ޝީރީނާއި އިނުމުގެ ބޭނުމުގައި އޭނާގަ ބައްޕަ ޚުޝްރޯ މަރާލުމަށްފަހު އެއްހަފްތާވަންދެން ހިތާމަ ފާޅުކުރަން ހޭދަކުރުމަށްފަހު އޭނާގެ ކައިވެންޏަށް ތައްޔާރު ވުމަށްޝީރީނަށް ޝީރޯއި އެންގިއެވެ. އެހެނަސް ދަނބިދަރިފުޅާ އިނުމަކަށް ޝީރީނުގެ ޒަމީރު ހުއްދައެއް ނުކުރިއެވެ. އެހެންކަމުން އޭނާގަސްދުކުރީ އަމިއްލައަށް މަރުވާށެވެ. އެއަށްފަހު ޝީރީނުގެ ހަށިގަނޑުވެސް ވަޅުލެވުނީ ޚުޝްރޫ ރަސްގެފާނުގެ ކަށްވަޅުގައެވެ.

އަޅުގަނޑުމެންގެ ސަރަހައްދުގައި އެންމެ މަޝްހޫރުވެފައިވާ ލޯބީގެ ޖިހާދުތައް ހިނގާދިޔަގޮތަކީ މިއީއެވެ. ކާކުކަން އެ ޖިހާދުތަކުގެ މައިގަނޑު ބަތަލަކީ ބުނާކަށް ނެތީމެވެ. އަޅުގަނޑުމެންގެ ލޯބިވެރިންނަށް މިއިން ހެއޮވިސްނުމަކާއި ރަނގަޅު އަމާޒަކަށް މަގުފަހިކޮށްދީފިނަމަ އަޅުގަނޑުގެ މަގްސަދު ޙާސިލުވީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް