އިލެކްޓްރިކް އެއްގަމު އުޅަނދު އުފެއްދުމުގެ އުއްމީދާއެކު ތުރުކީ ކުރިއަށް ޖެހިލައިފި

Loading

Facebook
Twitter
WhatsApp
togg turkey news

ޓޮގް ކުންފުނިން އުފައްދާފައިވާ އެއްގަމު އުޅަނދުތަކުގެ ޕްރޮޓޯޓައިޕް މޮޑެލް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވަނީ މިދިޔަ އަހަރު ދައްކަވާލައްވާފައެވެ. ޖެހިގެން އަންނަ އަހަރު މިވައްތަރުގެ އަސްލު އުޅަނދުތައް އުފައްދާ މާރުކޭޓަށް ނެރުމަށްވަނީ ހަމަޖެހިފައެވެ. މިދިޔަ ޑިސެންބަރު މަސްތެރޭގައި  ތުރުކީގެ ހުޅަނގުއުތުރު އަވަށެއްކަމަށްވާ ގިބްޒީގައި އެގައުމުގައި ފުރަތަމަ އުފެއްދި އިލެކްޓްރިކް ކާރުގެޕްރޮޓޯޓައިޕް މޮޑެލް ދައްކަލާ، އަމިއްލައަށް ކާރެއް އުފައްދާ ބޭނުންކުރުމަށް ކުރަމުންދިޔަ އިންތިޒާރަށް ނިމުން އަންނަން އުޅޭކަން އެގައުމުންވަނީ އިއުލާންކޮށްފައެވެ. 

އެއްގަމުގައި ދުއްވާ އުޅަނދު އަމިއްލައަށް އުފެއްދުމުގެ ގާބިލުކަން ލިބުމަކީ އަމިއްލަ އުފެއްދުންތައް ބޭނުންކުރުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ވުންކަމަށް، އިލެކްޓްރިކް ކާރުގެޕްރޮޓޯޓައިޕް މޮޑެލް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވިދާޅުވިއެވެ. 

މިކަމުގެ ކުރިއެރުންތައް ރައްޔިތުންނަށް ފެނިގެންދިޔައީ ބަރުސާ ޕްރޮވިންސްގައި ގައުމުގެ ފުރަތަމަ ކާރު ފެކްޓްރީ އެޅުމުގެ ތާރީޚީ ރަސްމިއްޔާތު ބޭއްވުމުންނެވެ.  އެ ޕްރޮވިންސަކީ ކާރުގެ އެކިބައިތައް އުފެއްދުމަށް އެންމެ މަޝްހޫރު ތުރުކީގެ ސަރަހައްދެެވެ. 

togg turkey news

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ”މިފަދަ ބޮޑު ފެކްޓަރީއެއް އިމާރާތްކުރުމުން ތުރުކީގެ އަމިއްލަ ކާރު އުފެއްދުމާއިބެހޭގޮތުން މީހުންގެ ޚިޔާލު ބަދަލުވެގެންދާނެ ކަމަށް“ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވިދާޅުވިއެވެ. ”އަޅުގަނޑުމެން މަސައްކަތް މިކުރަނީ ފެކްޓަރީ 18 މަހުން ނިންމާ، އަޅުގަނޑުމެންގެ ފުރަތަމަ އުފެއްދުން 2022 ވަނައަހަރުގެ ފަހު ކުއާޓަރގައި ނެރުމަށް“ އުރުދުގާން ވިދާލުވިއެވެ. 

ރައީސް ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ބަލާއާފާތުގެ ތެރޭގައިވެސް ތުރުކީއަށް މިފަދަ ކަމަކާ ކރިމަތިލާތި ފަޚުރުވެރިވެ ވަޑައިގަންނަވައެވެ. އަދި 1961ގައި އުފައްދަން މަސައްކަތްކޮށް  ނާކާމިޔާބި ޑެވްރިމް (ރިވޮލިއުޝަން) ކާރުގެ ފަހުން ތުރުކީންވަނީ ކާރު އުފެއްދުމަށް ދެކެމުންއައި ހުވަފެން ހަގީގަތަކަށް ހަދާފައި ކަމުގައި ވިދާލުވިއެވެ.

ތުރުކީގެ އޮޓޯމޯބައިލް ޖޮިންޓް ވެންޗަރ ގްރޫޕު (ޓޮގް) ގެ ސީ.އީ.އޯ ގާކަން ކަރަކަސް ވިދާޅުވި ގޮތުގައި، މި ފެކްޓަރީ އިމާރާތަކީ ހަމައެކަނި ކާރު އުފައްދާ ކާރުޚާނާއެއް ނޫނެވެ. އެތަނަކީ ދިރާސާކުރުމަށާއި އިތުރު ތަރައްގީގެނައުމަށް އެކި ހޯދުންތައް ހޯދާ، ކަސްޓަމަރުންނަށް ކާރު ތަޖުރިބާކޮށްލުމުގެ ފުރުސަތު ދެވޭ ޕާކަކަށްވެސް މެއެވެ.  

އެތާނގެ އިސްވެރިއެއް އޮޅުންފިލުވައިދެއްވި ގޮތުގައި އާ ކާރުތަކުގައި ވަގުތުން ޑޭޓާ ނަގައިގަންނަ، އިންޓަރނެޓާއި ގުޅާލުމުގެ ގާބިލްކަން ލިބިފައިވާ ސްމާޓް ޕްރޮޑަކްޝަން ނެޓްވޯކެއް ހަރުކޮށްފައިވާނެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޕެޓްރޯލު ބޭނުންކޮށްގެން ދުއްވޭވަރަށް ދުއްވޭނެ ބާރުގަދަ ބެޓެރީއެއްވެސް އެކާރުގައި ހުންނާނެއެވެ. 

“ އަޅުގަނޑުމެން މި ބެޓެރީއާއި އީ-ޕަވަރ ޔުނިޓް އާކިޓޭކްޗަރ ތައްޔާރުކުރުމުގެ މަސައްކަތަށް ވަރަށްބޮޑު ކާމިޔާބީއެއް ލިބިއްޖެ. 300 އާއި 500 ކިލޯމީޓަރ (190 އާޢި 300 މޭލާއި ދެމެދު) އަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ މި ހައި-ޓެކް ބެޓެރީގެ ފަރުމާވަނީ ގާތްގަޑަކަށް ނިމިފައި، އެކި ޕެކޭޛްތަކުގެ ބާރުމިން ތަފާތުވާނެ“،  ކަރަކަސް ވިދާޅުވިއެވެ. 

މި މޮޑެލްގެ ތިމާވެއްޓާޢި ރައްޓެހި ޚާޢްސަ ސިފަތަކުގެ ވާހަކަ ދައްކަވަމުން ކަރަކަސް ވިދާޅުވީ، “ ޓޮގް ކާރަކީ ތުރުކީގައި ގާނޫނީ ގޮތުން ކަނޑައޅާފައިވާ އެމިޝަން ލިމިޓުގެ ނުވަބައިކުޅަ އެއްބައި، އަދި ޔޫރަޕުން ކަނޑައަޅާފައިވާ އެމިޝަން ލިމިޓުގެ ހަތްބައިކުޅަ އެއްބައި އެމިޓްކުރާ ކާރަށް. އަދި މި ކާރުވާނީ ޔޫރަޕްގައި ބޭނުންކުރާނެ އެންމެ ސާފު، ތިމާވެއްޓާއި ރައްޓެހި ކާރަށް“. 

ޓޮގްއިން ފަސް މޮޑެލްގެ ކާރު ތައްޔާރު ކުރާނެއެވެ. އެއީ ސްޕޯޓް ޔުޓިލިޓީ އުޅަނދު (އެސްޔޫވީ)، ސެޑަން، ސީ-ހެޗްބެކް، ބީ-އެސްޔޫވީ، އަދި ބީ- އެމްޕީވީ އެވެ. 

ގައުމުންލިބޭ ތަކެތިން އުފެއްދުން

ޓޮގްގެ އިންޖިނޭރުން ފަރުމާކުރި އިލެކްޓްރިކް އުޅަނދުގެ އެތެރެ ވެގެންދާނީ އަމިއްލަ އޮރިޖިނަލް އުފެއްދުމަކަށެވެ. ކާރުގެ އެތެރެ ތައްޔާރު ކޮށްފައި ހުންނާނީ ވަރަށް އަރާމް، ވަރަށް ގިނަދުވަހަށް ބޭނުންކުރެވޭ، ރައްކާތެރި ގޮތަކަށެވެ. 

ކަރަކަސް ވިދާލުވި ގޮތުގައި 2030 ވަނައަހަރާހަމައަށް  އެ ފްކްޓަރީން ތަފާތު ފަސް މޮޑެލްގެ އެއް މިލިއަން ކާރު އުފައްދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޓޮގް އަށް ސަޕްލައިކުރާ ފަރާތްތަކުގެ  93 އިންސައްތަ ފުރިހަމަ ކުރަނީ 78 އިންސައްތަ ތުރުކީގެ ފަރާތްތަކުންނާއި 22 އިންސައްތަ ޔޫރަޕް އަދި އޭޝިއާގެ ގައުމުތަކުންނެވެ. 

މި އަމިއްލަވަންތަ ކާރު ޕްރޮޖެކްޓަކީ 22 ބިލިއަން ތުރުކީ ލީރާ (3.21 ބިލިއަން ޑޮލަރު) އަށްވުރެ ބޮޑު އިންވެސްޓްމަންޓެކެވެ. 2022 ވަނައަހަރު ގިނައަދަދެއްގެ ކާރު އެއްފަހަރާ އުފައްދަން ފަށާނެއެވެ. މިގޮތުން އަހަރަކު 175000 ކާރު އުފެއްދޭނެއެވެ. 

ޖޫން 2018 ގައި ތުރުކީގެ އެންމެ ބޮޑު 5 ކުންފުނި ކަމުގައިވާ އަނަޑޮލޫ ގްރޫޕް، ބީއެމްސީ، ކޭއޯކޭ ގްރޫޕް، ޓާކްސެލް އަދި ޒޮރުލޫ ހޯލްޑިންގްސްގެ އިތުރުން އަމްރެއްލާ އޮގަނައިޒޭޗަން، ދި ޔޫނިއަން އޮފް ޗެމްބާސް އާއި ކޮމޮޑިޓީ އެކްސްޗޭންޖް އޮފް ތުރުކީ ގުޅިގެން އަމިއްލަވަންތަ ކާރު އުފެއްދުމަށް އަތާއިއަތް ގުޅާލިއެވެ. ސަރުކާރުންވަނީ 2035 ވަނައަހަރާހަމައަށް 30،000 ކާރު ގަންނާނެކަމުގެ ގެރެންޓީ ދީފައެވެ. 

ތުރުކީގެ އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ވިދާޅުވިގޮތުގައި، ތުރުކީންވަނީ އާ އުފެއްދުންތަކަށާއި، ސަރަހައްދީ ތަރައްގީއަށް 126 މިލިއަން ޑޮަލަރު ހޭދަކުރާނެކަމަށް އިއުލާންކޮށްފައެވެ. އަހަރަކު 175000 އިލެކްޓްރިކް ކާރު އުފައްދާނެއެވެ. ތުރުކީއަކީ އެގައުމުގައި ގާއިމްކޮށްފައިވާ ފޯޑް، ފްލެޓް ކްރިސްލާ، ރެނޯލްޓް، ޓޮޔޯޓާ، ހައުންޑި ފަދަ ކުންފުނިތަކުން އުފައްދާ ކާރުތައް މިހާރުވެސް ޔޫރަޕަށް އެތެރެކުރާ ގައުމެކެވެ.

ކަރަކަސް ވިދާޅުވާ ގޮތުން، މި ޕްރޮޖެކްޓުން 15 އަހަރުގެ ތެރޭގައި 50 ބިލިއަން ޔޫރޯ ތުރުކީގެ އިގުތިސާދަށް އިތުރުވެގެންދާނެއެވެ. މީކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ. ޓެްކްނޮލޮޖީއަށް އަހުލުވެރި  300 މުވައްޒަފުން ހިމަނައިގެން މި ފެކްޓަރީއިން 4323 މުވައްޒަފުންނަށް ވަޒީފާ ދޭނެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް