ރާއްޖޭގެ ސިޔާސީ ކޯޅުން ގަދަވެ ރައްޔިތުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯވަނީ

Loading

Facebook
Twitter
WhatsApp

ވާން އުޅޭގޮތް ނޭނގުނަސް މުސްކުޅިން ބުނެއުޅެނީ ވަމުން ވަމުން އަންނަ ގޮތުގެ މައްޗަށް ވިސްނާލުމުން ދެން ވާނީ ކިހިނެއްކަން އެނގިގެން ދާނެ ކަމުގައެވެ.

ރައީސް މައުމޫނަށް ޕީޕީއެމް ގެއްލުނު ގޮތަށް ރައީސް ނަޝީދަށް އެމްޑީޕީ ނުގެއްލި ވެސް ހިނގައިދާނެއެވެ. ކޮންމެއަކަސް ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. އެހެން އޮތުމުން ރައީސް ޔާމީނު ޕީޕީއެމް ނެންގެވި ގޮތަށް ރައީސް އިބޫ އަށްވެސް ބޭނުންފުޅިއްޔާ އެގޮތަށް ޢަމަލު ކުރެވިދާނެ ތާއެވެ! އެގޮތަށް އަމަލުކުރުމަށް ރައީސަށް ލަފާ އަރުވާ ބަޔަކު ވެސް އުޅޭވިއްޔާއެވެ!

ކޮންމެއަކަސް ރާއްޖޭގެ ސިޔާސީ މަސްރަހު ދަނީ ހޫނުވަމުން ފިތުނައިގެ ހުޅު ރޯވަމުންނެވެ. ރައީސް އިބޫއާ ސިޔާސީ ގޮތުން ދިމާކުރާ ބަޔަކު އެބަ ތިއްބެވެ. ހަމައެގޮތަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދާ ދިމާ ކުރާ ބަޔަކުވެސް އެބަތިއްބެވެ. އެކުވެރިކަމާއެކު އެންމެން ގުޅި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމުގެ މާހައުލެއް ގާއިމު ކުރަން ބޭނުންވާ ބަޔަކު ނެތެވެ. އުފެދެމުން އަންނަ ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވެއްޖެނަމަ ހުރިހާގެއްލުމެއް ތަހައްމަލު ކުރަން ޖެހޭ ބަޔަކީ ރައްޔިތުންނެވެ.

ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާކަމަށް ބުނާ އެމްޑީޕީގެ މަތިފަޑިން ފެންނަނީ ކޯޅުމާއި ނަފުރަތެވެ. ޕާޓީގެ މެންބަރުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ރައްޔިތުން ތިބީ ވާއެއް ނުވާއެއް ނޭނގިފައެވެ.

ކޮންމެއަކަސް ހިނގަމުން އަންނަ ސިޔާސީ ކޯޅުން ތަކަށް ނުބަލައި ޕްލޭން ކުރެވިފައިވާ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދާތީ ސަރުކާރަށް ފަށްފަށުން ޝުކުރު ދަންނަވަން ޖެހެއެވެ.

ގިނަ ސަރުކާރުތަކުން ގައުމު ތަރައްގީ ކުރުމަށް ތަފާތު ޕްލޭންތައް ރާވަމުން ދެއެވެ. އެހެނަސް ފުރަތަމަ ތަރައްގީ ވާންޖެހެނީ ރައްޔިތުމީހާކަން އެނގިވަޑައި ގަންނަވަނީ މަދު ބޭފުޅަކަށެވެ. މިއީ ގައުމު ކޮޅުނެއްކޮޅަށް ހިތާމަކުރަން ޖެހިފައިވާ ކަމެކެވެ. ގައުމު ބައިބައިވުމުގެ ސިއްރަކީވެސް ރައްޔިތުމީހާގެ ޒަރޫރީ ބޭނުންތައް ނުފުދުމެވެ. ފުދުންތެރި ރައްޔިތުމީހާ ބިނާކުރެވިގެން މެނުވީ ރާއްޖޭގެ ހަމަޖެހުމާއި އިސްތިޤްލާލު ދެމިއެއް ނުއޮނާނެއެވެ.

ރާއްޖޭގެ ހަގީގީ ވެރިންނަކީ އެންމެ ބޮޑެތި މަހުޖަނުންނެވެ. އެބޭފުޅުންގެ ހިތްޕުޅާ ނުވާ ގޮތަކަށް ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަން އުޅެފިނަމަ އެ ވެރިކަމެއް ދެމިއެއް ނުއޮވެއެވެ.

ރާއްޖޭގެ މިއުސޫލު ބަދަލެއް ނުވާނެއެވެ. މިއީ މުޅި ދުނިޔޭގައި ވެސް މިކަން އޮތް ގޮތެވެ. މިނޫން ގޮތަކަށް ވެރިކަމުމުގެ މިއުސޫލު ބަދަލު ކުރެވޭނީ ވިރާސީ ރަސްކަން އޮންނަ ތަންތާގައެވެ. މަހުޖަނުންގެ ވިޔާފާރިތައް ކުރިއަރައި ރައްޔިތުން އެބައިމީހުންގެ އަރިހަށް ސަލާންޖަހަން ދާން ނުޖެހޭ ގޮތަކަށް ރައްޔިތުމީހާ ތަރައްގީ ކުރުމަކީ ވެރިންނަށް ފަސޭހަކަމެއް ނޫނެވެ. އެއީ ވެރިމީހާ ވެސް އޮންނަން ޖެހިފައި ވަނީ މަހުޖަނުންގެ ޖީބުގެ ތެރޭގައި ކަމަށްވާތީއެވެ.

ކުރިން އެމްޑީގެ ލީޑަރޝިޕުން ފެނުނު ބަޔަކު އެމްޑީޕީއާ ދިމާކޮށް އެމްޑީޕީގެ މެންބަރުންގެ މެދުގައި ފިތުނަ އުފައްދަން އުޅެނީ ކޮން މޮޅެއް ލިބޭނެ ކަމަށް ބާވައެވެ! މާލޭގެ ރައްޔިތުންނަށް ގޯތި ނުދީގެން ކަމަށްބުނެ އެމްޑީޕީގެ ވެރިންނަށް ބަވައި ހެދުމަކީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބެން އޮތް ގޮތް ހެއްޔެވެ؟

އެމްޑީޕީ ތެރެއިން ބަޔަކު ނިކުމެ ގުރޫޕެއް ހަދައި އެމްޑީޕީގެ ރައީސާ ދިމާކޮށްގެން އުޅޭ ސަބަބު ވަރަށްސާފެވެ. އެމްޑީޕީން މިދެންނެވި ގްރޫޕަށް މާލީ މަންފާ ލިބޭނެ ނާޖާއިޒު މަގުތަކެއް ކޮށައި ނުދީގެންނެވެ. މަތީ މަގާމުތަކުގެ ދަހިވެތި ކަމުގައެވެ.

އެމްޑީޕީ ވުޖޫދު ކުރުމުގައި އެހީތެރިވި އެތަކެއް އަޝްރާފުން މިހާރު ތިއްބެވީ އެމްޑީޕީ އާ ދުރުގައެވެ. އެހެނަސް އެއިން އެއްވެސް ބޭފުޅަކު ޕާޓީ ބައިބައި ކުރަން ނުއުޅުއްވައެވެ. މަގާމުގެ ދަހިވެތި ކަމުގައިވެސް އަދި މާލީ މަންފާއެއް ހޯދުމައްޓަކާވެސް ހުތުރުކަން ބޮޑު ޢަމަލުތައް ނުހިންގަވައެވެ. ފިތުނަ އުފައްދާ މީހުންނަކީ ގޮތެއްނެތިގެން މަހުޖަނުންނާ ވެރިންގެ ފައިބުޑަށް ވެއްޓިގެން އުޅޭ ބައެކެވެ. އެއީ އެބައިމީހުންގެ ގޮތެވެ. ގުރޫޕް ހަދައިގެން ހުތުރުބަހުން އެއްޗެތި ކިޔައި މީހުންގެ މަސް ކައި ހެދުމަކީ މީހުންގެ ސަޕޯޓު ލިބޭނެގޮތް ކަމަށް ނުދެކޭށެވެ! ވާނީ ފަޟީޙަތެވެ. ބޭޒާރުވުން ނޫން އެހެން ކަމެއް ނުވާނެއެވެ.

ބައެއް ސިޔާސީ ލީޑަރުން ވެރިކަމަށް އަންނަނީ ރައްޔިތުންނަށްޓަކައެއް ނޫނެވެ. އަމިއްލަ ފައިދާއާ ޢިއްޒަތުގެ ބޭނުމުގައެވެ. މަތީ މަގާމުތަކާ ފައިސާގެ އަޅުންގެ ގޮތުގައެވެ.

ރާއްޖޭގެ ތާރީޚު ހެކިދޭ ގޮތުގައި ވެރިކަމުގެ ޖާހަތާ ލައްޒަތަށްޓަކައި ރައްޔިތުންގެ އަޣުލަބިއްޔަތު ލިބޭ ފަރާތްތައް ނައްތައިލުމަކީ އާންމު ކަމެކެވެ. ވެރިކަން ލިބޭ މީހާ އެމަގާމު ދިފާއު ކުރުމަށްޓަކައި ނުވަތަ އެމަގާމުގައި ދެމިހުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިއީ ރައްޔިތުން ވިސްނަންޖެހޭ ކަމެކެވެ.

މިފަހަކަށްއައިސް ރާއްޖޭގައި ހިނގާ ސިޔާސީ ކޯޅުން ތަކުގެ ފައިދާ ނަގަމުން އަންނަނީ ހަރުކަށި ފިކުރުގެ ޖައްބާރުން ގެއެހީގައެވެ. މިއީ ހުއްޓުވަންޖެހޭ ކަމެކެވެ.

ރައީސް އިބޫގެ އިސްތަށިފުޅަށް ސިޔާސީ ފަރާތްތަކުން އަރައި ގައުމުގެ އެއްބައިވަންތަކަން ގެއްލޭނެ ހުރިހާ ކަމެއް އެވެރިން އެދަނީ ކުރަމުންނެވެ. މިހެންގޮސް އިބޫގެ އޮޑި ފެތޭއިރުވެސް ރައީސް އިބޫ އަކަށް އެނގި ވަޑައި ނުގަންނަވާނެއެވެ. މިއީ ހިތާމަ ހުރި ކަމެކެވެ. އަޅުގަނޑުމެން ބަލަންވީ ރާއްޖޭގެ ސިޔާސީ ކޯޅުން ގަދަވެ ރައްޔިތުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯނުވާނެ ގޮތެއް ހެދުމަށެވެ. ވެރިކަން ކުރަމުންދާ އެމްޑީޕީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. ގައުމު ތަރައްގީ ކުރެވޭނީ އޭރުންނެވެ.

 

Loading

4 Responses

  1. ހެޔޮނުވަނެ ރައްޔަތުން އަނގަޔާ އަތާ ދިމާނުވެފައި ތިއްބާ ޔާމީނަށް ވުރެ ދެރަނުވާންވެގެން ހަމަ އެއަރފޯޓެއް ބުރިޖެއް ނޭޅިގެން އަދި ބިން ނުހިއްކިގެން މިއީ ރައްޔަތުންނަށް ހިންގަދޭ ސަރުކާރެއް ހެއްޔެވެ. ޔާމީނު އަޅާފައި ހުރި ފުލެޓްކޮޅު އަންނި އެބުނާ ކޮތަރުކޮޓަރި އަމާނާތްތެރިކަމާއި އެކު އެ ލިބެންވާ ފަރާތްތަކަށް ޙަވާލުކޮށް ނުލެވުނެވެ. އަދި އެކަން ޔާމީނު ސަރުކާރުން ކޮށްފައިވާ ގޮތް ކަރަޕްޓްކަމުން ރަނގަޅުކޮށްލީ އަދި އެއަށްވުރެ ކަޑަ ކޮށެވެ. މިވަރުގެ ކަމީނާ ބަޔަކު އަދި ރާއްޖޭގެ ވެރިކަމަށް ނާދެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
    ދެން ތިބުނާހެއް އެފެށީ ވެރިކަމާހެދި ދެމީހުން ބަގުޑިލާށެވެ. ސޯލިޙުގެ 5 އަހަރު ނިމިލަންދެން ދިވެހި ”މަންޑޭލާ“ އަކަށް ކެތެއް ނުކުރެވުނެވެ. ދުނިިޔޭގެ ބޮޑެތި ބާރުތަކަށްވެސް ލަފާދެވޭވަރުގެ ލީޑަރެއްކަމުގައި އިސްތިޢުފާ ދީފަ ފިލި މި ”މަންޑޭލާ“ ގަބޫލުކުރެތެވެ. ހައިރާނުން ބައިނާޅި ނުވާވަރެއްނޫނެވެ. ވެރިކަމާގެން ހޭބަލިވިޔަސް މިވަރު #އެޖެންޑާ19 ގެ ބަލާ މިގައުމަށް ޖައްސާކަށް ނުވާނެނޫންތޯއެވެ. ސޭ ނޯ ޓު އެމްޑީޕީ. ދަ އޮންލީ ސޮލޫޝަން ފޯ މޯލްޑިވެސް.

    1. އެހެން؟ ދެން އަނެއްކާ ޔާންޓޭ ގުރޫޕް އަށް ދޭންވީ؟ އެނޫނީ އާމީހެއް ވެރިކަން ކޮށްފާނެ ގޮތްބަލާލަން ދައުލަތް ދޭންވީ؟ އެގޮތްވެސް ހެޔޮނުވާނެދޯ. އެހެނީ ތަޖުރިބާ ހޯދައިގެން ކަމެއްކުރަން އަހަރެމެންގެ މަސްދޯނީގެ ކެޔޮޅުކަންވެސް ޙަވާލެއްނުކުރާނެއެވެ. ވީއިރު މިފުނޑިގެންދާ ދައުލަތް ކިހިނެއް ޙަވާލުކުރާނީ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް