ބިދޭސީ ޓީޗަރުންނަށް ފަސްދުވަހުގެ ކަރަންޓީން މުއްދަތެއް

Loading

Facebook
Twitter
WhatsApp

 

ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ރާއްޖެ އައުމަށްފަހު ފުރިހަމަކުރަންޖެހޭނީ ފަސް ދުވަހުގެ ކަރަންޓީން މުއްދަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ  މިނިސްޓްރީއާއި އެޗްޕީއޭ މަޝްވަރާތަކެއް ކުރުމަށްފަހު، އެޗްޕީއޭގެ މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ރާއްޖެ އަންނަ ތާރީހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަރަންޓީން ވާންޖެހޭނެކަމަށެވެ.

އަދި އެ ފަސް ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ނެގެޓިވްވުމުން ސްކޫލުތަކަށް ނުކުމެވޭނެކަމަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ވާކް ޕާމިޓްގައި ރާއްޖެއަށް ދަތުރުކުރާ މީހުން ކަރަންޓީންވުމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އިއުލާނުގައިވާގޮތުން، ޑަބްލިއުއެޗްއޯއިން އެމަޖެންސީ ބޭނުމަށް ލިސްޓްކޮށްފައިވާ ކޮވިޑް-19ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތައް، ނުވަތަ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވް ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ރާއްޖެ އަންނަ ދުވަހާ ހަމައަށް ހަމަނުވާ ފަރާތްތައް ކަރަންޓީންވާކަށް ނުޖެހެއެވެ.

ނަމަވެސް، ކޮވިޑްގެ ހާލަތު އޮތް ގޮތުން މިގޮތަށް އަންނަ ފަރާތްތައް ރާއްޖެ އަންނަގޮތަށް އައިސް ކަރަންޓީންނުވެ ސްކޫލްތަކަށް ދިއުމުގައި ހުރިކަންބޮޑުވުންތައް ކައުންސިލް އިދާރާތަކުން ގުޅުން ހުރި އިދާރާތަކުގައި ހިއްސާ ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ގޮތަށް ނިންމީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްފައި ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރުންނާއި މުއައްޒަފުން ސްކޫލަށް ނުކުންނަންޖެހޭ ދުވަސް ވެސް ލަސްކޮށްފައެވެ.

ދިރާސީ އާ އަހަރުގެ ކަލަންޑަރުގައި ކިޔަވާދިނުމާ ސީދާ ގުޅުންހުރި މުވައްޒަފުން ނުވަތަ އެކަޑަމިކް ސްޓާފުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަހަފްތާގެ އާންގާރައިގައެވެ.

އެޑއުކޭޝަނުން ބުނީ މިނިވަންދުވަހުގެ ބަންދާ ގުޅުވައިގެން ޖުލައި މަހުގެ 28 އަދި 29 ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަޑަމިކް ސްޓަފުންގެ އަހަރީ ޗުއްޓީއަށް ދެ ދުވަސް އިތުރުކޮށް، ރަސްމީކޮށް އެ މުވައްޒަފުން ސްކޫލަށް ނިކުންނަންޖެހޭ ދުވަހަކީ އަންހަފްތާގެ ބުރާސްފަތި ދުވަސް ކަމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަނުން ސުކޫލްތަކަށް ފޮނުވި ސިޓީގައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރެއްވުމަށް އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް