އުތުރު ކޮރެއާގެ މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ، ކުއްލި ހާލަތަށް

Loading

Facebook
Twitter
WhatsApp

އުތުރު ކޮރެއާއިން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ ކޭސިއެންއޭއިން މިއަދު ރިޕޯޓުކޮށްފި އެވެ.

ކޭސީއެންއޭގައިވާ ގޮތުން އެގައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެނީ މީގެ ތިން އަހަރު ކުރިން ގަވާއިދާ ހިލާފަށް ދެކުނު ކޮރެއާއަށް ދިޔުމަށް ފަހު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އަނބުރާ އުތުރަށް ދިޔަ މީހެކެވެ.

އެ ހާދިސާއާ ގުޅިގެން ލީޑަރު ކިމް ޖޮންގް އުން ވަނީ އުތުރު ކޮރެއާގެ ބޯޑަރުގައި އޮންނަ ކައެސޮންގް ސިޓީ ފުރަބަންދުކޮށް، ވައިރަސް ފެތުރިދާނެތީ ކުއްލި ހާލަތު އިއުލާން ކުރައްވާފައި ކަމަށް ކޭސީއެންއޭގައިވެ އެވެ. އަދި އެ މީހާ ބޯޑަރު ހުރަސް ކުރި ގޮތް ތަހުގީގުކޮށް، އެކަމަށް މަގުފަހިކޮށް ދިން މީހުންނަށް އަދަބު ދޭނެ ކަމުގެ އިންޒާރު ކިމް ދެއްވި ކަމަށް އެ ނޫހުގައިވެ އެވެ.

ދުނިޔޭގައި ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރެން ފެށުމުން، މީގެ ހަ މަސް ކުރިން އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކޮށް އެތައް ހާސް މީހުން އެކަހެރިކޮށްފަ އެވެ. އަދި އެގައުމުން ވަނީ އެގައުމުގެ އެއްވެސް މީހަކު ވައިރަހަށް ޕޮޒިޓިވް ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ އެ ވާހަކައިގެ ސައްހަ ކަމާމެދު ޝައްކު އުފައްދާފަ އެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާ ތެރޭގައި ދެ ކޮރެއާގެ ބޯޑަރު މީހަކު ގަވާއިދާ ހިލާފަށް ހުރަސް ކުރި ކަމަށް އުތުރުން ބުނި ނަމަވެސް، ދެކުނުން އެފަދަ ރިޕޯޓެއް އަދި ކޮށްފައި ނުވެ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް