އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 އިންސައްތައިގެން މީހުންނަށް ވެކްސިންޖަހާ ނިންމުން: ރައީސް

Loading

Facebook
Twitter
WhatsApp

 

އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 އިންސައްތައިގެ މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާ ނިންމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ނިންމަވާފައިވާކަމަށާ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް އެންމެންނަށް ވެކްސިން ޖަހާ ނިންމުންކަމަށެވެ.

”ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގްރާމާގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުން.“ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހާނެ ވަރަށް ވެކްސިން ގަނެފައި ހުރިކަމަށެވެ.

“ ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، މާތް ﷲގެ އިރާދަފުޅާއެކު، ރާއްޖެއަށް ހުރީ ވެކްސިން ގެނެވިފައި، އެހެންކަމުން، މިފުރުސަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާކަމަށާއި،
މި ހާލަތަކީ މުޅި ގައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ހާލަތެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ  ވިދާޅުވީ، ކޮވިޑާއެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި  ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އާންމު ދިރިއުޅުމާއިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.

އަދި މި ދަތި ދަނޑިވަޅުގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުންއަންނަނީ ރައްޔިތުންނާ ގުޅުންހުރި މަޝްރޫއުތަށް ހުއްޓުމެއްނެތި ކުރިއަށް ގެންދަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ސަރުކާރުން މަސައްކަތް މިކުރަނީ ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު މިދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް. އޭގެ ތެރެއިންވެސް މީހުން ބިނާކުރުމާ ގުޅިފައިވާ ސްޓޫޑެންޓް ލޯނާއި ފުރަތަމަ ޑިގްރީއާ އަށް ހިލޭ ކިޔަވައިދިނުން ފަދަ، ތައުލީމާ ގުޅޭ ޕްރޮގްރާމްތަކާއި، ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވެދިނުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، ސިއްހީހިދުމަތްތައް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް، އިރާދަކުރެއްވިއްޔާ މެދުކެނޑުމެއް ނެތި އަދިވެސް ކުރިއަށް ގެންދިއުމަށް“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިނިވަން ދުވަހާ ގުޅިގެން މިއަދު ދެއްވި ހިތާބުގައި  ވަނީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ސިއްހީ ހިދުމަތްތެރިންނާއި ފުލުހުންނާއި ސިފައިން އަދި ހިލޭސާބަހަށް މަސައްކަތްކުރާ ފުރިހާ ފަރާތްތަށް ކުރައްވާ ބުރަމަސައްކަތްތައް ފާހަގަ ކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް