އެކުވެނި ޓްރެކު ސިންތެޓިކް ކޮށް، ބޮޑު ބަދަލެއް ގެންނަނީ

Loading

Facebook
Twitter
WhatsApp

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ބަދަލުކުރާނީ ސިންތެޓިކް ޓްރެކަކަށް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތް ކަމެވެ. މިހާރު ގިނަބަޔަކު ބޭނުން ކުރަމުން އަންނަ މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެތަނަކީ ރަސްމީކޮށް ކްރިކެޓް ކުޅޭ ޕިޗަކަށްވެސް ވުމާއެކު ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކުލާސްތައް ބާއްވަން ބޭނުންކުރެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މީގެ ކުރިން އެތަނަކީ ހަމައެކަނި ދުވާ ތަނެއްގެ ގޮތުގައި ބޭނުން ކުރެވޭ ތަނަކަށް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މިހާރު އޮތް ޓްރެކުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ޓްރެކެއް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު ކުރިން ޕްލޭން ކޮށްފައި އޮތީ އެ ޓްރެކުގައި އޮތް ވެލިގަނޑު ނަގައި އެއްވަރު ކުރުމަށްފަހު އަލުން ދުވާ ޓްރެކެއް އެތަނުގައި އެޅުމަށެވެ. އެކަމަކު މިހާރު އެތަން ބަދަލުވެގެން ދާނީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ ފަދަ ސިންޓެޓިކް ޓްރެކަކަށް ކަމަށް މިނިސްޓަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު އެ ޓްރެކުގައި މަސައްކަތް ކުރަމުންދަނީ ސަބް ބޭސް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި ސަރުކާރު ބަންދަށް ފަހު އެތަނުގައި ސިންތެޓިކް ޓްރެކެއް އެޅުމަށް ރަސްމީކޮށް ކުރަން ޖެހޭ ކަން ކަން ކުރިއަށް ދާނެ ކަމަށެވެ.

އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރުގެ މީހުންވެސް ކަސްރަތުކުރުމާއި، ދުވުމަށް ބޭނުން ކުރާ ތަނެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް