މިނިވަން ދުވަސް ކުރު ކުރުކޮށް.

Loading

Facebook
Twitter
WhatsApp

ފޮޓޯއިން އެފެންނަނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެއީ ރާއްޖެއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ޝަރަފުވެރި އެއް ޝަޚުޞިއްޔަތެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުލް ސައްތާރު މޫސާދީދީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާސިރުގެ ވަފާތެރި ގަދަރުވެރި ޓީމެވެ.

މިނިވަންކަން ލިބުނުތާ ވިއްސަކަށް އަހަރު ފަހުން އެއް ފަހަރަކު ރަސްމީ ދަތުރުފުޅެއްގައި ސިލޯނަށް ވަޑައިގަތެވެ. ކޮންމެ ވެސް އެއްޗެއް ބައްލަވައި ގަތުމަށްޓަކައި ބާޒާރަށް ނިކުމެ ވަޑައިގެންނެވި ރެޔެކެވެ. އަރިހުގައި ދިވެހި ސަފާރާގެ މުވައްޒަފަކު ހުއްޓެވެ.

”ތިޔަ އަގު ދެވޭ ވަރަކަށް ފައިސާ އެއް ނެތް، ޝުކުރިއްޔާ“ ސެކެޓްރީއަށް އިވުނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢަބްދުލް ސައްތާރު މޫސާދީދީ މިހެން ވިދާޅުވި އަޑެވެ. ކުއްލި ސަމާލުކަމެއް އެ ކަމަށް ދީ، ވިސްނައިލުމުން އެނގުނީ އެ ބޭނުންފުޅުވި އެއްޗެއްގެ ބައްލަވައިގަތުމުގެ އަގަށް ވާ ވަރަށް އަތްޕުޅުގައި ފައިސާ ނެތީތީ އެ ބޭނުންފުޅުވި އެއްޗެއް ބައްލަވައިގަނެވެން ނެތް ވާހާކަ އެ ވިއްކަން ހުރި މީހާ ގާތު ވިދާޅުވަނީކަމެވެ.

ކުއްލިއަކަށް އެއްލުނު ކަޅިއަކުން ކަމެއް އަޅައިގަތެވެ. ޢަބްދުއްސައްތާރުގެ އަތްތިލަފުޅުތެރޭގައި އޭރު އަދި ހުޅުވައިލެވިފައި އޮތް ވޮލެޓް ގައި އެ އަށްވުރެ މާ ގިނައިންވެސް ފައިސާ އެބަހުއްޓެވެ. އެތައް ޑޮލަރެކެވެ. އެކަމަކު އެފައިސާ ހުރީ މެދުން ސުރެންސުރެން ދިގަށް އޮތް ކަރުދާސްފަށެއްގެ އަނެއް ފަރާތުގައެވެ. ކުޑަކޮށް ފޮރުވިފައެވެ. ވީމާ ފެނިވަޑައިނުގަތީތާއެވެ. ”ބައްލަވާ! އެހެރީ ނޫންތޯ ފައިސާ، އެ ކަރުދާސްކޮޅުގެ އަނެއް ފަރާތުގައި“ ސެކްރެޓަރީ ހަނދުމަފުޅުއަރުވާ މައްސަލައިގެ ހައްލު ހޯދައިިދިނެވެ.

އެ ވަގުތު އޭނާއާއި ހަތަރުކަޅި ހަމަކޮށްލައްވައިފައި ހިމޭން ހަރުދަނާ އަޑުފުޅަކުން ޢަބްދުއްސައްތާރު ވިދާޅުވިއެވެ. ކަރުދާސްކޮޅު އެ ފަރާތުގައި އެހުރީ ދައުލަތުގެ ފައިސާއެވެ. އަހަރެންގެ ފައިސާ މިހިރީ މިފަރާތުގައެވެ. ގަންނަން މިއުޅެނީ އަހަރެންގެ އަމިއްލަ ބޭނުމަކު ގަންނަ އެއްޗެކެވެ. މިފަރާތުގައި މިހުރި ފައިސާއިން އޭގެ އަގު ހަމައެއް ނުވެއެވެ. އެހެންވީމާ ގަނެވެން ނެތީއެވެ.

މިއީ ޙަގީގީ ޙާދިސާއެއްކަމުގައި ކިޔައިދެއްވިފަރާތުން ވިދާޅުވެފައިވެއެވެ. މިއަދުގެ ދިވެހި ޒުވާނުންނަށް އެބަ އެގެންޖެހޭ ދިވެހިރާއްޖޭގައި ވެރިކަން ރައްޔަތުންގެ ޚާދިމުންގެ ގޮތުގައި ވެރިކަން ކޮށްދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔަތުންނަށް ދައުލަތަށް އަމާނާތްތެރި ހެޔޮލަފާ ބޭފުޅުން އުޅުއްވައިފާވާކަން. އޭނާ ވިދާޅުވެެއްވިއެވެ.

އެހެނަސް އެއީ އެދުވަސްވަރެވެ. އެބޭފުޅުންގެ އެ އަމާނާތްތެރި ހެޔޮލަފާ ބުރަ މަސައްކަތުން ނޫންނަމަ މި 26 ޖުލައި ދިވެހި ރާއްޖޭގެ މިނިވަންދުވަހަކަށް ވުމަކީ ބިލާހެކެވެ. ރައިސް އިބުރާހިމް ނާސިރާއި އެމަނިކުފާނުންގެ މި ޓީމަށް ދިވެހިން އަބަދުވެސް ޝުކުރުވެރިވެ އެބޭފުޅުންނަށް ހެޔޮދުޢާކުރަން ޖެހެއެވެ. މާތްﷲ އެބޭފުޅުންގެ ފުރާނަފުޅު ސުވަރުގޭގެ ދާއިމީ ނިއުމަޢުމަތުގައި ލަހަށްޓަވާށިއެވެ. އާމީން!

މިއަދު 26 ޖުލައި 2021 ފަހަގަ ކުރާއިރު ހަތަރެސްފަރާތުން މިވަނީ ދިވެހި ދައުލަތަށް ބުރަބޮޑުވެ މިނިވަންކަމަށް ބުރޫ އަރާހިސާބަށް ކަންތައްތަށް މަސްހުނި ކުރުވާފައެވެ. ވެރިކަމުގެ ލައްޒަތުގައިޖެހި ދައުލަތުގެ ޚަޒާނާ ލޫޓުވުމަށް ފައިނަގާފައިތިބި ޚާއިނުންގެ ބައި މިދަނީ ބޯވަމުންނެވެ. ގިނަބަޔަކަށް ބޮޑުވަރިހަމަ ކަހަލައެވެ. ދައުލަތުން ލޫޓުކުރާ ”ޣަނީމާ“ ބައި އެޅޭނަމަ ކޮންމެފަދަ ޚިޔާނާތެއް ދައުލަތަށާއި ރައްޔަތުންނަށް ވަމުން ދިޔަނަމަވެސް ގައުމުގެ ޙައްގުގައި ރައްޔަތުންގެ ޙައްގުގައި އީމާންދާރީކޮށް ޚިދުމަތްކޮށްލަދޭނެ ދިވެހިންގެ ޚާދިމު ވެރިއަކު ނެތޭބުނުމުން މާބޮޑު ދޮގަކަށް ނުވާނެއެވެ. ނަތީޖާއަކީ އެފަދަ އިއްޒަތެރި ރައްޔަތުންނާއި ދައުލަތްދެކެ ލޯބިވާ ތެދުވެރީން ހޯއްދަވާދެއްވި މި ފަޚުރުވެރި މިނިވަންކަންވެސް ނަމެއްގައި އޮތުމެވެ. އެއަށްވުރެ ބޮޑުދެރައެއް ގައުމަކަށް އޮންނާނެތޯއެވެ.

ތިޔަ ފެނިވަޑައިގަންނަވަނީ ދިވެހި ދައުލަތުގެ އިއްޒަތްތެރި ޚާދިމު ވެރީންނެވެ. އެބޭފުޅުންގެ ވަފާތެރި ހީވާގި މަސައްކަތަށް މިއަދު ޝުކުރުވެރިވުން ޙައްގެވެ. ވެރިކަމަކީ ހަމަ ކޮންމެ މީހަކަށް ކުރެވިދޭނެ ކަމެއްކަމުގައި ގަބޫލު ނުކުރުމަށް މިއަދު ޢަޒުމް ކަނޑައަޅާމާތޯއެވެ. ގައުމުގެ މިނިވަންކަން ދެމެހެއްޓި ގައުމާއި ރައްޔަތުންގެ ކުރިމަގު އުޖާލާވާނީ އޭރުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް