ތިން ގެރިއަކާއި ސިންގާއެއްގެ ވާހަކަ

322
vaahaka

ޖަންގަލީގެ އެއްފަރާތެއްގައި އޮތް ހާމަ ފެހި ދަނޑެއްގައި ތިން ގެރި އުޅުނެވެ. ހުދު ކުލައިގެ ގެރިއަކާއި ގަދަ ރަތް ކުލައިގެ ގެރިއަކާއި ކަޅު ކުލައިގެ ގެރިއެކެވެ. ވަރަށް އެކުވެރިކަމާއިއެކު ތިން ގެރި އޭގެ ދުވަސްތައް ވޭތުކުރަމުން ދިޔައެވެ. ކެއުން ބުއިމުގެ އެއްވެސް ދަތިކަމެއް މެދުވެރިއެއް ނުވެއެވެ. ގަވާއިދުން ވާރޭ ވެހޭތީ ފެން ލިބެއެވެ. އަދި އެހެންވެ، ދަނޑުގެ ވިނަގަނޑު އަބަދުވެސް، އާރޯކަންމަތީ ތާޒާކޮށް އޮވެއެވެ. ބޭނުންވި ވަރަކަށް ވިނަލިބެން އޮވެއެވެ. ކޮންމެ އަކަސް، ތިން ގެރި ވަރަށް ވެސް އެކުވެރިކަމާއި ރަހުމަތްތެރިކަމާއިއެކު، ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެމުން، އޭގެ ދުނިޔަވީ ދުވަސްތައް ވޭތުކުރަމުން ދިޔައެވެ.

މިހެން އުޅެނިކޮށް، ދަނޑުގެ އުތުރުން އޮންނަ ބޮޑު ޖަންގަލީގައި އުޅޭ ބޮޑު، ވަރު ގަދަ ސިންގާއަކަށް މިތަން ފެނިއްޖެއެވެ. ސިންގާއަށް ތިން ގެރި ފެނުމުން، އެ ތިނެއްޗަށް ދަހިވެތިވެ، ތިން ގެރި ވެސް ކާލާ ހިތްވެއްޖެއެވެ. ނަމަވެސް، ސިންގާއަށް ވިސްނުނު ގޮތުގައި، މިއީ މާ ފަސޭހަކަމަކަށް ނުވާނެއެވެ. ސަބަބަކީ ތިން ގެރި އެކުވެރިކަމާއިއެކު އުޅުމެވެ. އެހެންވެ، އެތަނުން އެއް ގެރިއަކަށް ހަމަލާދީފި ނަމަ، އަނެއް ދެ ގެރި، އެއަށް ހަމަލާދެވެނުގެ ގެރީގެ ދިފާއުގައި ނިކުންނާނެތީއެވެ.

ސިންގާ  މިކަމާ މެދު ވަރަށް ވިސްނިއެވެ. ތިން ގެރި އެންމެ ފަސޭހައިން ކާލެވޭނީ ކިހިނެއް ކަމާ މެދު ދުވަސްތަކެއް ވަންދެން ފިކުރުކޮށް ނަޒަރު ހިންގިއެވެ. އެންމެ ފަހުން، ސިންގާގެ ވިސްނުމަށް މޮޅު ޚިޔާލެއް އައެވެ. ކޮންމެވެސް ގޮތަކުން ތިން ގެރީގެ މެދުގައި އޮތް އެކުވެރިކަމުގައި ރެނދުއަޅުވައިލުމެވެ. ދެން، މަޑުމަޑުން ނަމަވެސް، އެ ރެނދު ފޭކޮށް، ބޮޑުކޮށް، ތިންގެރީގެ މެދުގައި އޮތް އެކުވެރިކަން ނެތިކޮށްލުމުގެ މޮޅު ޚިޔާލެވެ. މިކަމަށް އަމަލީ ސިފަ ގެނައުމުގެ ގޮތުން، ސިންގާ ނިންމީ ކޮންމެ ވެސް އެއް ގެރިއަކާ ގާތް ގުޅުމެއް އުފައްދާށެވެ.

މިގޮތަށް ކަންތައް ކުރަން ނިންމައި، ސިންގާ ގެރިތަކަށް ފާރަލާން ފަށައިފިއެވެ. އަދި، އެއްދުވަހަކު، ޖަންގަލީގެ ތެރޭގައި، ދަނޑުގެ އެއްފަރާތުގައި، ފިލައި އޮއްވާ، ކަޅު ގެރި ފާޚާނާކޮށްލަން އެއްފަރާތެއްގައި އެކަހެރި ވެލައިގެން އޮތްތަން ފެނުމުން، އޭގެ ކައިރިއަށް ޖެހިލިއެވެ. ކަޅު ގެރިއަށް، ސިންގާ ފެނުމުން، ބިރުގަނެ އަވަސް އަވަހަށް ކުރަން އުޅުނު ކަންތައް ކޮށް، ދުރަށް ދާން އުޅުނެވެ. ދެން، ސިންގާ އަދިވެސް ކައިރިއަށް ޖެހިލާފައި ބުންޏެވެ. ކަން ބޮޑު ނުވާށެވެ. މިހާރު ޖަންގަލީގެ ގާނޫނުތައް ބަދަލުވެއްޖެއެވެ. އަދި ޖަންގަލީގެ އެންމެނަށް ފައިދާ ކުރާނޭ ފަދަ ވަރުގަދަ ގާނޫނެއް ވެސް ފާސްވެއްޖެއެވެ. އެގާނޫ ބުނާ ގޮތުގައި ޖަންގަލީގެ އެއްވެސް ޖަނަވާރަކު، މީގެ ފަހުން، އެހެން ޖަނަވާރެއް ކައިގެން ނުވާނޭ ކަމެވެ. ހުރިހާ ޖަނަވާރެއްގެ ކެޔުން، ހަމަ ކަލޭމެން ގެރިން ފަދައިން، ފަތާއި ވިނައާއި ގޮވާމުގެ ބާވަތަށް ބަދަލުކުރާ ގޮތަށް، މި ފާސްކުރި އާ ގާނޫނުގެ މަތިން ހަމަޖެހުނީއެވެ. އެހެންވެ، އަހަރެން މިތަނަށް މިއައީ ކަލޭމެންނާ ބައިވެރިވެ، ކަލޭމެންގެ އިޒުނައާއި ވެސް އެކު، ވިނަކޮޅެއް ހަފާލުމުގެ ބޭނުމުގައެވެ.

ދެން، ކަޅު ގެރި، އެހެން ގެރިން ގާތު، ސިންގާގެ ވާހަކަ ބުނުމަށް ފަހު، ސިންގާ ވެސް އެމީހުންގެ ދަނޑަށް އައިސް ދަނޑުން ވިނައާއި ފަތް ކެޔުމުގައި، އެމީހުންގެ އެއްވެސް އިއުތިރާޒެއް ނެތްކަން ސިންގާއަށް އެންގިއެވެ. މިކަމާ މެދު ސިންގާ ހިތް ހަމަޖެހި، އުފާކޮށް، ތިން ގެރިއަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރިއެވެ. އަދި، ގަވާއިދުން ގެރިންގެ ދަނޑަށް އައިސް، ގެރިންނާ ވާހަކަ ދައްކާލައި، ބައެއް ފަހަރު ސަމާސާ ވެސްކޮށްލައި ވިނަ ވެސް ކާކަމަށް ހެދިގެން އުޅުނެވެ.

މިހެން، ދެތިން ހަފްތާވީ ފަހުން، އެއް ދުވަހަކު، ދަނޑުގެ އެއްފަރާތެއްގައި އެކަހެރިކޮށް ހެނދުނުގެ ނާސްތާ ކޮށްލަން ކަޅުގެރި އޮއްވައި، ސިންގާ ވެސް ދަނޑަށް އައެވެ. އަދި ކަޅު ގެރި ކައިރިއަށް ޖެހިލިއެވެ. ދެން ސިންގާ ކަޅުގެރި ގާތު ބުންޏެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭ ތިމަންނައަށް ފާހަގަވީ ކަމެއް ބުނަން ހެއްޔެވެ؟ ކަލެއާއި ރަތްގެރިއާ ދެގެރީގެ ދެމެދުގައި ހާދަ ގާތް ގުޅުމެއް އެބަ އޮތެވެ. އެހެން އެވަނީ ކަލޭމެން ކުލަ އެއްގޮތްވީމާހެން ހީވެއެވެ. ކޮންމެ އަކަސް ކަލޭމެން ދޭތި ވަރަށް ވެސް އެކުވެރިވެފައި ވަރަށް ބޮޑަށް އެކަކު އަނެކަކަށް އަޅާލާތަން އަހަންނަށް ފާހަގަކުރެވެއެވެ. އަދިވެސް ސިންގާ ބުންޏެވެ. ތިމަންނައަށް ފެންނަ ގޮތުގައި ހުދު ގެރިއަކީ ވަރަށް ވެސް ބޮޑާ ކިބުރުވެރި ގެރިއްގެ އެކެވެ. މިއީ ކަލޭމެން ގެރިންގެ ކިބައިން އަހަރެން އެއްގޮތަކަށް ވެސް ނުދެކޭ ސިފައެކެވެ. ތިމަންނައަށް ހީވަނީ ހުދު ގެރި ހުދުވީމާ އޭގެ ކުލައާ މެދު، ބޮޑާވެ ކިބުރުވެރި ވެގަންނަނީ ކަމަށެވެ. އަދި ކަލޭމެން ދެގެރީގެ ވެސް ކުލަ އަނދިރިވީމާ އެކަމާ ކަލޭމެންނަށް ނަފުރުތުގެ ލޮލުން ބަލައި ކަލޭމެން ދެގެރި ވެސް ދެރަކޮށްލަނީ ހެންނެވެ. އަހަންނަށް ފެންނަނީ ހުދު ގެރި މިދަނޑުން ބޭރުކޮށްލާށެވެ. އޭރުން، އެފަދަ ކިބުރުވެރި ގެރިއެއްގެ ނަފުރަތުގެ ލޮލޮގެ ވިހަ ތީރުތަކުން ކަލޭމެންނަށް ސަލާމަތްވެވޭނޭ ނޫން ހެއްޔެވެ؟ އަދި މީގެ އިތުރުން، މި ދަނޑުވެސް ކަލޭމެން ދެމީހުންނަށް ލިބޭނޭ ނޫން ހެއްޔެވެ؟ މިއީ ކަލޭމެންގެ މުސްތަގުބަލަށް ބަލާއިރު، ކަލޭމެންނަށް ފައިދާ ކުރާނޭ ކަމެއް ނޫން ހެއްޔެވެ؟ މިކަމާ ކަލޭމެން ދެގެރިވެގެން ވިސްނާލުން މުހިއްމެވެ! ކަޅު ގެރި ގާތު މިވާހަކަތައް ދައްކާފައި، ސިންގާ ހިނގައްޖެއެވެ.

އަނެއްކާ ވެސް އެހެން ދުވަހަކެވެ. ކަޅު ގެރި އެކަނި އޮއްވާ، ސިންގާ އައިސް، ހާލުއަހުވާލު އަހާލުމަށް ފަހު، ވާހަކަ ދައްކަން ފެށިއެވެ. ކުރީ ދުވަހު ދެއްކި ވާހަކައާ މެދު ވިސްނިންތޯއާއި އަދި އެކަމާ މެދު ދެކެނީ ކިހިނެއްތޯ އެއްސެވެ. އަދި ހުދު ގެރީގެ ބޮޑާކަމުގެ ވާހަކައާއި ހުދު ގެރި ދަނޑުން ބޭރުކޮށްލެވިއްޖެ ނަމަ، މުޅި ދަނޑު ކަޅުގެރިއާއި ރަތް ގެރިއަށް ލިބޭނޭކަން ވެސް ހަނދާންކޮށް ދިނެވެ. ދެން، އިރު ކޮޅަކު މަޑުން އޮވެލާފައި ކަޅު ގެރި ބުންޏެވެ. ތި ދެއްކީ ހަމަ ބުއްދި ގަބޫލުކުރެވޭ، ހަމަޖެހޭ، ވާހަކަތަކެކެވެ. ކަލޭ އެހެން ބުނުމުން، ބައެއް ފަހަރު، ހުދު ގެރި ބޮޑާ ހެން މިހާރު، އަހަރުމެންނަށް ވެސް ހީވާން ފަށައިފިއެވެ. އަދި، ހުދު ގެރި ނެތިއްޖެ ނަމަ، މުޅި ދަނޑު ވެސް އަހަރުމެންގެ އެއްޗަކަށް ވާނެތާއެވެ. މިވާހަކަތައް އަހަރެން ރަތް ގެރި ކައިރީގައި ވެސް ބުނެ ކިޔައިދީފީމެވެ. އޭނާ ވެސް މިވާހަކަތައް ގަބޫލުކުރިއެވެ. އަނެއްކޮޅުން، ހުރިހާ ޖަނަވާރުންގެ ކެއުން ފަތާއި ވިނައަށް ބަދަލުކޮށްލީމާ ފަތަށް ޖެހިދާނެ ކަމުގެ ބިރު އޮތް ވާހަކަ ވެސް ރަތް ގެރި ބުންޏެވެ. ވާރޭ ވެހުން ދުރުވެއްޖެ ނަމަ، މިއީ ހަމަ ވެދާނޭ ކަމެކެވެ. މިހާރުގެ މޫސުމާ ބެހޭ ވާހަކަތައް ބުނާ ގޮތުން، މޫސުމަށް ބަދަލު އައިސް، ވާރޭވެހުން މަދުވެ، މިއީ ހަމަ ހިނގައިފާނޭ ކަމެކެވެ. ނަމަވެސް، ރަތް ގެރީގެ ސުއާލަކީ ހުދު ގެރި މިދަނޑުން ބޭރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ސިންގާ ކަންބޮޑުވުމުގެ މޫނެއް ދައްކާލާފައި ބުންޏެވެ. ތިބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. އެއީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް، ކަލޭމެން ބޭނުން ނަމަ، ކަލޭމެންނަށް ކޮށްދޭ ހެވެއްގެ ގޮތުގައި އަހަރެން ތިކަން ކުރެވޭތޯ ބަލައިދީފާނަމެވެ. ކަލޭމެންނަކީ މިހާރު އަހަރެންގެ ގާތް އެކުވެރި ރަހުމަތްތެރިން ނޫން ހެއްޔެވެ؟ ކަލޭމެންގެ މި ދަނޑަށް، އަހަރެން ކާން އައުމުގެ ހުއްދަ ވެސް ދިނީ ހަމަ ކަލޭމެން ނޫން ހެއްޔެވެ؟ އެހެންވީމާ ކަލޭމެންނަށްޓަކައި ކުޑަ ހެޔޮކަމެއް އަހަރެން ވެސް ކޮށްދޭން ޖެހޭނޭކަން އަހަރެން ހިތުގެ އަޑިން ގަބޫލުކުރަމެވެ. ކީރިތި ގުރުއާނުގެ އައްރަޙުމާނު ސޫރަތުގެ ފަސްދޮޅަސް ވަނަ އާޔަތުގައި ވެސް އޮވޭ ނޫން ހެއްޔެވެ؟ هل جزاء الإحسان إلا الإحسان، އިހުސާންތެރިކަމުގެ ޖަޒާއަކީ ހަމަ އިހުސާންތެރިކަމެވެ. އެހެންވީމާ ހެޔޮކަމެއް މީހަކު ކޮށްދީފި ނަމަ، އެމީހަކަށް އޭގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭން ޖެހޭނެ ނޫން ހެއްޔެވެ؟ މާދާމާގެ މެންދުރު ވަގުތުގައި އަހަރެން ދަނޑަށް އަންނާނަމެވެ. އެ ވަގުތު ނިދާކަމަށް ހެދިގެން، ތަންކޮޅެއް ދުރުގައި ކަލޭމެން ތިބޭށެވެ. އޭރުން، ކަލޭމެންގެ ހެވަށްޓަކައި، ކަލޭމެންގެ ލާބައާއި މަންފާއަށްޓަކައި، އަދި އަހަރުމެންގެ ރަހުމަތެރިކަމުގެ ރަމްޒެއްގެ ގޮތުންނާއި އެރަހުމަތްތެރިކަން ދިރުވައި އިތުރަށް ކުރިއަށް ގެންދިޔުމަށްޓަކައި، ހުދު ގެރީގެ މައްސަލަ ނިންމާލެވޭތޯ އަހަރެން ބަލާނަމެވެ. އަހަންނަށް މިކަން ކާމިޔާބީއާއެކު ނިންމާލެވޭތޯ ކަލޭމެން ދުއާކޮށްދޭށެވެ!

ދެން، ޖެހިގެން އައި ދުވަހު، ސިންގާ ދަނޑަށް އައެވެ. އަދި، އެކަހެރިކޮށް އޮތް ހުދު ގެރި ފެނުނެވެ. ދެން އޭގެ ކައިރިއަށް ގޮސް، ފުންމައިގެން އެއަށް ހަމަލާދީ އޭތި މަރާލިއެވެ. އަދި އޭގެ މަސްގަނޑު ވީދާ ކުދިކުދިކޮށް، ހުދު ގެރި އެއްކޮށް ކައި ހުސްކޮށްލިއެވެ. ހުދު ގެރި، ކިތަންމެ ރަނގަޅަކަށް ވެސް، ސިންގާގެ މެންދުރު ކެއުމަށް ފުދުނެވެ. ނިދާކަމަށް ހެދިގެން މިތަން ބަލަހައްޓަން ކަޅު ގެރީއާއި ރަތް ގެރި އޮތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ސިންގާ އޭގެ އާދައިގެ މަތިން ގެރީގެ ދަނޑަށް އައިސް ގޮސް އުޅުނެވެ. އެ ގޮތަށް އައިސް އުޅުމުގައި އެއްދުވަހަކު، އަނެއްކާވެސް ކަޅު ގެރިގާތު ވާހަކައެއް ބުންޏެވެ. ތިމަންނާއަށް މިހާރު ހީވެސް ނުކުރާ މަންޒަރެއް ފެންނަން ފަށައިފިއެވެ. ހުދު ގެރިއަށް މާތްކަލާނގެ ހެޔޮ ރަހުމަތް ލައްވާ ހުށިކަމެވެ! ހުދު ގެރި ނެތި ދިޔަ ފަހުން، ރަތް ގެރި މާ ހަށި ފުއްޕާލާފައި އުޅޭހެން އެބަ ހީވެއެވެ. ތިމަންނާއަށް ހީވަނީ، އޭނާ ކޮންމެވެސް ރޭވުމެއް އެބަ ރާވާ ހެންނެވެ. މި ދަނޑުން، ކަލޭ ބޭރުކޮށްލުމުގެ ރޭވުމެވެ. މި ޖަންގަލީގައި އުޅޭ ހިޔަޅުވެސް މި ދަނޑަށް އަންނަން ބޭނުންވާ ވާހަކަ މުސަޅު ގާތު ހިޔަޅު ބުނިއަޑު ތިމަންނަ އެހީމެވެ. އަދި، ރަތް ގެރީގެ ގާތަށް މުސަޅު ފޮނުވައިގެން، ކަލެއާ މެދު ކޮންމެވެސް ކަމެއް ކުރަން ބޭނުން ވާހަކަ، ހިޔަޅު ދެއްކި އަޑު ވެސް މަ އެހީމެވެ. މާ ބޮޑު ތަފްސީލެއް ނޭނގެއެވެ. އަހަންނަށް ހީވަނީ ކަލޭގެ ފުރާނައަށް ނުރައްކާ ވެއްޖެ ހެންނެވެ. ހުދު ގެރި ބޭރު ނުކޮށްލެވުނު ނަމަދޯއެވެ. އޭގެ ބަދަލުގައި ރަތް ގެރި ބޭރުކޮށްލެވުނު ނަމަ ކިހާ ރަގަޅުވީސް ހެއްޔެވެ. މާތްކަލާނގެ، އަހަރުމެންގެ ފާފަތައް ފުއްސަވައި ހުދު ގެރިއަށް ރަހުމަތްލައްވާހުށި ކަމެވެ. ދެން ކުރާނެ ކަމެއް ނެތެވެ. ނަމަވެސް، ރަތް ގެރީގެ ފަރާތުން ކަލެއަށް ގެއްލުމެއް ލިބުނަދީގެން ނުވާނެއެވެ. ހުދު ގެރި ބޭރުކުރި ގޮތަށް ރަތް ގެރި ވެސް ބޭރުކޮށްލަން ވީއެވެ. މާދަމާ އެކަމަށް ތައްޔާރުވެގެން އަހަރެން އަންނާނަމެވެ. ކަލޭ ދުރުގައި ނިދަން އޮންނާށެވެ!

އަނެއް ދުވަހު ސިންގާ އައިސް ހުދު ގެރި ކާލި ގޮތަށް ރަތް ގެރިވެސް ކާލިއެވެ. ދެން، ކަޅު ގެރިގާތު ބުންޏެވެ. މިހާރު ހުރިހާ ނުރައްކަލެއް ނެތުނީއެވެ. މުޅި ދަނޑުގެ ވެރިޔަކީ ކަލެއެވެ. ހިޔަޅަކަށް ވެސް ނޫނީ އެހެން މީހަކަށް ވެސް ކަލެއަކަށް ގެއްލުމެއް ނުދެވޭނެއެވެ. ކަލޭގެ ރައްކަލާއި ސަލާމަތައްޓަކައި، މަސައްކަތް ކުރުމުގައި، އަހަރެން އަބަދުވެސް ދެމިހުންނާނަމެވެ. މިހެން ބުނެ، ކަޅު ގެރީގެ ހިތް ހަމަޖައްސައި ދިނުމަށް ފަހު، ދަނޑުގެ އުތުރުގައި އޮތް ޖަންގަލީގެ ތެރެއަށް ވަދެ، ބަނޑުދަމާލައި އަރާމުކޮށްލުމުގެ ގޮތުން ސިންގާ ޖައްސާލިއެވެ.

ރަތް ގެރި ކާލިތާ ދެތިން ދުވަސް ފަހުން، ވަރަށް ރުޅިއައިސް ހުރެ، ގެރީގެ ދަނޑަށް، ސިންގާ އައެވެ. އަދި ވަރަށް ބާރަށް ކަޅު ގެރިއަށް ގޮވަން ފެށިއެވެ. ކަޅު ގެރި އައުމުން، ސިންގާ ބުންޏެވެ. އަހަރެން ވަރަށް ބަނޑު ހައި ވެއްޖެއެވެ. ކޮންމެސް އެއްޗެއް ކާލަން ބޭނުން ވެއްޖެއެވެ. ދަނޑުގައި މަދު ނުވާވަރަށް ވިނަ އޮތްކަން ސިންގާ ގާތު ކަޅު ގެރި ބުންޏެވެ. ސިންގާގެ ރުޅި އިތުރު ވިއެވެ. އަދި ބުންޏެވެ، ކަލޭމެން މައް، ގަބު ގެރިންނަށް އަހަރުމެންނީ ވިނަ ކާ ބައެއް ނޫންކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ކަންތައްތައް ވަމުންދާ ގޮތް ރޭކާލައި، ކަޅު ގެރި ހޭވެރިވުމުން، ބިރުން ހުރެ، ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، އެންމެ ފަހުން ބުނެވެން އޮތް ވާހަކަ ބުންޏެވެ. ‘މަނިކުފާނެވެ!’ ވަރަށް ވެސް އަދަބު ވެރިކަމާއެކު، ސިންގާއާ މުޚާތަބުކޮށް ކަޅު ގެރި ބުންޏެވެ. ‘އަޅުގަނޑުމެންގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަން ކޮބައިތޯއެވެ؟ އަދި، އެއްކަލަ ފަހުގެ ގާނޫނު ކޮބައިތޯއެވެ؟ ޖަނަވާރުން މަސްކެއުން ހަރާން ކުރި ގާނޫނެވެ؟’ ސިންގާ އަދި މާބޮޑަށް ރުޅިއައިސްފައި ބުންޏެވެ. އެގާނޫނު އުވާލިތާ މިހާރު ކިތަންމެ ދުވަހެކެވެ. އެގާނޫނު އުވާލުމުން، އެކަމުގެ ސަބަބުން އުފެދުނު އެހެން ގުޅުންތައް ވެސް ބާތިލުވީއެވެ. ޚަބަރު ދަބަރު އަޑުނާހާ ތިހެން ކަންނެތް ކަންމަތީ ދުވާލުދާ ހަތަރު ދަމު ވިނާކައިކައިފައި ދެފާދަމައިގެން ނިދަން އޮތުމަކީ މަގޭ ކުށެއް ހެއްޔެވެ؟ ދެންވެސް، އިތުރަށް މަށާ ޒުވާބުކުރަން ނަހަދާ، އަހަރެން ކެޔުމަށް ކަލޭގެ ނަފްސު ތައްޔާރު ކުރާށެވެ! ދެން ކަޅު ގެރި ބިރުން ތުރުތުރު އަޅާ އޮވެ، ބުންޏެވެ. އެންމެ ރަނގަޅެވެ. އަޅުގަނޑު ފަރިއްކުޅުއްވާލެއްވުގެ ކުރިން، އަޅުގަނޑުގެ ތިން ގޮވެލި ގޮވައި މި ހާމަ އުޑު ތެރަށް ދޫކޮށްލުމުގެ އިޒުނަ ދެއްވާށެވެ. ސިންގާ އެކަމަށް ހުއްދަ ދިނުމުން، ގެރި އެއަށް ގޮވޭ އެންމެ ބާރަކަށް، ވަރުގަދަވެގެންވި ގެރި އަޑުން ގޮވަން ފެށިއެވެ. “އަހަރުމެންގެ ދަނޑަށް ސިންގާ ވެއްދި ދުވަހު، އަހަރެންގެ ދުވަސް ހިނގައްޖެއެވެ! ހުދު ގެރި ކާލެވެނު ދުވަހު، އަހަރެން ވެސް ކާލެވުނެވެ.! ރަތް ގެރި ކާލި ދުވަހު އަހަރެން ކާލެވުނެވެ.! މިކަން އަހަންނަށް ކުރިން ވިސްނުނު ނަމައެވެ!” މި ގޮވެލިތައް ގޮވައި ހަމަ ނިމުމުން، ސިންގާ، ކަޅު ގެރި މަރާލައި ކައި ހުސްކޮށްލިއެވެ. ދެން، ޖަންގަލީގެ ތެރަށް ގޮސް، އޭނާގެ ‘މިޝަން’، އޭނާ ކުރަން ގަސްދުކުރި މުހިއްމު މަސައްކަތް، ކާމިޔާބާއެކު ނިންމާލެވުމުގެ އުފަލުގައި އަރާމުކޮށްލަން ޖައްސާލިއެވެ.

ސިންގާއާއި ތިންގެރީގެ ވާހަކަ، އިންސާނާގެ ދުނިޔެއިން ވެސް ފެނެއެވެ. ބާރުގަދަ ދައުލަތްތައް އެހެން ދައުލަތްތަކަށް ވެރިވެގަންނަ ގޮތް ބަލާލުމުންނެވެ. މިވާހަކައަކީ އަރަބި ކިޔުންތަކުގައި ދައުރު ވަމުންދާ ވާހަކައެވެ. އަރަބިންގެ މިޒަމާނުގެ ތާރީޚުން މިފަދަ ގޮތެއްގައި ކަންތައްތައް ވަމުންދާތަން ފެންނާތީ، އެކަން، އާންމުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިވާހަކަ ކިޔައި ދެވެނީއެވެ. މީގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ.

ވިހިވަނަ ގަރުނަށް އެޅުނު އިރު، އަރަބިންނާއި މުސްލިމުންގެ މެދުގައި، އާންމު ސިފައެއްގައި ގާތް އެކުވެރި ކަމެއް އޮތެވެ. އެމީހުންގެ ގުޅުން ބިނާވެފައި އޮތީ ދީނީ ގަބޫލުކުރުމެއްގެ މައްޗަށެވެ. އެމީހުން އެއްބައިކޮށް، ސިޔާސީ ގޮތުންނާއި މުޖުތަމައީ ގޮތުން ވެސް، އެހެން މީހުންނާ ތަފާތު، ވަކި، ޖަމާއަތެއް ގޮތުގައި ހަދާލަނީ އެމީހުންގެ ދީނެވެ. މިކަން، އާދެ، މުސްލިމުންނަކީ އެއް އުއްމަތެއްގެ ގޮތުގައި، ސަލާމާތް ސަލަވާތް ލެއްވި އިތުރު ރަސޫލާ މަދީނާގައި ފުރަތަމަ ދައުލަތް މީލާދީ ސަނަތުން 622ގައި ގާއިމުކުރެއްވީއްސުރެން، ކޮންމެ ވެސް ސިފައެއްގައި، 1920ވަނަ އަހަރާ ޖެހެންދެން، އެދައުލަތް އޮތެވެ. ބައެއް ފަހަރު، ވަރުގަދަ ސިފައެއްގައި ދުނިޔޭގެ ބާރެއްގެ ގޮތުގައެވެ. އަނެއް ބައިފަހަރު، ނިކަމެތިވެ، ބަލި ދާނުގައި އޮތް ބަލި، ބަލިކަށި މީހެއްގެ ހަށިގަނޑު ފަދައިންނެވެ. މި ގޮތުގައި އެއް ބައެއްގެ ގޮތުގައި އޮއްވައި، ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުން، މެދު އިރުމައްޗަށް ދަހިވެތިވެ، ސިންގާ، ގެރިންގެ ދަނޑަށް އައިހެން’ އައެވެ. ސިންގާ ގެރިންނަށް ހެޔޮ އެދިގެން، އައިހެން، އަރަބިން ނަށް ހެޔޮ އެދިގެންނެވެ. އެންމެ ފުރަތަމަ، އަރަބީންގެ ރަށް އެދައުލަތެއްގެ ދަށުގައި އޮތް އުޘްމާނީ ޚިލާފަތާ އަރަބިންނާއި ދެމެދު ނަސްލުގެ ތަފާތު ކަމެއް އޮތްކަން ހަނދާން ކޮށްދެވުނެވެ. އަރަބީންނަކީ ފަޚުރުވެރި ތާރީޚެއް އޮތް ވަކި ގައުމިއްޔަތެއް ލިބިގެންވީ ބައެއް ކަމާ، އެމީހުންނަށް މިނިވަންކަން ލިބުން ހައްގު ކަމެވެ. އަދި، އަރަބީންގެ ތެރެއިން ސިންގާ ވާހަކަ ދެއްކި ފަދަ ‘ކަޅު ގެރިއެއް’ ހޯދިއެވެ. އަދި އުޘްމާނީންނާއި ދެކޮޅަށް  ހަނގުރާމަ ކުރަނިކޮށް، އަރަބިންނަށް މިނިވަންކަން ހޯދައިދޭނޭ ވާހަކައާއި އަރަބި ބޮޑު މަމްލަކާއެއް، މާސިންގާ ރަސްކަމެއް،  މިސުރާއި ޝާމްކަރައާއި އަރަބިކަރައާއި އިރާގު ވެސް ހިމެނޭ ވަރުގެ ބޮޑު މަމްލަކާއެކެވެ. ޝާމްކަރައޭ ބުނުމުން، އަދުގެ ސީރިޔާއާއި ލުބްނާނު އަދި ޖޯޑަން އާއި ފަލަސްތީނުވެސް ހިމެނެއެވެ. ދެން، އަވާމެންދުރަކަށް ފަހުން ބަދަލުވެގެންދިޔަ، މި ހުވަފެނުގައި، އަރަބިން، ހުޅަނގުގެ ބާރުތަކާއެކު އުޘްމާނީންނާ ހަނގުރާމަކުރިއެވެ. އަދި، އުޘްމާނީން ބަލިކޮށް، އަރަބި ބިންތައް އުޘްމާނީ ޚިލާފަތުގެ ބާރުގެ ދަށުން މިނިވަންކަން ކުރެވުނެވެ. ދެން ކަންތައްވީ ކިހިނެއްތޯއެވެ؟ ފަލަސްތީނު ގެއްލުނީއެވެ. ހިޖާޒުކަރަ ފިޔަވައި، އުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް، އަރަބި ބިންތައް އިނގިރޭސިންނާއި ފަރަންސޭސީންގެ މެދުގައި ބަހާލެވުނީއެވެ. ކުރިން ހެޔޮ އެދުނު ހެޔޮއެދުމާއި، އަރަބި މަމްލަކާއެއް ގާއިމުކުރުމަށް އެއްބަސްވި އެއްބަސްވުމަށްވީ ކިހިނެއް ހެއްޔެވެ؟ ޖަނަވާރުންގެ މަސް ނުކެޔުމަށް ސިންގާ ފާސްކުރި ގާނޫނަށްވީ ގޮތެވެ. ވީނުވީ އެއް ނޭނގި އުވި ދިޔައީއެވެ.

ދެންވެސް އަރަބި ދުނިޔެއިން ފެނިގެންދިޔައީ ހަމަ އެއް މަންޒަރެކެވެ. އެމީހުންގެ މެދުގައި ހުރިއްޔާ ހުރި ތަފާތުތައް، ބޮޑުކޮށް ދައްކައި، އެއްބަޔާކާ އަނެއް ބަޔެއް ޖައްސުވައި، އެއްބަޔަކާ އަނެއްބައަކު ހަނގުރާމަކުރުވިއެވެ. ބައެއް ފަހަރު ގައުމިއްޔަތުވެ ވާހަކަ ދައްކައިގެންނެވެ. އަނެއް ބައިފަހަރު ދީނީ ތަފާތުތަކުގެ ވާހަކަ ނެގައިގެންނެވެ. އިރާގުގައި އަރަބީންނާއި ކުރުދީން ދެބަޔަކަށް ހެދުނެވެ. ނަސްލަށް ނިސްބަތްކޮށެވެ. ހަމަ އިރާގުގައި ސުންނީންނާއި ޝީއީން ބައިބައިކުރެވުނެވެ. ދީނީ ތަފާތުތަކުގެ މައްޗަށް ބިނާކޮށެވެ. ހަމަ މިފަދައިން ޔަމަނުގައި ސުންނީންނާއި ޝީއީންގެ ދީނީ ތަފާތު، ގައުމު ދެބައިކޮށްލައި ހަނގުރާމަ ކުރަންޖެހޭ ކަމަކަށް ހެއްޖެވެ. ލުބްނާނުގައި މުސްލިމުންނާއި ނަސާރާއިންނެވެ. އަދި، ސުންނީނާއި ޝީއީން ވެސް މެއެވެ. މިތަފާތުތަކުގެ މައްޗަށް ބިނާވެ ސޯޅަ އަހަރު ވަންދެން ލުބްލާނުގައި އަހުލީ ހަނގުރާމައެއް ކުރެވުނެވެ. ހަތްދިހައިގެ އަހަރުތަކުން ފެށިގެން އައިސް އަށްޑިހައިގެ އަހަރުތައް ނިމެންދެން މި އަހުލީ ހަނގުރާމަ ދެމިއޮތެވެ. އެ ހަނގުރާމަ ނިމުނުއިރު މެދުއިރުމަތީގައި އޭރު އެންމެ ކުރިއަފާފައި އޮތް ގައުމު އޮތީ ފުނޑުފުނޑުވެ ހަލާކުވެފައެވެ. މިސުރުގައި ބައެއ ފަހަރު، ގިބްތީންނާއި އަރަބިންގެ މައްސަލަ ނަގައި އަނެއްބައި ފަހަރު، މުސްލިމުންނާއި މަސީހީންގެ މައްސަލަ ނަގައި ތަން ބައިބައި ކުރެވެއެވެ. ލީބިޔާ ބައިބައި ކޮށްލެވުނީ އެކިއެކި ތަފާތު ގަބީލާތަކަށް ބަހާލައި ބައިބައި ކޮށްލެވިގެންނެވެ. އުތުރު އެފްރިކާގައި ހަމަ މިގޮތަށް އަރަބި މުސްލިމު ގައުމުތައް ބައިބައި ކޮށްލެވެނީ އަރަބިންނާއި އަމާޒިގުންގެ ނަސްލީ ތަފާތު ނަގައިނގެންނެވެ. މިފަދަ ބައިބައިކުރުމުން ގައުމުތައް ބައިކޮށްލުމުން، ‘ސިންގާއަށް’ ތަނުގެ މައްޗަށް ވެރިވުން ފަސޭހަވެއެވެ. ސިންގާ ގެރިތައް ކާލިގޮތަށް، އިހުގައި އިސްތިއުމާރީ ބާރުތައް ގައުމުތަކުގެ މައްޗަށް ވެރިވެ، އެބާރުތަކުގެ އަރުތެރަށް ގައުމުތައްލައި ދިރުވާލައެވެ. މިހާރު އެކަން އެ ގޮތަށް ކުރާކަށް ނުޖެހެއެވެ. ގައުމުތައް ބައިބައި ކޮށްލުމުން، އެތަންތަނުގެ މުއްސަނދިކަމުގެ މައްޗަށް ވެރިވެގަތުން ފަސޭހަވެއެވެ. މިކަން ގިނަފަހަރު ކުރަނީ ސިންގާ ގެރިތަކުގެ ތެރެއަށް ވަނުމަށް ބޭނުންކުރި ‘ކަޅު ގެރިއެއްގެ’ އެހީގައެވެ. އެފަދަ ކަޅު ގެރިންނަށް ސިންގާގެ އެޖެންޓުކަން ކުރުމުގެ ފުރުސަތު ލިބެނީ ތަނުގެ އާންމުންގެ މެދުގައި ހޭލުންތެރިކަން ކުޑަވީމައެވެ. އެހެންވެ، މިކަމުގެ ހަގީގީ ހައްލަކަށްވާނީ ތަނުގެ އާންމުން ހޭލުންތެރިވުމުވެ. އެމީހުންގެ މެދުގައި އުޅޭ ކަޅު ގެރިތަކުގެ އޮފުދާރު، ޗާލާކީ ވާހަކަތަކަށް ހެއްލި ނުދިޔުމެވެ.

ރާއްޖޭގައި ވެސް މިފަދަ މަންޒަރެއް މިހާރު ފެންނަމުންދާ ހެން ހީވެއެވެ. ސިންގާއެއް ރާއްޖޭ ކާލަން އުޅޭ މަންޒަރެވެ. ތިންގެރީގެ ފެހި ދަނޑުގެ އުތުރުން އޮތް ޖަންގަލީގައި އުޅުނު ފަދަ، ރާއްޖޭގެ އުތުރުގައި އޮތް ސިންގާއެކެވެ. ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން، އިންޑިޔާ އަންނަނީ ރާއްޖެއަށް ފާރަލަމުންނެވެ. އިންޑިޔާއާއި ޗައިނާއާ ދެމެދު އޮތް ހަތުރުވެރިކަމަކާއި ވާދަވެރިކަމެއްގެ ސަބަބުންނެވެ. 1962ގައި އިންޑިޔާއާއި ޗައިނާއާއި ދެމެދު ހަނގުރާމަ ކުރެވި، އިންޑިޔާ ބަލިވިފަހުން، އިންޑިޔާގެ ބައްރާއި ކަނޑުގެ ސަރަހައްދަށް، ޗައިނާގެ އެއްވެސް ބާރެއް، ނުފޫޒެއް، އޮތަ ނުދޭ ގޮތް ހެދޭތޯ އިންޑިޔާ މަސައްކަތް ފެށިއެވެ. އެހެންވެ، ޗައިނާގެ ސަރަހައްދާއި ގުޅޭ، ނުވަތަ އެހިސާބުގައި އޮތް، އިންޑިޔާގެ އަވައްޓެރި އުތުރުގެ ގައުމުތައް އިންޑިޔާގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން ހިމާލިޔާގެ މިނިވަން މަމްލަކާއެއް ކަމުގައިވާ ސިއްކިމް ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި، އިންޑިޔާގެ ބައެއް ކަމުގައި ހަދާލެވުނެވެ. އަދި، ހިމާލިޔާގެ އަނެއް މަމްލަކާ ކަމުގައި ހިމެނުނު، ބޫޓާނުގެ އަސްކަރިއްޔާއާއި ޚާރިޖިއްޔާ އިންޑިޔާގެ ބާރުގެ ދަށަށަ ގެނެސް ނުސީދާ ގޮތެއްގައި ބޫޓާން އިންޑިޔާގެ ބާރުގެ ދަށަށް ގެނެވުނެވެ. އަދި، ނޭޕާލުވެސް އިންޑިޔާގެ އަތްދަށަށް ގެނެވޭތޯ މަސައްކަތްކުރިއެވެ. އެކަން އަދި މުޅިން ކާމިޔާބު ނުވެއެވެ. ސިރިލަންކާވެސް، އިންޑިޔާގެ އަތްދަށް ގެންނަން އިންޑިޔާ ބޭނުމެވެ. ނަމަވެސް، ސިރިލަންކާގެ މީހުން ހޭލުންތެރިވެފައި، އަދި، އެމީހުންގެ އަމިއްލަ ގައުމިއްޔަތެއްގެ އިހުސާސު ވަރުގަދަ ވުމުން މިއީ މާ ފަސޭހަކަމަކަށް ނުވިއެވެ. އިންޑިޔާގެ ބޮޑުވަޒީރަކު އަވަހާރަކޮށްލެވުން މިކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މީގެ އިތުރުން، ސޭޝަލްސްއާއި މަދަގަސްކަރަ ފަދަ އިންޑިޔާ ކަނޑުގައި އޮތް ކުދި ގައުމުތަކުގައި އިންޑިޔާގެ އަސްކަރީ ޖާސޫސީ މަރުކަޒުތައް ގާއިމުކުރެވުނެވެ.

އަދި، ކުރިން ބުނިފަދައިން، ރާއްޖެ ވެސް، އެމީހުންގެ ސީދާ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށުނެވެ. ފަސްދޮޅަކުގެ އަހަރުތަކުން ފެށިގެންނެވެ. އެދުވަސް ވަރުގެ، އިންޑިޔާގެ ބައެއް ނޫސްތަކުގައި ރާއްޖެ ހިފުމުގެ އެދުން، އިންޑިޔާގެ ބޮޑުވަޒީރު ނެހެރޫ ފާޅުކުރައްވާފައި ވެއެވެ. (މި ނޫހުގެ ކޮޕީ މިލިޔުމާއެކު ފެންނަން އޮންނާނެއެވެ.) ދެން، އިގުތިސާދީ ގޮތުން ރާއްޖެ އިންޑިޔާގެ ބާރުގެ ދަށަށް ގެނެވުނެވެ. ކާޑުގެ ބާވަތްތައް އިންޑިޔާއިން އެތެރެކުރުމުގެ އެއްބަސްވުމެއްގައި އަށްޑިހައިގެ މެދުތެރޭގައި ސޮއިކުރެވުނެވެ. މިކަންކަން އޮންނަނީ އިންޑިޔާ ބޭނުން ވެއްޖެ ހިނދެއްގައި ބަދަލު ގެނެވޭ ގޮތަށެވެ. ކޯޓާތަކެއް ކަނޑައެޅި، އިންޑިޔާއިން ބޭނުންވާ އިރަކު އެކޯޓާތަކަށް ބަދަލުގެނެސް އުނިކުރެވޭ ގޮތަށެވެ. ރޯދަމަސް އައުމުން، އާންމުންނަށް މިކަމުގެ އިހުސާސުކުރެވޭނެއެވެ. ފިޔާ، އަލުވި، ފަދަ ކެއުމަށް ބޭނުންވާ ބާވަތް ބާވަތް އަގު ބޮޑުވާތީއެވެ. މިކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ، ކޮންމެ ރޯދަމަހާ ދިމާކޮށް، އެއްކަލަ ކޯޓާއަށް ބަދަލުއައުމެވެ. އަޖައިބަކީ، ކޮންމެ ރޯދަ މަހަކާ ދިމާކޮށް، ކޯޓާއަށް ބަދަލު ގެންނަން ޖެހޭ އުޒުރެއް އިންޑިޔާއަށް ކުރިމަތިވުމެވެ. ހަމަ ކޮންމެ ރޯދަ މަހަކާ ދިމާކޮށެވެ. އަދި، މިއަށް ވުރެވެސް އަޖައިބުކަން ބޮޑީ، މިކަން ކުރަން ތިބ ދިވެހިންނަށް މިނޫން ގޮތެއް އޮވެދާނެކަން ނޭނގުމެވެ. ނުވަތަ އެނގި، އެކަން ނުކުރުމެވެ. މިނޫން ގޮތެއް އޮވެދާނެކަން އެއްފަހަރު، ހަމަ ގައިމުވެސް ފެނިގެންދިޔައެވެ. އެއީ ހިލަވެއްޔާ ގުޅިގެން ދިމާވި ކަމެކެވެ. އިންޑިޔާއިން އެއްކަލަ ކޯޓާގެ ދަށުން ލިބެން އޮންނަ ހިލަވެލި ލިބުން ދަތިވީއެވެ. ދެން، ޗައިނާއިން ހިލަވެލި ގެންނަށްނ ނިންމުނެވެ. ދެންވީ ކިހިނެއްތޯއެވެ؟ އިންޑިޔާގެ އެމްބަސީ މެދުވެރިކޮށް، އެކަން ނުކުރުމަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތަށް އެންގުމެވެ. އަދި، ނުލިބޭނެ ކަމަށް ކުރިން ބުނި ހިލަވެލި ލިބެން އޮތްކަމަށް ބުނުމެވެ. އިންޑިޔާގެ ލޯނުތަކަކީ ވެސް ހަމަ މިފަދައިން އޮތް ކަމެކެވެ. މީގެ އެންމެ ރީތި މިސާލު ފެނިގެން ދިޔައީ، އިންޑިޔާ ނޭދޭ ވެރިކަމެއް ރާއްޖޭގައި، 2012ގައި ގާއިމު ވުމެވެ. އެންމެ ފުރަތަމައިން ވެސް، ރާއްޖެއަށް އެންގީ، އިންޑިޔާއަށް ދައްކަން ޖެހޭ ލޯނުތައް ވަގުތުން ދެއްކުމަށެވެ. ދެން، އެފައިސާ، އެގޮތް މިގޮތް ހަދާފައި، ހޯދައިގެން، އޭރުގެ ދިވެހި ސަރުކާރުން އިންޑިޔާއަށް ދައްކައި ލޯނު ޚަލާސް ކުރިއެއެވެ. މީގެ ތަފްސީލު މިހާރުވެސް ނޫސްތަކުން ލިބެން އޮންނާނެއެވެ.

ހަމައެކަނި، އިގުތިސާދީ ގޮތުން، ރާއްޖޭގެ ކަރަށް ފިތާލެވޭ ގޮތަށް ރާއްޖެ އޮތުމަކުން އިންޑިޔާ ހިތް ހަމަ ނުޖެހެއެވެ. އެންމެ ކުޑަވެގެން، ބޫޓާނު ފަދައިން، އިންޑިޔާގެ އަސްކަރީ ބާރުގެ ދަށަށް ރާއްޖެ ގެނައުން އިންޑިޔާ ބޭނުން ވިއެވެ. އެހެންވެ، ސިންގާ ތިން ގެރީގެ ތެރެއަށް ވަންފަދައިން، ރާއްޖެ ތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. ސިންގާ ކަންތައް ކުރިފަދައިން، ‘ކަޅު ގެރިއެއްގެ’ އެހީގައެވެ. ސިއްރިއްޔާތުއި އެ ކަޅު ގެރިއާ ވާހަކަ ދައްކައި، ސިއްރު އެއްބަސްވުންތަކެއް އެއްބަސް ވެގެންނެވެ. ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔައި، ސިންގާ ގެރިންނަށް ހެޔޮ އެދުނު ފަދައިން ރާއްޖެއަށް ހެޔޮ އެދިގެންނެވެ. އަދި، އެކަން ކުރަން ބޭނުންވަނީ، ރާއްޖޭގެ ހެވައްޓަކައި، އަސްކަރީ މަރުކަޒުތައް ގާއިމުކޮށްގެންނެވެ. އާދެ، ރާއްޖޭގެ ފުލުހުންނާއި ސިފައިން ތަމްރީނުކުރުމަށެވެ!

މީގެ އިތުރުން، ފާހަގަކޮށްލަން ޖެހޭ ކަމަކީ، ސިންގާއެއް ރާއްޖެ ވަނުމަށް ފުރުސަތު ލިބޭ އެހެން ކަންތައްތަކެއް ވެސް މިހާރު ރާއްޖޭގައި އޮތް ކަމެވެ. ގައުމު އޮތީ ޕާޓީގެ ‘ފިކުރުގެ’ ޑިމޮކުރަސީގެ އަވައިގައި ޖެހި މުޅިން ބައިބައިވެފައެވެ. ޕާޓީގެ ފިކުރޭތޯއެވެ؟ އެ ފިކުރަކީ ހުސް ޝިއާރުތަކަކެވެ! ހޮޅި ‘ސްލޯގަން ތަކެކެވެ! މިވެނި ބައެއް ވެރިކަމުގައި ތިބުމަކީ މާތްކަލާނގެ رحمة للعالمينއޭ، އާލަމްތަކަށް އޮތްފަދަ، ހެޔޮ ނަސީބކޭ މީހަކު ބުނުމުން، އެއީ ކިހިނެއްވާ ކަމެއްތޯ ސުއާލުކުރުމެއް ނެތި އެކަން ގަބޫލުކޮށް އަތްތިލަބަޑި ޖަހައެވެ. ފެންގަޑުގައި އޮތް ދޫންޏަކަށް އެ އުދުހިފައި ދިޔަޔަސް، އެއީ ހަމަ ބަކައްޓެކޭ، އެނޫން ގޮތެއް ގަބޫލުކުރަން ބޭނުން ނުވާ މީހަކު ބުނާފަދައިން ބުނެ އަތްޖަހަޖަހާ ފަދައިންނެވެ. އެބުނާ ފިކުރަކީ މިކަހަލަ ކޮސް ގޮވުންތަކުގެ މާނައަކީ ކޮބައިތޯ ނުބަލައި ތިބުމުގެ ފިކުރެވެ. ދިވެހި ބަސް ފޮތަށް ‘ފިކުރުގެ’ އާ މާނައެއް އިތުރުކުރަން ޖެހިއްޖެ ކަހަލައެވެ. އެއީ ފިކުރު މިލަފްޒަކީ އެއްވެސް މާނައެއް ނެތް، މައް، ކަނު މީހުން ވާވައްދަން ބޭނުންކުރާ ލަފްޒެއް ކަމުގެ މާނައެވެ! މީގެ އިތުރުން އަދިވެސް ގައުމު ބައިބައިވުމަށް މަގުފަހިވާ އެހެން ކަންކަމެވެ. ދެކުނުގެ ބައެއް ހިސާބުތަކުގައި، އެމީހުންނަކީ ވަކި ގައުމެއް ކަމުގެ ދައުވާކޮށް، ސުވާދީވެގެ ނަމުގައި ވަކިން ދައުލަތެއް ގާއިމުކުރުމަށް ގޮވައި، ފޭސްބުކް ފަދަ ޚަބަރުތައް ފަތުރާ އިޖުތިމާއީ ވަސީލަތްތަކުގައި އިޝްތިހާރުކުރެވެމުން ދަނީއެވެ. މިކަމުގައި ދެކުނުގެ އާންމުންގެ މެދުގައި މާބޮޑު ތާއީދެއް ނެތި ހިނގައިދާނެއެވެ. ނަމަވެސް، ލަފާކުރެވޭ ގޮތުގައި، މިއީ ވެސް ރޭވިގެން، ތަން އިތުރަށް ބައިބައިކުރުމަށް ހިންގޭ ކަންކަމެވެ. އަނެއް ކޮޅުން، އަޅުގަނޑުމެންގެ އަމްނާއި އަމާންކަން ބަލަހައްޓާ އިދާރާއަކީ ބޭކާރު ތަނެއްކަން ކެނޑި ނޭޅި، އަޅުގަނޑުމެންގެ ތެރެއަށް ވަންނަން ބޭނުންވާ ސިންގާގެ ‘ކަޅު ގެރީގެ’ އޭޖެންޓު، އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކުހެން ހަނދާން ކޮށްދެއެވެ. ނަތީޖާއަކީތޯއެވެ؟ އެމުއައްސަސާ ވެސް ބޭކާރުތަނަކަށް ވުމެވެ. ތަނުގެ، ގަވާއިދުތަކާއި ގާނޫނުތައް މުގުރައި އަމަންއާންމު ގެއްލުވާލި ބަޔަކާ މެދުވެސް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. އަންހެންނުންގެ އިއްފަތަށް އަރައިގަތުމުގެ ކުށް ކުރި ދެބަޔަކާ މެދު ދެގޮތަކަށް ކަންތައް ކުރުމެވެ. އެއްބަޔަކު އެންމެ ފަހުން ވެގެން ދިޔައީ، އަންހެނަކު، ގެނބެންދނިކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އޭނާގެ ލަދުވެތި ގުނަވަނެއްގައި، އެއްވެސް އިޚުތިޔާރަކާއި ނުލައި އޮޅޮގެން އަތް ބީހިލެވުނު ކަމުގައެވެ. އާދެ، ބޮޑެތި ބަތަލުންނަށް ވެގެންނެވެ. ކުށުގެ ބޮޑު ތުހުމަތެއް އެމީހުންގެ ބޮލުގައި އެޅި، ފެށުނު ވާހަކައެއް ސައްވީސް ގަނޑިއިރުވެސް ނުވަނީސް، ނިމުނީ އެމީހުން ބަތަލުންނަށްވެ، ގައުމީ ޝަރަފުވެރި އިނާމު ހައްގުވެގެންނެވެ. އަނެކާއަށް ޖެހުނީ މިނިސްޓިރުކަމުން އިސްތިއުފާދީ ތަހުގީގާ ކުރިމަތިލާށެވެ. މިފަދައިން، އަމަންއާންމު ބަލަހައްޓާ އަދި ތަހުގީގުތައްކުރާ އިދާރާއެއްގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ މިހެން ކަންތައްވުމުން، އެންމެނަށް ވެސް ބުނެވޭނީ އެމީހުންގެ މައްޗަށް ސިންގާގެ ސިފައިން އިސްކުރުން މޮޅު އިތުރުވެގެންވާކަމެވެ. އާދެ، ސިންގާއަށް އަޅުގަނޑުމެންގެ ގައުމު ދިރުވާލެވުމު މަގު އިތުރަށް ފަހިވީއެވެ.

ގެރިތައް ބައިބައިކޮށް، ސިންގާއަށް ގެރިތައް ކާލެވެން މަގުފަހިވި ފަދައިން، އަޅުގަނޑުމެންގެ ޖަމާއަތް މިހާރު އޮތީ ބައިބައިވެ، އަޅުގަނޑުމެންގެ ގައުމީ ބިނާގައި ރެނދުއެޅިފައެވެ. އަޅުގަނޑުމެންގެ އަމަން އަމާންކަން ރައްކާކުރަން އޮތް މުއައްސަސާއަކީ ބޭކާރު ތަނަކަށް ހެދޭތޯ މަސައްކަތްކުރެވެމުން ދަނީއެވެ. އަދި އެމުއައްސަސާގެ އަމަލުތަކުން ވެސް ފެންނަނީ އެއީ ބޭކާރު ތަނެއްގެ ގޮތުގައެވެ. މިގޮތަށް ކަންތައްތައް ކުރެވެމުން ދާއިރު، އަޅުގަނޑުމެންނަށް ފާރަވެރިވަމުން އަންނަ ސިންގާ، އޭގެ އަނގަ ތަންމިނަށް ހުޅުވާފައި، އަޅުގަނޑުމެން ކާލުން ދުރުކަމަކަށް ވުމަށް ވުރެ އެކަން ހަގީގަތަކަށްވުން ކައިރިކަން ބޮޑެވެ. ދެން ކުރެވޭ ސުއާލަކީ، މިކަން ހުއްޓުވިދާނެ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ. މިކަން މިހެންވާން ނޭދޭ ނަމަ، އެންމެ ފަހުން ސިންގާ ކާލި ކަޅު ގެރި އޭގެ އެންމެ ފަހުގެ ވަގުތުކޮޅުގައި ގޮވި ގޮވުމުން އިބުރަތް ލިބިގަންނަން ޖެހެއެވެ. ހޭލުންތެރިވާންވީއެވެ. ދެބަސްވުންތައް ހުރި ކަމުގައި ވިޔަސް އެ ދެބަސްވުންތަކަކީ ގައުމުގެ ބިނާގައި ރެނދުއެޅެވޭ ކަމަކަށް ނުހަދަންވީއެވެ. ގައުމު ބައިކޮށް ވަކި ދައުލަތްތައް ހަދަން ގޮވާ މީހުންގެ ގޮވުންތަކަށް އިޖާބަ ނުދޭންވީއެވެ. އެފަދަ ގޮވުންތައް ގޮވުން މެދުވެރިވާ ސަބަބުތައް ހޯދައި އެކަންކަން ހަމަޖައްސަން ވީއެވެ. މީހުން ދައްކާ ވާހަކަތައް ދޭހަކޮށްގަންނަން ދަސްކުރަންވީއެވެ. އަދި، މީހުން ގޮވާ ހޮއި ގޮވުންތަކަކީ ހޮއި ގޮވުންތަކެއްކަމަށް ވިސްނައި، އެކަމަށް ހެއްލި ނުދާންވީއެވެ. އެއްވެސް މާނައެއް ނެތް ޕާޓީތަކުގެ ފިކުރު ކަމުގައިވާ ހޮއި ޝިއާރުތަކުގެ، ހޮޅޮ ސުލޯގަންތަކުގެ އަވައިގައި ނުޖެހެންވީއެވެ. ގައުމަށް ޚިޔާނަތްތެރިވާ މީހުންނަށް ތާއީދުނުކުރަންވީއެވެ. އަދި، ހެޔޮލަފާ އިޚުލާސްތެރި ބައެއް އުފައްދައި، އެފަދަ ބައެއްގެ އަތް މައްޗަށް ގައުމުގެ ލަގަން ދިނުމުގެ މަސައްކަތް ކުރަންވީއެވެ. މިހުރިހާ ކަމެއްގެ ފެށުމަކީ ކިޔުމެވެ. އާދެ، ކީރިތި ގުރުއާނުގައި އެންމެ ފުރަތަވެސް އަމުރުކުރެވުނު ފަދައިންނެވެ. اقرأ، ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އެ އަމުރުފުޅަށް ތަބާވުމުގެ ގޮތުން، އެކަލޭގެފާނަށް ތަބާވާ އެންމެންވެސް ކިޔައި، ކިޔަވައި، ހޭލުންތެރިވާންވީއެވެ. އޭރުން، ފިކުރީ އަޅުވެތިކަމުން މީހާ ސަލާމަތްވެ، ހަގީގީ މިނިވަންކަން ލިބޭނެއެވެ. އަދި، އެއްވެސް ސިންގާއަކަށް މިނިވަނަކު އަޅުވެއްޗެއް ނުކުރެވޭނެއެވެ.

2 ހިޔާލުތައް

  1. ކަޅު ގެރި ވަނީ ކިތަންމެ ރަގަޅަކަށްވެސް ސިންގާގެ މަޅީގައި ޖެހިފަ. ގައުމުގެ ޙާލަތާއިމެދަށް ވިސްނާ ފިކުރު ކުރާ މީހިންނަށް ޑރ. ގެ މިލިޔުއްވުމުން ވިސްނޭނެ. ކަޅުގެރި ބޮލަށް ސިންގާވަނީ އެރިފާ އަދި ބުނެވިދާނެ މިތަނުގައިވެސް ކަޅުގެރީގެ ސަބަބުން ސިންގާ އެވަނީ ރަތްގެރި ކާލާފައޭ. ދެން އަނެއް ދެގެރި ސިންގާގެ އަތްދަށުން ސަލާމަތް ކުރެވޭނީ ކަޅުގެރި މައިތިކޮށްގެން. އެ ސޮރުވަނީ ސިންގާގެ އަތްދަށުން ސަލާމަތް ނުވެވޭވަރަށް ސިންގާ އާއި ގުޅިގެން ޖަރީމާ ހިންގާފަ. ދެން ވިނަގަނޑު އެއްކޮށް މުށުތެރަށް ނުލަނީސް ދެންތިބީން ކަޅުގެރީގެ އަތްދަށުން ސަލާމަތް ވާނެ ބުއްދިވެރިގޮތެއް ރާއްވަންވީ. އެނޫނީ މި ސްޓޯރީ ނިމުނުގޮތަށް މިގައުމުގެ ސްޓޯރީ ނިމިގެންދާނެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ