އެމެރިކާއާ ގުޅުން ހުރި ޖާސޫސީ މައުލޫމާތު ޗައިނާއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރި ކަމަށް ސިންގަޕޫރުގެ މީހަކު އެމެރިކާގެ ކޯޓެއްގައި އިއުތިރާފްވެއްޖެ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ޖުން ވެއި ޔިއޯ ނަމަކަށް ކިޔާ ސިންގަޕޫރުގެ މީހަކު ވަނީ 2015 އާއި މިދިޔަ އަހަރާ ދޭތެރޭ އޭނާ ގާނޫނާ ހިލާފަށް ޗައިނާގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާކަން ފެޑެރަލް ކޯޓެއްގައި އިއުތިރާފުވެފަ އެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ޔިއޯ ވަނީ އެމެރިކާގެ މީހުންނަށް އަމާޒުކޮށް ފޭކު ކޮންސަލްޓެންސީ ވެބްސައިޓެއް ހަދާ، އެ ވެބްސައިޓަށް ވަނަވަރު ފޮނުވާ ސަރުކާރާއި އަސްކަރިއްޔާގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ޗައިނާގެ ޖާސޫސީ އޮފިޝަލުންނާ ހިއްސާކޮށްފަ އެވެ.
ޔިއޯ ހައްޔަރު ކުރީ 2019އިގައި އޭނާ އެމެރިކާއަށް ބަދަލުވި ފަހުންނެވެ. އަދި އޭނާގެ މައްޗަށް ވަނީ އެމެރިކާގައި ހުރެގެން ބޭރުގެ ފަރާތެއްގެ އޭޖެންޓެއްގެ ގޮތުގައި ގާނޫނާ ހިލާފަށް މަސައްކަތް ކުރުމުގެ ދައުވާކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.
އެމެރިކާގައި އެ މައްސަލަ ފެންމަތިވެފައި ވަނީ އެގައުމުން ޗައިނާގެ ކޮންސިއުލޭޓެއް ބަންދު ކުރުމާ ގުޅިގެން ދެ ގައުމުގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެެމެރިކާގެ ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓު ބަންދު ކުރަން މިދިޔަ ހަފްތާގައި އެގައުމުން އެންގީ، ޗައިނާއިން ފިކުރީ މުދާ ވަގަށް ނަގާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ މައްސަލާގައި ޗައިނާއިން ވަނީ އެގައުމުގެ ޗަންގްދޫގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓު ބަންދު ކުރަން އަންގާފަ އެވެ.
–ވޮޝިންޓަން (ޖުލައި 25)–