ގދ. ތިނަދޫ މަސްޖިދު މަރިޔަމްގައި އީދު ނަމާދުގެ ޖަމާއަތް ކުރިއަށް ދަނިކޮށް އެ ޖަމާއަތަށް ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީން ކޮށްފައި އަންހެނަކު ދިއުމާއި ގުޅިގެން އެ މިސްކިތަށް ދިޔަ މީހުން ކޮވިޑަށް ޓެސްޓުކުރަން ފަށައިފިއެވެ.
އީދު ނަމާދުގެ ހުތުބާ ކިޔަމުން ދަނިކޮށް ކޮވިޑަށް ޕޮޒިޓިވް އެ އަންހެން މީހާ މިސްކިތަށް ވަދެފައިވަނީ ކުޑަ އަންހެން ކުއްޖަކު ގޮވައިގެންނެވެ.
މި އަންހެން މީހާ މިސްކިތަށް ވަދެ އުޅެނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާންފަށާފައެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި މޫނު ބުރުގާ އަޅައިގެން ހުރި އަންހެން މީހާ ފިރިހެނުން ނަމާދުކުރަމުންދިޔަ މި މިސްކިތަށް ވަނީ ކުޑަ އަންހެން ކުއްޖަކު ވެސް ގޮވައިގެންނެވެ. އެ އަންހެން މީހާ ވަނީ އަތުން އެކި ހަރަކާތްތައް ކުރަމުން ފިރިހެނުން ތިބި ސަފުތައް ކައިރިން އިމާމާ ކައިރިއަށް އެހެންމީހުންނަށް ކުރިމަތިވާގޮތަށް ހުއްޓި ހުރެ އަތުން އިޝާރާތްތަކެއް ކޮށްފައެވެ. އިރުކޮޅަކު އިމާމުކައިރީ ހުރުމަށްފަހު އޭނާ ބޭރަށް ނުކުތީ ބަޔަކު މީހުން އޭނާ ނުކުތުމަށް ކިޔަން ފެށުމުންނެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މަސްޖިދު މަރްޔަމް މިސްކިތުގައި އަލްހާ އީދު ނަމާދު ކުރަމުން ދަނިކޮށް އެ މިސްކިތަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ގޮސްފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން މަރިޔަމް މިސްކިތަށް ދިޔަ މީހުންގެ ރެންޑަމް ސާމްޕަލް ނަގުން މިއަދު މެންދުރުފަހު އޮންނާނެކަމަށެވެ.
ތިނަދޫއަކީ މި ފަހުން ކޮވިޑްގެ ހާލަތު އެންމެ ގޯސްވި އެއް ރަށެވެ. އެރަށުގައި މިހާތަނަށް 921 މީހަކު ކޮވިޑު ޖެހިފައިވާއިރު ދެ މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މިހާރިވެސް ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުންދާއިރު 77 މީހުން ބަލިން ފަސޭހަ ނުވެއެވެ.