ރަޝިއާ އާއި އިރުމަތީ ޔޫރަޕްގެ އިތުރު އެއާލައިންތަކުން ރާއްޖެ ދަތުރުކުރުމަށް މަޝްވަރާ ކޮށްފި

Loading

Facebook
Twitter
WhatsApp

 

ރަޝިއާ އާއި އިރުމަތީ ޔޫރަޕުގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ރަޝިއާގެ މޮސްކޯގައި ހުންނަ ދިވެހި ޓުއާ އޮޕަރޭޓިން ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފް ހޮލިޑޭސްގައި މިދިޔަ ބުދަ ދުވަހު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި މައުލޫމާތު ރެޑްވިންގްސް އެއަރލައިން އޮޕްރޭޓުކުރާ ޒިއާޓުއާސް އާއި މޮސްކޯގެ ޒުކޮވުސްކީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސީއީއޯ ތޯމަސް ވައިސްވިލާއާ ހިއްސާކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ޒިއާޓުއާސް އާއި ރިސޯޓު ލައިފް ހޮލިޑޭސް އާއި ދެމެދު އެކަމާއި ގުޅޭގޮތުން އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. ރިސޯރޓު ލައިފުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝާޒް ވަލީދެވެ. ޒިއާޓުއާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އެވެ.

މީގެ އިތުރުން ރިސޯޓްލައިފް އާއި ނޯޑުވިންޑްސް އެއަރލައިންއާއެކު ވެސް ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި  މަޝްވަރާތަކުގައިވެސް ޓޫރިޒަމް މިނިސްޓަރު ބައިވެރިވެ ވަޑައިގެން ރާއްޖެއަށް ދަތުރުފެށުމަށް އެއާލައިންތަކަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އަދި  ހާއްސަކޮށް ގަން އިންޓަރނޭޝަނަލް އެއަރޕޯރޓަށް ދަތުރުތައްފެށުމަކީ ސަރުކާރުން ވަރަށްބޮޑަށް އެދޭކަމެއްކަމުގައި މިނިސްޓަރުގެ ވާހަކަ ފުޅުގައި ވަނީ ވިދާޅުވެފައެވެ. މި މަޝްވަރާތަކުގައި ވިލާ ހޮޓެލްސްގެ ސީއީއޯ އިބްރާހިމް ސިޔާދު ޤާސިމް އާއި، ވިލާ ހޮޓެލްސްގެ ބިޒްނަސް ޑިވޮލްޕްމަންޓް ޑިރެކްޓަރ މުރާދު ހަސަން ވެސް ބައިވެރިވެފައިވެއެވެ.

މިނިސްޓަރުގެ މި ދަތުރު ފުޅަކީ މި ރިސޯރޓް ލައިފް ހޮލިޑޭސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރަޝިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 139955 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މުޅި ޖުމްލަ ފަތުރުވެރިންގެ 23.8 އިންސައްތައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް