މާދަމާ މުޅި ރާއްޖޭގައި ދިދަ ނަގާ ރައީސް ގައުމާ މުހާތަބުކުރައްވާނެ

Loading

Facebook
Twitter
WhatsApp

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ އޮންނާނީ މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރެއްވުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވާ އިހްތިފާލުތައް މި އަހަރު ނުބާއްވާގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ދިދަ ނެގުން އޮންނާނެއެވެ. އެ ރަސްމިއްޔާތު އޮންނާނީ ހެނދުނު 06:00 ގައެވެ.

މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ގައެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން އަންނާތީ މިނިވަން ދުވަހުގެ އިހްތިފާލުތައް ނުބާއްވަން ނިންމީއެވެ.

އެހެންކަމުން ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް