މާލެ އަތޮޅުގެ ދެ ކައުންސިލަރަކު ސަސްޕެންޑުކޮށްފި

97

މާލެ އަަތޮޅުގެ ދެ ކައުންސިލަރަކު ތިން މަހަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.

ސަސްޕެންޑުކޮށްފައި ވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާރިސް އާއި މާލެ އަތޮޅު ކައުންސިލް މެންބަރު މާޖިދު ސުލައިމާނެވެ. މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެ ދެ ބޭފުޅުން ވެސް ސަސްޕެންޑުކުރީ ތިން މަހަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ވާރިސް އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މާޖިދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި މާލެ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ރައޫފަށް ފޮނުވި ސިޓީއެއްގައި ވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވާރިސްއާއި ކައުންސިލް މެންބަރު މާޖިދު ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވެފައިވާކަން އޮޑިޓް އޮފީހުން ނެރެފައިވާ އެ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލްގައި އިތުރަށް ތިބުމުގެ ފުރުސަތު އެ ދެ ކައުންސިލަރުންނަށް ދޭންޖެހޭ ކަމަށް އެލްޖީއޭގެ ބޯޑަށް ނުފެންނާ ކަމަށާއި އެ ދެ ކައުންސިލަރުންގެ އެ އަމަލަކީ އެލްޖީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ މައްސަލައެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ދެ ކައުންސިލަރުން ސަސްޕެންޑުކުރީ އިދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެލްޖީއޭއަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށް އެ ސިޓީގައިވެއެވެ.

ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދުމަށް ނޫނީ ކައުންސިލް އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އަދި އެއްވެސް ގޮތަކަށް ކައުންސިލް ތަމްސީލު ކުރުން އެ ދެ ކައުންސިލަރުންނަށް މަނާވާނެ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ދެ ކައުންސިލަރުންގެ ހަވާލުގައި އަތޮޅު ކައުންސިލުގެ އެއްވެސް މުދަލެއް ނުވަތަ ލިޔެކިޔުމެއް ވާނަމަ، އެތަކެތި އަނބުރާ ކައުންސިލަށް ރައްދު ކުރުމަށް ވެސް އެ ސިޓީގައި އަންގާފައިވެ އެވެ.

އެ ދެ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވާ މުއްދަތުގައި ކައުންސިލް ހިންގާނީ ކައުންސިލްގެ ރައީސް އިބްރާހީމް ރައޫފާއި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ