ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް 1 ވަނަ އިސްލާހ ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2021 ޖުލައި 8 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި އެންމެ ކުދި، ކުދިއަދި މެދުފަންތީގެ ވިޔަފާރި ގިންތިކޮށްފައިވާ މިންގަނޑުތަކަށް އިސްލާހު ގެނެސްފައިވެއެވެ.

ހަމަ އެހެންމެ ގާނޫނުގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ގާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ގާއިމުކުރަންވާނެކަމަށާއި އެ ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އުފައްދާފައިވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ކަމުގައިވެސް މި އިސްލާހުގައި ވެއެވެ.

މީގެ އިތުރުން މި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ހިދުމަތް ދެމުންދާ މަރުކަޒުތައް ބީސީސީއިން އަލުން ޤާއިމުކުރުމާއެކު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ހިދުމަތް ދިނުމަށް އިތުރަށް ބޭނުންވާނެ މަރުކަޒުތައް، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބީސީސީއިން ގާއިމުކުރަންވާނެކަމުގައިވެސް އިސްލާހުގައި ވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ އަށްވަނަ ބާބު ކަމުގައިވާ ”ވަޒީފާ އަދާކުރާ ފަރާތްތަކާގުޅޭ“ ބާބު ވަނީ އުނިކުރައްވާފައެވެ. މީގެ އިތުރުންވެސް ގާނޫނުގެ އެކި މާއްދާތަކަށް އިތުރު ތަފްސީލުތަކާއި އިސްލާހުތައް މި ބިލުގައި ގެނެސްފައިވެއެވެ.

 

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

 

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް 1 ވަނަ އިސްލާހާއެކު ގާނޫނަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ގަނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް